ޚަބަރު

އިންކަމް ޓެކްސް ނުދައްކާ 43 ފަރާތެއްގެ ނަން އާއްމުކޮށްފި


  • މި ފަރާތްތަކަކީ އަހަރަކު 200 މިލިޔަން ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކެއް

އިންކަމް ޓެކްސްގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކާ 43 ފަރާތެއްގެ ނަން މީރާއިން އާއްމުކުރައްވައިފިއެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާއިން ވިދާޅުވީ މި ފަރާތްތަކުން މިދިޔަ އަހަރުގެ އިންކަމް ޓެކްސް ބަޔާންވެސް ހުށަހަޅާފައި ނުވާކަމަށެވެ.

މީރާއިން ދަނީ ޓެކްސް ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާއްސަ އުސޫލެއްގެ ތެރެއިން ހާމަކުރަމުންނެވެ. މި އުސޫލުގެ ތެރެއިން މިރާއިން 43 ފަރާތެއްގެ ނަން އާންމުކޮށްފައިވާއިރު، އެ ފަރާތްތަކަކީ ބޮޑެތި ޢަދަދުތަކުން ޓެކްސް ދައްކަންޖޭހޭ ފަރާތްތަކުގެ ގޮތުގައި މީރާއިން ގިންތިކޮށްފައިވާ ފަރާތްތަކެކެވެ. އެގޮތުން ނަން އާއްމު ކުރި ފަރާތްތަކަކީ އާމްދަނީ 200 މިލިއަން ރުފިޔާ ނުވަތަ އެއަށްވުރެ އިތުރުވެފައިވާ ފަރާތްތަކާއި އެ ފަރާތްތަކާއި ގުޅުން ހުރި ފަރާތްތައްކަމަށް މީރާއިން ވިދާޅުވެއެވެ.

މި ފަރާތްތަކުގެ ނަން މީރާއިން އާއްމުކޮށްފައިވަނީ، ޓެކްސް ބަޔާން ހުށަހެޅުމަށް އެކި ޒަރީއްޔާތަކުން އެންގުމަށްފަހުކަމަށް މީރާއިން ވިދާޅުވެއެވެ. އެގޮތުން އީމެއިލް، ފޯން އަދި އެސްއެމްސްގެ ޒަރީއްޔާއިން ބަޔާން ހުށަހެޅުމަށާއި ފައިސާ ދެއްކުމަށް އެންގުމުގެ އިތުރުނާ، ފައިސާ ނުދައްކާ ފަރާތްތަކަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބުތައްވެސް ހަނދާކޮށްދީފައިވާކަމަށް މީރާއިން ވިދާޅުވެއެވެ.

މީރާއިން ވިދާޅުވީ އެކި ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ޓެކުހާއި އެހެނިހެން ފައިސާ ހޯދުމުގެ ގޮތުން މީރާގެ އެންފޯސްމެންޓް ޕޮލިސީގެ ދަށުން އެޅުމަށް ކަނޑައަޅާފައިވާ އިތުރު ފިޔަވަޅުތައްވެސް ތަފާތުކުރުމެއް ނެތި އަޅަމުން ގެންދާނެކަމަށެވެ. އެހެންކަމުން ޓެކްސް ބަޔާން ހުށަހަޅާފައި ނުވާ ފަރާތްތަކުން ބަޔާން ހުށަހެޅުމަށާއި، ފައިސާވެސް ލަސްނުކޮށް ދެއްކުމަށް މީރާއިން އިލްތިމާސްކުރައްވައެވެ.

މީރާއިން ވިދާޅުވީ ނަން އާއްމުކޮށްފައިވާ ފަރާތްތަކުން ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުން، އެ ފަރާތެއްގެ ނަންލިސްޓުން އުނިކުރެވޭނެކަމަށެވެ.

ދައުލަތުގެ އިދާރާތަކުން އާއްމުކޮށްފައިވާ މައުލޫމާތުތަކުގައިވާ ގޮތުން ދައުލަތަށް އެކި ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން 15 ބިލިޔަން ރުފިޔާ އޮތީ ނުދައްކައެވެ..