ޚަބަރު

އޮޕަރޭޝަން ހިރާސް ފާސް: މިހާތަނަށް 402 ތަނެއް ބަލާ ފާސްކޮށްފި


  • ކެމިކަލްގެ ވިޔަފާރިކުރަމުންދާ ތަންތަންވެސް ބަލައި ފާސްކުރާނެ

  • މިމަހުގެ 15 ވަނަ ދުވަހާއި ހަމައަށް އޮޕަރޭޝަން ހިރާސް ކުރިއަށްދާނެ

ކެމިކަލް ރައްކާކުރާ ތަންތަން ބަލައި ފާސްކުރުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސަސްއިން ކުރިއަށްގެންދާ "އޮޕަރޭޝަން ހިރާސް ފާސް"ގެ ތެރެއިން 402 ތަނެއް ބަލާ، މައުލޫމާތު އެއްކޮށްފިއެވެ.

އޮޕަރޭޝަން ހިރާސް ފާސް ކުރިއަށްގެންދަނީ މާލެ ސަރަހައްދު 10 ޒޯނަކަށް ބަހާލައިގެންނެވެ. އެގޮތުން މާލޭގެ އެކި ސަރަހައްދުތަކުގައި ފަޔަރ އެންޑް ރެސްކިޔު ސަރވިސަސްގެ ސިފައިންނާއި ދިވެހި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

އެމްއެންޑީއެފުން ޢާންމު ކޮށްފައިވާ އެންމެ ފަހުގެ މަޢުލޫމާތުގައިވާ ގޮތުން މި އޮޕަރޭޝަންގެ ފުރަތަމަ 3 ދުވަހުގެ މަތިން، އިންސްޕެކްޝަން ޓީމްތަކުން ވަނީ، މީހުން ދިރިއުޅޭ 347 އިމާރާތަކާއި، ނުރައްކާތެރި ކެމިކަލް ރައްކާކުރާ 31 ގުދަނަކާާއި ކެމިކަލް ވިއްކާ 24 ފިހާރައެއް ބަލާ، މަޢުލޫމާތު އެއްކޮށްފައެވެ..

އެމްއެންޑީއެފުން ވިދާޅުވީ، އޮޕަރޭޝަން ހިރާސް ފާސްގެ ދަށުން ޢާންމުންނަށް ނުރައްކާވާގޮތަށް ކެމިކަލް ރައްކާކޮށް، ގަވާއިދާ ޚިލާފަށް ކެމިކަލްގެ ވިޔަފާރި ކުރަމުންދާ ތަންތަނަކީ ކޮބައިކަން ދެނެގަނެވޭނެ ކަމަށެވެ. އަދި މާލެ ސަރަހައްދުގައި އަލިފާނުގެ ހާދިސާތަކަށް ނާޒުކުކޮށްހުރި ޢިމާރާތްތަކަކީ ކޮބައިކަންވެސް އޮޕަރޭޝަންގެ ދަށުން ދެނެގަނެވޭނެކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދެއްވިއެވެ.

މާލެ ސަރަހައްދުގައި ހުއްދަ ދީފައިވާ 285 ގުދަނެއް ހުރެއެވެ. މީގެ ތެރޭގައި ހިމެނެނީ މާލޭގައިހުރި 77 ގުދަނާއި ހުޅުމާލޭގައިހުރި 36 ގުދަނާއި ތިލަފުށީގައިހުރި 172 ގުދަނެވެ. ހިރާސް އޮޕަރޭޝަންގެ ދަށުން އެމްއެންޑީއެފްއިން ދަނީ މި ތަންތަނުގައި އަލިފާން ނިއްވޭނެ ރަނގަޅު ގޮތެއް ހުރިތޯ ކަށަވަރުކުރަމުންނެވެ..

ހިރާސް އޮޕަރޭޝަން ކުރިއަށްދާނީ މިމަހުގެ 1 އިން 15 ގެ ނިޔަލަށެވެ. މި އޮޕަރޭޝަނުގައި ފަޔަރ އެންޑް ރެސްކިޔު ސަރވިސަސްގެ އިތުރުން ދިވެހި ފުލުހުންގެ ޚިދުމަތާއި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑާއި ދައުލަތުގެ 6 މުއައްސަސާއެއް ބައިވެރިވެއެވެ.

ދިފާޢީ ވުޒާރާއިން މަޢުލޫމާތު ދެއްވާގޮތުގައި ހިރާސް ފާސް އޮޕަރޭޝަންގެ ދަށުން ކެމިކަލް ރައްކާކޮށްފައި ހުރި ގުދަންތަކާއި އޭގެ ވިޔަފާރިކުރަމުންދާ ތަންތަނުގެ ޑޭޓާބޭސްއެއް އެކުލަވާލެވޭނެއެވެ. އަދި އޭގައި ހިމެނޭ މަޢުލޫމާތުތައް ކަމާބެހޭ މުއައްސަސާތަކަށް ޙިއްސާކުރެވޭނެކަމަށް ދިފާޢީ ވުޒާރާއިން ވިދާޅުވެއެވެ. ހަމައެހެންމެ ގަވާއިދާ ޚިލާފަށް ކެމިކަލްގެ ވިޔަފާރިކުރަމުންދާ ތަންތަނާމެދު ފިޔަވަޅު އެޅޭނެކަމަށްވެސް ވުޒާރާއިން ވިދާޅުވެއެވެ..