ޚަބަރު

މެދުއިރުމަތި ހޫނު ކުރަން ޔަހޫދީން ކުރަމުންދާ މަސައްކަތްތައް ހުއްޓުވަން އީރާނުން ގޮވައިލައިފި


މެދުއިރުމަތީގެ ސުލްޙަމަސަލަސް ކަން ނަގައިލުމަށް ޒަޔަނިސްޓު ދައުލަތުގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓުވަން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް އީރާނުން އދގެ ސަލާމަތީ މަޖިލީހަށް ގޮވައިލައިފިއެވެ. އީރާނުގެ ޚާރިޖީ ވުޒާރާއިން މި ކަމަށް ގޮވައިލާފައި މި ވަނީ, ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓުވަން ބާރުއެޅުމުގެ ގޮތުން އީރާނުގެ ބާރުގަދަ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ން ޒަޔަނިސްޓުންގެ ރަށްތަކަށް އަމާޒުކޮށް ވަރުގަދަ ޙަމަލާތަކެއް ދީފައިވާ ދަނޑިވަޅެއްގައެވެ.

ފާތިޙު މަރުކާގެ 180 ހައިޕަރސޮނިކް މިސައިލް ބޭނުން ކޮށްގެން އައިއާރްޖީސީން ދީފައިވާ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އިސްރާއީލުގެ އަސްކަރީ މަރުކަޒުތަކަށެވެ. މިއީ, ލުބްނާނާއި ފަލަސްޠީނުގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނާ ގުޅިގެން އައިއާރްޖީސީން ދީފައިވާ ޙަމަލާތަކެކެވެ. އަދި, ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهގެ ވެރިޔާ އަލް-ސައްޔިދް ޙަސަން ނަޞްރުاللهއާއި, ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ ސިޔާސީ ގޮފީގެ ކުރީގެ ވެރިޔާ އިސްމާޢީލް ހަނިއްޔާގެ އިތުރުން އައިއާރްޖީސީގެ ކޮމާންޑަރުގެ ނައިބު ޢަައްބާސް ނިލްފުރޫޝާން ޝަހީދު ކޮށްލުމުން, އެ ކަމުގެ ބަދަލު ހިފުމުގެ ގޮތުން ދީފައިވާ ރައްދު ޙަމަލާތަކެކެވެ.

"އަޅުގަނޑުމެންގެ ދިފާޢީ ޙަމަލާތައް ދީފައި ވާނީ ބައިނަލްއަޤުވާމީ ޤާނޫނުތަކާއި މިންތަކުގެ ތެރެއިން, އެއީ އަމިއްލަ ދިފާޢުގައި މަސައްކަތް ކުރުމުގެ ޙައްޤުގެ ދަށުން ދީފައިވާ ޙަމަލާތަކެއް. އަޅުގަނޑުމެންގެ ޙަމަލާތައް އަމާޒު ކޮށްފައި ވާނީ ޔަހޫދީންގެ އަސްކަރީ މަރުކަޒުތަކަށް އެކަނި،" އީރާނުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ހާމަކުރިއެވެ.

އައިއާރްޖީސީން ޔަހޫދީންނަށް އަމާޒުކޮށް ވަރުގަދަ ޙަމަލާތަކެއް ދީފައިވާނީ އަމިއްލަ ދިފާޢުގައި ކަމަށް އީރާނުގެ ރައީސް މަސްޢޫދު ޕީޒިޝްކިޔާ ވެސް ވަނީ ވިދާޅުވެފައެވެ. އެކްސްގައި ޝާއިޢު ކުރެއްވި ޕޯސްޓެއްގައި ޕީޒިޝްކިޔާން ވިދާޅުވީ, އެއީ އީރާނުގެ ރައްޔިތުންގެ ދިފާޢުގައި, އަދި އެ ޤައުމުގެ މަސްލަޙަތު ޙިމާޔަތް ކުރުމުގެ ޙައްޤުގައި ދީފައިވާ ޙަމަލާތަކެއް ކަމުގައެވެ. އަދި, ޔަހޫދީންނާ ދެކޮޅަށް ހަނގުރާމައެއް ފަށަން އީރާނުން ބޭނުންނުވި ނަމަވެސް, ޔަހޫދީންގެ ޖައްބާރުކަމާއި ނުރައްކަލުން ސަލާމަތްވާން ފިޔަވަޅުތައް އަޅަމުންދާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.

ނަމަވެސް, އީރާނުގެ ޙަމަލާތަކުގެ ބަދަލު ހިފާނެ ކަމުގެ އިންޒާރު ޔަހޫދީން ވަނީ ދީފައެވެ. ޒަޔަނިސްޓުންގެ އަނިޔާވެރި ބޮޑުވަޒީރު ނަތަންޔާހޫ ބުނީ އީރާނުން ބޮޑު ކުށެއް ކޮށްފައިވާ ކަމަށާއި, އެ ކަމުގެ އަގު އީރާނުން އަދާ ކުރަން ޖެހޭނެ ކަމުގައެވެ. އަދި, ޔަހޫދީންގެ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކުރަން އިސްރާއީލުގެ އަސްކަރިއްޔާއިން ލާއިންސާނީ ޖަރީމާތައް ހިންގުމުގައި ދެމި އޮންނާނެ ކަމުގައި ވެސް އޭނާ ބުންޏެވެ.

އައިއާރްޖީސީން ބުނީ, ޒަޔަނިސްޓު ޔަހޫދީ ފައުޖުގެ އަސްކަރީ މަރުކަޒަށް އަމާޒުކޮށް ޙަމަލާ ދޭން ބޭނުން ކޮށްފައިވާނީ ފާތިޙު މަރުކާގެ ހައިޕަރސޮނިކް މިސައިލްތަކެއް ކަމުގައެވެ. މިއީ, އީރާނުން އެ މަރުކާގެ މިސައިލްތަކެއް ބޭނުން ކޮށްފައިވާ ފުރަތަމަ ފަހަރެވެ. ޙަމަލާތަކުގައި ބޭނުން ކޮށްފައިވާ މިސައިލްތަކުގެ ތެރެއިން 90 އިންސައްތަ މިސައިލް, އޭގެ އަމާޒަށް ވާސިލުވި ކަމުގައި ވެސް އައިއާރްޖީސީން ހާމަކުރިއެވެ.

ނަމަވެސް, ޔަހޫދީ ފައުޖުން ބުނީ, އެމެރިކާގެ އަސްކަރިއްޔާގެ އެހީތެރިކަމާ އެކު, އޭގެ ތެރެއިން ގިނަ މިސައިލްތައް ދިފާޢުކޮށް ވައްޓައިލާފައިވާނެ ކަމުގައެވެ. ބައެއް މިސައިލްތައް އިސްރާއީލުގެ މެދުތެރެއާއި ދެކުނުގެ ސަރަޙައްދުތަކަށް ވެއްޓުނެވެ. އަދި, ބޮޑެތި ގެއްލުންތަކެއް ލިބިފައިވީ ނަމަވެސް, އެ ގެއްލުންތަކުގެ ތަފުސީލު ހާމަ ކުރަން ޔަހޫދީން ދަނީ ދެކޮޅު ހަދަމުންނެވެ. މި ޙަމަލާތަކުގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވި ކަމުގެ ރިޕޯޓެއް ވެސް ކޮށްފައެއް ނެތެވެ.

ސެޕްޓެންބަރު 23ވަނަ ދުވަހުން ފެށިގެން ލުބްނާންގެ ޢާންމު ރައްޔިތުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ ޢާންމުންގެ ޢަދަދު ވަނީ 1,900އަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ ކުޑަކުދިން ހިމެނޭ ކަން ލުބްނާންގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 9,000އަށް އަރައެވެ.

2023 އޮކްޓޫބަރު 7ން ފެށިގެން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 41,638އަށް އުފުލިފައެެވެ. އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނޭއިރު, އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ޤަބޫލު ކުރެއެވެ. ޣައްޒާ ޢުދުވާނުގައި ޔަހޫދީ ފައުޖުން ވަނީ 96,460 މީހުން ޒަޚަމު ކޮށްލާފައެވެ.