ރޯދަމަހަށް ޚާއްޞަކޮށްގެން އަލިމަސް ކާނިވަލުގެ ދެކުނުން އޮންނަ ޕާކިންގ ޒޯނުގައި "ރަމަޟާން ފްރެޝް މާކެޓް" ގެނަމުގައި ކާބޯތަކެތި ވިއްކާ މާރުކޭޓެއް މިއަދު ހުޅުވައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ މިއަދުން ފެށިގެން ހަ ރޯދަ ނިމެންދެން ކޮންމެ ދުވަހެއްގެ މެންދުރު 2:00 އިން މެންދަމު 1:00 އަށް މާކެޓް ހުޅުވާފައި ހުންނާނެކަމަށެވެ. މިއަދު ހުޅުވި މާކެޓްގައި ކާބޯތަކެތި ވިއްކާ 30 ސްޓޯލާއި 2 ރެސްޓޯރެންޓްގެ އިތުރުން 5 ހަޓު ވަނީ ހުޅުވާފައެވެ.
އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތަޢުފީޤް ވިދާޅުވީ ފްރެޝް މާކެޓުގައި މޭވާގެ ބާވާތްތަކާއި، ތަރުކާރީގެ އިތުރުން ހެދިކާފަދަ ތައްޔާރީ ކާނާގެ ބާވަތްތައްވެސް ލިބެންހުންނާނެ ކަމަށެވެ.
img:http://s3.psmnews.mv/images/660x400/14652273189804.jpg|ފްރެޝް މާކެޓުން ލިބެން ހުންނަ ބައެއް ތަކެތި / ފޮޓޯ: ޕީއެސްއެމް
ފްރެޝްމާކެޓްގެ އިތުރުން ފާއިތުވެދިޔަ އަހަރުތަކުގައިވެސް އިކޮނޮމިކް މިނިސްޓްރީން ކުރިއަށް ގެންދެވި "ބާޒާރުގެ އެންމެ އަގުހެޔޮ ފިހާރަ" ޕްރޮގްރާމް މިއަހަރުވެސް ކުރިއަށް ގެންދެވުމަށް އިކޮނޮމިކް މިނިސްޓްރީން ނިންމަވާފައިވެއެވެ. އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ ކުރީ އަހަރުތަކާ ޚިލާފަށް މިއަހަރު ރޯދަމަހު ތަކެތީގެ އަގު މައްޗަށް ގެންދާ ވިޔަފާރިތައް އެމިނިސްޓްރީން މޮނިޓަރ ކުރައްވާނެކަމަށެވެ.
ސަރުކާރުގެ އަމާޒަކީ ރޯދަމަހު މައިގަނޑު ގޮތެއްގައި ބޭނުންކުރާ ބާވަތްތައް ފަސޭހަކަމާއެކު އަގުހެޔޮކޮށް ރައްޔިތުންނަށް ލިބޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވުމެވެ.