ޚަބަރު

ބީއެމްއެލް ކަސްޓަމަރުންގެ އެކައުންޓުތަކުން ފައިސާނެގި މުވައްޒަފުގެ މައްޗަށް ކުށް ސާބިތުވެ ޖޫރިމަނާކޮށްފި


  • ކަސްޓަމަރުންގެ އެކައުންޓުތަކުން 480،000 ރުފިޔާއަށްވުރެ ގިނަ ފައިސާ ނެގި

  • މައްސަލަ ފުލުހަށް ހުށަހެޅީ ބީއެމްއެލް އިން

  • ގެއްލުނު ފައިސާ ކަސްޓަމަރުންނަށް ވަނީ ޖަމާކޮށްދީފައި

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް ކަސްޓަމަރުންގެ އެކައުންޓުތަކުން 480،000 ރުފިޔާއަށްވުރެ ގިނަ ފައިސާ ނެގި މުވައްޒަފުގެ މައްޗަށް ކުށް ސާބިތުވެއްޖެއެވެ.

މި މައްސަލައިގައި ކުށް ސާބިތުވެފައިވަނީ ބ. އޭދަފުށި، ހިޔާވަހި ޢަލީ މާޒިންގެ މައްޗަށެވެ. އޭނާއަކީ ބީއެމްއެލްގެ ކަސްޓަމަރ ސަރވިސް އެސިސްޓެއްގެ ގޮތުގައި ހުރި މުވައްޒަފެކެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމުގައި ވިދާޅުވީ، ޢަލީ މާޒިން ބީއެމްއެލް ކަސްޓަމަރުންގެ އެކައުންޓުތަކުން ފައިސާ ނަގާފައިވަނީ 14 މެއި 2021 އިން ފެށިގެން 23 ސެޕްޓެމްބަރ 2021 އާ ދެމެދުގައި ކަމަށެވެ. އެ މުއްދަތުގައި 13 ކަސްޓަމަރެއްގެ މައުލޫމާތު ބަދަލުކޮށް އިންޓަނެޓް ބޭންކިން މެދުވެރިކޮށް އޭނާ ފައިސާ ނަގާފައިވެއެވެ.

މި މައްސަލައިގައި ޢަލީ މާޒިން ވަނީ ކަސްޓަމަރުންގެ ހުއްދަ ނެތި 480،000 ރުފިޔާއަށްވުރެ ގިނަ ފައިސާ ނަގައިގެން ބޭނުންކޮށްފައެވެ. ޚިޔާނާތުގެ ދައުވާއަށް އިއުތިރާފުވުމާ ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ 40 ގަޑިއިރު މުޖުތަމައުއަށް ޚިދުމަތް ކުރުމުގެ އިތުރުން 56,200 ރުފިޔާއިން އޭނާ ޖޫރިމަނާ ކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ބީއެމްއެލްއިން ވިދާޅުވީ މި މައްސަލަ ބޭންކަށް ފާހަނގަވުމާއެކު ވަގުތުން އެ މުވައްޒަފު ވަޒީފާއިން އެކަހެރިކުރެވުނު ކަމަށާއި ބޭންކުން އެ މައްސަލަ ބެލިއިރު ބޭންކުގެ މުވައްޒަފު ވަނީ އޭނާ އަދާކުރާ ވަޒީފާގެ ގޮތުން ލިބިފައިވާ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ކަސްޓަމަރުންގެ އެކައުންޓުން ފައިސާ ނަގައި، އަމިއްލައަށް ބޭނުންކޮށްފައި ކަމަށެވެ.

މި މައްސަލަ ބެލުމަށްފަހު އެ މުވައްޒަފު ވަޒީފާއިން ވަކިކޮށް 7 ޑިސެންބަރު 2021 ވަނަ ދުވަހު ފުލުހަށް މައްސަލަ ހުށަހަޅައި، ކަސްޓަމަރުން އަތުން ގެއްލުނު ފައިސާ ޖަމާކޮށްދީފައިިވާ ކަމަށްވެސް އެ ބޭންކުން ވިދާޅުވިއެވެ.

ބޭންކުގައި ހިނގާފާނެ ނުރަނގަޅު އަމަލެއް ނުވަތަ އިހުމާލެއް ދެނެގަތުމަށް ބޭންކުގެ ގަވައިދުތަކާއި އުސޫލުތައް ހަރުދަނާކޮށް، އިންޓަރނަލް ކޮންޓްރޯލްތައް ބޭންކުގައި ޤާއިމްކޮށްފައިވާކަންވެސް ބީއެމްއެލްއިން ވިދާޅުވެއެވެ. އަދި އެއްވެސް މުވައްޒަފަކު ގަވައިދާ ޚިލާފު ކަމެއް ކޮށްފިނަމަ އެކަމެއް ތަޙުޤީޤުކޮށް އަޅަން ޖެހޭ އެންމެ ހަރުކަށި ފިޔަވަޅު އަބަދުވެސް އަޅާނެ ކަމަށް އެ ބޭންކުން ވިދާޅުވެއެވެ.

މީގެ އިތުރުން މުވައްޒަފެއްގެ އިހުމާލުން ނުވަތަ ގަވާއިދާ ޚިލާފަށް ކުރާ އަމަލަކުން ކަސްޓަމަރުންނަށް އެއްވެސް މާލީ ގެއްލުމެއް ނުވާނެ ކަމުގެ ޔަޤީންކަންދޭ ކަމަށްވެސް ބީއެމްއެލްއިން ވިދާޅުވެއެވެ.