ޚަބަރު

އަހަރުގެ މިހާތަނަށް ދޮޅު މިލިޔަނެއްހައި ފަތުުރުވެރިން ޒިޔާރަތްކޮށްފި


  • ސެޕްޓެމްބަރުމަހުގެ ނިޔަލަށް ރާއްޖެއަށްވަނީ 1.49 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފަ

  • މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 1.36 މިލިޔަން ފަތުރުވެރިން

ސެޕްޓެމްބަރުމަހުގެ ނިޔަލަށް ރާއްޖެއަށް އައި ފަތުރުވެރިންގެ ޢަދަދު މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު %9.6 އިތުރުވެއްޖެއެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން އެންމެފަހުން ނެރެފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައްހިމެނޭ ރިޕޯޓުގައިވާގޮތުން ސެޕްޓެމްބަރުމަހުގެ ނިޔަލަށް ރާއްޖެއަށްވަނީ 1.49 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 1.36 މިލިޔަން ފަތުރުވެރިންނެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް އެއްމަސްދުވަހުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ފެބްރުއަރީމަހުއެވެ. އެގޮތުން އެމަހު ރާއްޖެއަށް ވަނީ 2 ލައްކަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

އަދި މި ނިމުނު ސެޕްޓެމްބަރުމަހުގެ ތެރޭގައި ރާއްޖެއަށް 132،799 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މި ޢަދަދަކީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ރާއްޖެއަށް އައިސްފައިވާ 130،967 ފަތުރުވެރިންނާއި އަޅާ ބަލާއިރު %1.4 އިތުރު ޢަދަދެކެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން އަންނަނީ ޗައިނާއިންނެވެ. އަދި ދެވަނައަށް އެންމެ ގިނަ ޢަދަދަކަށް ފަތުރުވެރިން އަންނަނީ ރަޝިއާއިންނެވެ.

ފަތުރުވެރިން އެންމެ ގިނައިން އަންނަ 3 ޤައުމު

* ޗައިނާ – 221،143 ފަތުރުވެރިން
* ރަޝިއާ – 162،288 ފަތުރުވެރިން
* އިނގިރޭސިވިލާތް – 126،332 ފަތުރުވެރިން

ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 4427 ފަތުރުވެރިން އާދެއެވެ. އަދި ފަތުރުވެރިން ރާއްޖޭގައި އެވްރެޖްކޮށް 7 ދުވަހުގެ ޗުއްޓީއެއް ހޭދަކުރެއެވެ.

ސަރުކާރުން މިއަހަރަށް އަމާޒު ހިފާފައިވަނީ 2 މިލިޔަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށެވެ. އަދި މިހާރު ރާއްޖެއަށް ފަތުރުވެރިން އައިސްފައިވާ އަދަދަށް ބަލާއިރު، މި އަމާޒު ހާސިލްކުރަން ދެން ބޭނުންވަނީ 507،969 ފަތުރުވެރިންނެވެ.

ސަރުކާރުން ވަނީ މިއަހަރުގެ އަމާޒު ޑިސެމްބަރުމަހު ހާސިލްކުރެވޭނެ ކަމަށް ލަފާކުރައްވާފައެވެ.