ޚަބަރު

އިސެސްކޯ އެޑިއުކޭޝަން މިނިސްޓަރުންގެ ތިންވަނަ މަހާސިންތާގައި ތަޢުލީމާ ބެހޭ ވަޒީރު


  • މި ބައްދަލުވުން ކުރިއަށް ގެންދަނީ މިއަދުގެ ނިޔަލަށް އޮމާންގެ ވެރިރަށް މަސްކަޓްގައި

އިސްލާމިކް ވާރލްޑް އެޑިއުކޭޝަނަލް، ސައިންޓިފިކް، އެންޑް ކަލްޗަރަލް އޯގަނައިޒޭޝަންގެ 3 ވަނަ އެޑިއުކޭޝަން މިނިސްޓަރުންގެ ބައްދަލުވުމުގައި ތަޢުލީމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ބައިވެރިވެ ވަޑައިގެންފިއެވެ.

މި ބައްދަލުވުމަކީ އިސްލާމީ ޤައުމުތަކުގެ މެދުގައި އުފައްދާފައިވާ ބައިނަލްއަޤުވާމީ ޖަމުޢިއްޔާ އިސެސްކޯއިން ކުރިއަށްގެންދާ ބައްދަލުވުމެކެވެ. މި ބައްދަލުވުން ކުރިއަށް ގެންދަނީ އޮމާންގެ ވެރިރަށް މަސްކަޓްގައެވެ.

ޢަރަބި އިސްލާމީ ޤައުމުތަކުގެ އެޑިއުކޭޝަން މިނިސްޓަރުން ބައިވެރިވާ މި މުހިންމު ކޮންފަރެންސްއަށް މިއަހަރު ކަނޑައަޅާފައިވާ ޝިޢާރަކީ "ބިޔޯންޑް ޓްރާންސްފޯމިންގ އެޑިޔުކޭޝަން ސަމިޓް: ފްރޮމް ކޮމިޓްމަންޓް ޓު އެކްޝަން"އެވެ. މި ޝިޔާރުގެ ދަށުން މިފަހަރު މަޝްވަރާކުރުމަށް ހަމަޖެހިފައިވަނީ އިސްލާމީ ދުނިޔޭގައި ތަޢުލީމު ދިނުމާގުޅޭ ގޮތުންނާއި، ތަޢުލީމު ފޯރުކޮށްދިނުމުގައި ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކުރިއަށް ގެންދިއުމާއި، އާޓިފިޝަލް އިންޓެލިޖެންސްގެ ދައުރު އަދި ޑިޖިޓަލް ޓްރާންސްފޮމޭޝަން އޮފް އެޑިއުކޭޝަނާއި، އެކި ކުއްލި ޙާލަތްތަކުގައި ތަޢުލީމު ފޯރުކޮށްދިނުމުގެ މައްޗަށެވެ.

މި ކޮންފަރެންސްގެ އަމާޒަކީ ތަޢުލީމު ބަދަލުކުރުމަށް ޤައުމުތަކަށް ބާރުއެޅުމާއި، ޓްރާންސްފޯމިންގ އެޑިޔުކޭޝަން ސަމިޓުގެ ނިންމުންތައް ތަންފީޒުކުރުމުގައި ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމެވެ.

މިއަދުގެ ސެޝަންގައި މި ކޮންފަރެންސްގެ ޝިޔާރާ ގުޅޭ ގޮތުން އެކި ޤައުމުތަކުން ސްޓޭޓްމަންޓްތައް ހުށަހެޅުން ކުރިއަށްދާނެއެވެ. އެގޮތުން ދިވެހިރާއްޖޭގެ ފަރާތުން ސްޓޭޓްމަންޓް ހުށަހަޅުއްވާނީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢުއެވެ.