ޚަބަރު

ހުޅުމާލޭގައި ވޭސްޓް ޓްރާންސްފަރ ސްޓޭޝަނެއް ތަރައްޤީކުރަނީ


  • 18 މަސްދުވަހުން މަސައްކަތް ނިންމާނެ

ހުޅުމާލޭގައި ވޭސްޓް ޓްރާންސްފަރ ސްޓޭޝަނެއް ގާއިމްކުރުމަށް ބޭނުންވާ ބިން ހަމަޖެއްސުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޠާރިޤް އިބްރާހިމްއެވެ. އަދި މާލީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް އަހްމަދު މާޒިން، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއި ކުރައްވާފައިވަނީ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފަޒޫލް ރަޝީދުއެވެ.

މި މަޝްރޫޢަކީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް، އައިއެސްޑީބީގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ ވޭސްޓް މެނޭޖްމަންޓް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް ޓު އެނާޖީ ޕްރޮޖެކްޓްގެ ބައެކެވެ. މި މަޝްރޫޢުގެ ދަށުން، އެޗްޑީސީން ކުނި ބެލެހެއްޓުމަށް އެއް ހެކްޓަރުގެ ބިމެއް ކުއްޔަށް ދޫކުރާނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވަޒީރު ތާރިގް އިބްރާހީމް ވިދާޅުވީ ބަޖެޓް އޮތް ނަމަވެސް މިދިޔަ ސަރުކާރުން ހުޅުމާލޭގައި ރައްކާތެރި ގޮތުގައި ކުނި މެނޭޖްކުރުމުގެ ނިޒާމެއް ގާއިމްކޮށްފައި ނުވާކަމަށެވެ. އަދި އެކަމަށް ހާއްސަ އިސްކަމެއްވެސް ދީފައި ނުވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މި ސަރުކާރުން ހުޅުމާލޭގައި ކުނި މެނޭޖްކުރުމުގެ ފެންވަރު ރަނގަޅު ނިޒާމެއް ގާއިމްކުރުމަކީ މުހިންމުކަމެއްކަން ދެކިގެން ހުޅުމާލޭގައި ޒަމާނީ ކުނި މެނޭޖްކުރާނެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަަމަށެވެ. އެގޮތުން އެޗްޑީސީގެ އެހީގައި 1 ހެކްޓަރުގެ ބިމެއް ހަމަޖެހިފައިވާކަަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ލަސްތަކެއް ނުވެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަނެއްގެ މަސައްކަތް ފެށިގެންދާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"1 ހެކްޓަރގެ ބިން މިހާރު ވަނީ ހަވާލުކޮށްފައި. އެގޮތުން މި ބިމުގައި ލަސްތަކެއް ނުވެ ވޭސްޓް ޓްރާސްފަރ ސްޓޭޝަނެއް ހެދިގެން ދާނެ. މާލޭގައާއި ވިލިމާލޭގައި ވޭސްޓް ޓްރާންސްފަރ ހުރި އިރު މި ވީހާތަނައް ހުޅުމާލޭފައި މި ކަން ވަނީ ނުވެފައި. އެގޮތުން އެންމެ ރައްކާތެރި ގޮތުގައި ކުނި ރައްކާތެރި ކުރެވިފައިނުވޭ " ވަޒީރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ ހުޅުމާލޭގައި މިހާތަނަށް އެންމެ އެދެވޭ ގޮތެއްގައި ކުނި މެނޭޖްކުރުމުގެ ނިޒާމެއް ގާއިމްވެފައި ނެތްކަމަށެވެ.

" ވޭތުވެދިޔަ 9 މަހެއްހާ ދުވަހު ހުޅުމާލެއިން ވަރަށް ގިނަ ކުނިި ތިލަފުށްޓައް ގެންދެވިއްޖެ. މިކަން މިހިސާބައް ގޮސްފައިވަނީ އެންމެ އެދެވޭ ވަސީލައްތަކެއް ވެމްކޯއަށްވެސް ގާއިމްވެފައި ނެތް" ފަޒުލް ވިދާޅުވިިއެވެ.

ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ޒަމާނީ ފެންވަރެއްގައި ހަރުދަނާ އަދި ދެމެހެއްޓެނިވި އުސޫލެއްގެ މަތިން ކުނިމެނޭޖްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހުޅުމާލެ ވޭސްޓް ޓްރާންސްފަރ ފެސިލިޓީ އެޅުމަކީ ވަރަށް މުހިއްމު މަސައްކަތެއްކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މި މަސައްކަތަށް 13 މިލިޔަން އެމެރިކާ ޑޮލަރު ހަރަދުވާނެކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އެ ވުޒާރާއިން ވިދާޅުވީ މިމަޝްޜޫޢުގެ ދަށުން ހަދާ އިމާރާތުގެ ޑިޒައިން ނިންމުމަށްފަހު މަސައްކަތް ފަށާތާ 18 މަސްދުވަސްތެރޭގައި ނިމޭނެކަމަށެެވެ.