ޚަބަރު

އިތުރަށް ޗާޕުކުރި ފައިސާތައް އަނބުރާ އެމްއެމްއޭއަށް ނަގަނީ


  • ނިމިދިޔަ ސަރުކާރުގައި 8.2 ބިލިޔަން ރުފިޔާ ޗާޕްކޮށްފައިވޭ

  • ފައިސާ ޗާޕުކުރުމުން އިޤްތިޞާދަށް ނުރަނގަޅު އަސަރުކުރި

‎މިދިޔަ ސަރުކާރުގައި ފައިސާ ޗާޕުކުރުމާ ގުޅިގެން ބޭންކިން ނިޒާމުގައި އިތުރުވެފައި ހުރި ފައިސާ މަދުކުރަން އޯޕަން މާކެޓް އޮޕަރޭޝަނެއް އަންނަ ނޮވެމްބަރު މަހު ފަށްޓަވާނެކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ. ބޭންކިން ނިޒާމުގައި އިތުރުވެފައި ހުރި ފައިސާ މަދުކުރަން އޯޕަން މާކެޓް އޮޕަރޭޝަނެއް ހިންގުމަށް ނިންމީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ބޯޑުން ފާސްކޮށްގެންނެވެ.

މިދިޔަ ސަރުކާރުގައި، ތިން އަހަރު ދުވަހުގެ ތެރޭގައި 8.2 ބިލިއަން ރުފިޔާ ޗާޕުކޮށްފައިވާކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭގެ ތަފާސްހިސާބުތަކުން ވަނީ ހާމަވެފައެވެ. މިއީ މީގެ 40 އަހަރު ޗާޕުކުރި ފައިސާއާއި ނުބައްދަލު ޢަދަދެއްކަމަށް ސަރުކާރުން ވިދާޅުވެފައިވެއެވެ. މިއާއެކު ރާއްޖޭގެ އިޤްތިޞާދަށް އޭގެ ނުރަނގަޅު އަސަރުކުރިކަމަށް އީޤްތިޞާދީ މާހިރުން ވިދާޅުވެއެވެ.

‎ނޫސްވެރިންނާއެކު މަރުކަޒީ ބޭންކުން ބޭއްވި ބައްދަލުވުމެއްގައި ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވީ، އެމްއެމްއޭއިން މިކަން ކުރަނީ ފައިސާ ޗާޕްކުރުމުގެ ސަަބަބުން އިޤްތިޞާދުގައި އިތުރަށް ދައުރުވަމުންދާ ފައިސާ މަދު ކުރުމަށެވެ. އެ ގޮތުން ނޮވެމްބަރު މަހުގެ ތެރޭގައި އެ މަސައްކަތް ފެށުމަށް ނިންމެވީކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

‎މަރުކަޒީ ބޭންކުން ވިދާޅުވީ އެމްއެމްއޭއިން މި މަސައްކަތް ފެށުމުން ސަރުކާރުގެ ކޭޝްފްލޯއަށް ދަތިތަކެއް އަންނާނެކަމަށެވެ. ނަމަވެސް ސިނާޢަތްތަކުގެ ތަޖުރިބާކާރުން އަދި އެހެން ބޭފުޅުންގެވެސް ލަފާއަކީ، މިއީ ކޮންމެހެން ކުރަން ޖެހޭކަމެއްކަން ގަވަރުނަރު ފާހަގަކުރެއްވިއެވެ.

އެމްއޭއިން މިކަން ކުރާނީ އެއްފަހަރާ ނޫން ކަމަށާއި، މަޑުމަޑުން މިކަން ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ގަވަރުނަރު ވިދާޅުވެފައެވެ. އެގޮތުން މާކެޓުން ފަސް ބިލިއަނާއި ހަބިލިއަން ރުފިޔާ ނަގާނެ ކަމަށް ގަވަރުނަރު ވިދާޅުވެއެވެ.

ޗާޕް ކުރުމުގެ ސަބަބުން ބޭންކިން ނިޒާމުގެ ތެރޭގައި ދިވެހި ރުފިޔާ ވަނީ އިތުރުވެފައެވެ. ކޯވިޑްގެ ހާލަތާއި ގުޅިގެން 2020 ވަނަ އަހަރާއި 2021 ވަނަ އަހަރު ފައިސާ ޗާޕުކުރުމަކީ އޭރު ކޮންމެހެންވެސް ކުރަންޖެހުނު ކަމެއްކަމަށް އޭރުގެ ސަރުކާރުން ބުންޏެވެ. ނަމަވެސް، ކޯވިޑަށްފަހު 2022 ވަނަ އަހާރާއި 2023 ވަނަ އަަހަރު އިޤްތިޞާދު އަލުން އިއާދަވާން ފެށުމުންވެސް ފައިސާ ޗާޕުކޮށްފައި ވެއެވެ. މިކަމުގެ ސަބަބުން ދިވެހި ރުފިޔާ މާކެޓުގައި އިތުރެވެ ޑޮލަރަށް އޮތް ޑިމާންޑު އިތުރުވިކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ހާމަކުރައްވާފައެވެ.

އިޤްތިޞާދީ މާހިރުން ޤަބޫލުކުރާ ގޮތުގައި ނިމިދިޔަ ސަރުކާރު ނިމުނުއިރު ޤައުމުގެ އިޤްތިޞާދު އިނދަޖެހުނު މައިގަނޑު އެއް ސަބަބަކީ ހައްދެއް، އުސޫލެއް ނެތި ފައިސާ ޗާޕުކުރުމެވެ. ބޭނުން މިންވަަރަކަށް ފައިސާ ޗާޕުކުރުމުގެ ހުއްދަ އޭރުގެ ސަރުކާރަށް ދިނީ އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮތް މަޖިލީހުންނެވެ. ރާއްޖެފަދަ ކުޑަ އިޤްތިޞާދެއް އޮންނަ ޤައުމަކަށް ފައިސާ ޗާޕުކުރުމަކީ އޭގެ ނުރައްކާ ބޮޑު ކަމެއްކަން އިޤްތިޞާދީ މާހިރުން ފާހަގަކުރައްވައެވެ.