ޚަބަރު

200 އަށްވުރެ ގިނަ ބައިވެރިންނާއެކު މުދައްރިސުންގެ މަހާސިންތާ ފަށައިފި


  • މިއީ ކޮންމެ 2 އަހަރުން 1 އަހަރު ބާއްވާ ކޮންފަރެންސެއް

  • މި އަހަރުގެ މަހާސިންތާގައި ބައިވެރިވުމަށް 250 ފަރާތަކުން ރަޖިސްޓަރީ ކޮށްފައިވޭ

މުދައްރިސުންނަށް ޚާއްސަކޮށްގެން ބާއްވަމުން އަންނަ ބައިނަލްއަޤްވާމީ މުދައްރިސުންގެ 7 ވަނަ މަހާސިންތާ ފަށައިފިއެވެ. މާލޭ ސީއެޗްއެސްސީގައި އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުއެވެ. މި ރަސްމިއްޔާތުގައި ތަޢުލީމީ ކަންތައްތަކާ ބެހޭ ވަޒިރު ޑރ. އިސްމާޢިލް ޝަފީޢު ބައިވެރިވެވަޑައިގަތެވެ.

ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން، އެން.އައި.އީން ކޮންމެ 2 އަހަރުން އެއް އަހަރު ބާއްވަމުން އަންނަ މި މަހާސިންތާ މާދަމާގެ ނިޔަލަށް ކުރިއަށް ދާނެއެވެ. 2 ދުވަހަށް ދެމިގެންދާ މި އަހަރުގެ މަހާސިންތާގައި ބައިވެރިވުމަށް 250 ފަރާތަކުން ރަޖިސްޓަރީ ކޮށްފައިވެއެވެ. އަދި މިއަހަރުގެ ކޮންފަރެންސްއަށް 60 ރިސަރޗް ޕޭޕަރާއި، 4 ކޭސް ސްޓަޑީ ހުށަހަޅާފައިވާއިރު 2 ކީނޯޓް އަދި 2 ޕެނަލް ޑިސްކަޝަން ކުރިއަށްދާނެކަމަށް ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

އިންޓަރނޭޝަނަލް ޓީޗާރސް ކޮންފަރެންސް ނުވަތަ ބައިނަލްއަޤްވާމީ ޓީޗަރުންގެ މަހާސިންތާގެ 7 ވަނަ އެޑިޝަނަށް ކަނޑައަޅާފައިވާ ތީމަކީ "އެޑިއުކޭޓް އެމްޕަވަރ އެލިވޭޓް އިކުއިޓެބަލް އެޑިއުކޭޝަން ފޯރ ޓުވެންޓީ ފަސްޓް ސެންޗުއަރީ އެކްސެލެންސް"އެވެ. މި މަހާސިންތާއަށް ކޮންމެ ފަހަރަކުވެސް ތީމް ކަނޑައަޅަނީ އެއިރެއްގައި ތަޢުލީމީ ދާއިރާގައި ފާހަގަކުރެވޭ ކަންކަމަށް ބެލުމަށް ފަހުގައެވެ.

2012 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި ކޮންފަރެންސް އެންމެ ފަހުން ބާއްވާފައިވަނީ 2022 ވަނަ އަހަރު ކުޅުދުއްފުށި ސިޓީގައެވެ. އެ ކޮންފަރެންސްގައި ރާއްޖެއާއި ރާއްޖޭން ބޭރުން 220 އަށް ވުރެ ގިނަ ޓީޗަރުންނާއި، ޢިލްމީ ބޭފުޅުން ބައިވެރިވިއެވެ.

ޓީޗަރުންނަށް އަމާޒުކޮށްގެން ބާއްވާ މަހާސިންތާއަކީ ސްކޫލްތަކުގައި މަސައްކަތް ކުރާ ޓީޗަރުންގެ މެދުގައި ދިރާސާ ކުރުމުގެ ސަޤާފަތެއް ޤާއިމްކުރުމަށާއި ޢިލްމީ މަސައްކަތް ކުރާ ބައިނަލްއަޤްވާމީ ފަރާތްތަކަށް ރާއްޖެ ހުޅުވާލުމަށް ކުރިއަށް ގެންދާ މަހާސިންތާއެކެވެ. މި މަހާސިންތާ މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް އެމީހުންގެ މަސައްކަތްތައް ހިއްސާކުރާނެ ޕްލެޓްފޯމެއް ހުޅުވައިދީ، ހުށަހެޅޭ ޢިލްމީ ދިރާސާތަކާއި މަސައްކަތްތަކުގެ އަލީގައި ސްކޫލްތަކުގެ ކިޔަވައިދިނުމަށް ރަނގަޅު ބަދަލުތަކެއް ގެނައުމަކީވެސް މި މހަހާސިންތާ ބޭއްވުމުގެ މުހިއްމު މަޤުޞަދެއް ކަމަށް އެން.އައި.އީން ވިދާޅުވެއެވެ.