ޚަބަރު

ޕޮގްބާގެ ސަސްޕެންޝަން 18 މަހަށް ކުޑަކޮށްފި


ކުޅިވަރުގައި މަނާ ބޭސް ބޭނުންކޮށްފައިވާ ކަމަށް ޕޮޒިޓިވްވުމާ ގުޅިގެން ހަތަރު އަހަރަށް ސަސްޕެންޑް ކޮށްފައިވާ ފްރާންސްގެ މިޑްފީލްޑަރު ޕޯލް ޕޮގްބާގެ ސަސްޕެންޝަން 18 މަހަށް ކުޑަށްކޮށްފިއެވެ.

މިދިޔަ ފެބްރުއަރީ މަހު ޕޮގްބާ، ހަތަރު އަހަރަށް ސަސްޕެންޑް ކޮށްފައިވަނީ އިޓަލީގެ ނެޝަނަލް އެންޓި ޑޯޕިންގ ޓްރައިބިއުނަލުންނެވެ. އުމުރުން 31 އަހަރުގެ ޕޮގްބާ ވަނީ އެނގިހުރެ މަނާ ބޭހެއް ބޭނުންނުކުރާ ކަމަށް ބުނެ، އެކަމާއި ދެކޮޅު ހަދައި، އެ މައްސަލަ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސްގައި އިސްތިއުނާފު ކޮށްފައެވެ.

ކުޅިވަރުގެ ކަންތަކުގައި ބަސް އިއްވާ އެންމެ މަތީ ކޯޓުން އިއްޔެ ނިންމާފައިވާ ގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެން ޕޮގްބާގެ ސަސްޕެންޝަން ވަނީ 18 މަސް ދުވަހަށް ކުޑަކޮށްފައެވެ. އެހެންކަމުން އަންނަ އަހަރުގެ މާޗް މަހުން ފެށިގެން ޕޮގްބާއަށް އަނެއްކާވެސް ފުޓްބޯޅަ ކުޅެވޭނެއެވެ.

ޕޮގްބާ ވަނީ އޭނާ ކުޅިވަރުގައި މަނާ ބޭހެއް ބޭނުންނުކުރާ ކަމަށާއި، އޭނާ ބޭނުންކޮށްފައިވަނީ ޑޮކްޓަރެއްގެ ލަފާގެ މަތިން އޭނާއަށް ދިން ނިއުޓްރިޝަނަލް ސަޕްލިމެންޓެއް ކަމަށް ބުނެފައެވެ. މީގެ ކުރިން މެންޗެސްޓާ ޔުނައިޑަށް ކުޅެފައިވާ ޕޮގްބާ ވަނީ އެޕީލް މަރުހަލާގައި މިދިޔަ ހޫނު މޫސުމުގައި ކޯޓުގައި އޮތް އަޑުއެހުންތަކަށް އަމިއްލައަށް ގޮސް ބަޔާން ދީ، މި މައްސަލައިގައި އޭނާ ގޯހެއް ހަދާފައި ނުވާކަން ސާބިތުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

އިޓަލީގެ އެންޓި ޑޯޕިން އެޖެންސީން ޕޮގްބާ ހަތަރު އަހަރަށް ސަސްޕެންޑް ކޮށްފައިވާއިރު, އެ ސަސްޕެންޝަނުގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރެއެވެ. އެހެންކަމުން އޭރަށް ޕޮގްބާއަށް 34 އަހަރުވެ އޭނާއަށް އަލުން ޕްރޮފެޝަނަލް ފުޓްބޯޅައިގެ ތެރެއަށް އައުމަކީ އުނދަގޫ ކަމަކަށް ވާނެއެވެ.

ފްރާންސްގެ ގައުމީ ޓީމަށްވެސް ކުޅެފައިވާ ޕޮގްބާ ފާހަގަވެފައިވަނީ ދުނިޔޭގައި ތިބި އެންމެ މޮޅު މިޑްފީލްޑާރުންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއްގެ ގޮތުގައެވެ.