ޚަބަރު

މެޑްރިޑް ޑާބީގައި ދަނޑަށް އެއްޗެހި އުކި މީހަކަށް އެތުލެޓިކޯއިން ސްޓޭޑިއަމަށް ވަނުން މަނާކޮށްފި


މިދިޔަ އާދީއްތަ ދުވަހު ވާދަވެރި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު "މެޑްރިޑް ޑާބީ" ގައި ދަނޑަށް އެއްޗެހި އުކި ކަމަށް ފުލުހުން ދެނެގަނެފައިވާ މީހަކަށް ދާއިމީކޮށް ސްޓޭޑިއަމަށް ވަނުން މަނާކޮށްފައިވާ ކަމަށް އެތުލެޓިކޯ މެޑްރިޑުން ބުނެފިއެވެ.

ރެއާލްއާ ދެކޮޅަށް އެތުލެޓިކޯ ކުޅުނު މެޗުގެ ދެވަނަ ހާފުގެ ކުޅުން ކުރިއަށްދަނިކޮށް ތިބައުޓް ކޯޓުއާ ބަލަހައްޓަމުންދިޔަ ގޯލްގެ ފަހަތުގައި ތިބި ސަޕޯޓަރުން ވަނީ ދަނޑަށް އެއްޗެހި އުކާފައެވެ. މިއާއެކު، މެޗުގެ ކުޅުން ވަނީ 20 މިނެޓަށް މެދުކަނޑާލައިފައެވެ. އޭރު 1-0 އިން ރެއާލް ކުރީގަ އޮތްއިރު، އަލުން ކުޅުން ފެށިގެން މެޗު ނިމެންދަނިކޮށް އިތުރުވަގުތުގެ ތެރޭގައި އެތުލެޓިކޯ މޮޅުވީ އެންހެލް ކޮރެއާ ވައްދާލި ލަނޑުންނެވެ.

"އަހަރެމެންގެ ސެކިއުރިޓީ ޑިޕާޓްމަންޓުން މިކަމުގައި ބައިވެރިވި އެހެން މީހުން ދެނެގަތުމަށް ފުލުހުންނާއެކު މަސައްކަތްކުރަމުން އެބަގެންދޭ. އެ އެންމެންނަށްވެސް ދާއިމީކޮށް ސްޓޭޑިއަމަށް ވަނުން މަނާކުރެވޭނެ،" އެތުލެޓިކޯ އިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

މީގެ އިތުރުން، ސްޓޭޑިއަމް ތެރޭގައި އެމީހަކީ ކާކުކަން ނޭނގޭ ގޮތަށް އެކަން ސިއްރުކޮށް، ފޮރުވުމަށް ބޭނުންކުރެވިދާނެ އެއްވެސް އެއްޗެއް ނުވަތަ ހެދުމެއް ބޭނުންކުރުން މަނާކުރާނެ ކަމަށްވެސް އެ ކުލަބުން ވަނީ ބުނެފައެވެ.

މި ފަހަރުގެ ސީޒަނުގެ ލީގުގައި މިހާތަނަށް ކުޅުނު ހަ މެޗަށްފަހު ލިބުނު 16 ޕޮއިންޓާއެކު އެތުލެޓިކޯ އޮތީ ތާވަލްގެ ހަތަރުވަނައިގައެވެ. އެންމެ ކުރީގައި އުޅޭ ބާސެލޯނާއާ އެ ޓީމާ ދެމެދު ފަސް ޕޮއިންޓްގެ ފަރަގެއް އޮތްއިރު، ދެވަނައިގައި އޮތް ރެއާލާ ދެމެދު ދެ ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.

އެތުލެޓިކޯ އަށް ދެން އެންމެ އަވަހަށް އޮތީ ޔުއެފާ ޗެމްޕިއަންސް ލީގުގައި ރަށުން ބޭރުގައި ބެންފީކާއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ.