ޚަބަރު

ބަންކަރިން ޚިދުމަތަށް އަންނަ ބޯޓުތަކަށް ކުނި އުކައިދިނުމުގެ ޚިދުމަތް ވެމްކޯއިން ދެނީ


  • އެމްޕީއެލް ވެމްކޯ ގުޅިގެން ހާއްސަ ވޭސް މެނޭޖްމެންޓް ސެންޓަރެއް ޤާއިމްކުރާނެ

  • މި ޚިދުމަތް ފުޅާވުމުން އިތުރު ވަޒީފާތައް އުފެދިގެންދާނެ

އުތުރުމެރިޓައިމް ޚިދުމަތުގެ ތެރެއިން ބަންކަރިން ޚިދުމަތް ފޯރުކޮށްދޭ ބޯޓުތަކަށް ކުނި މެނޭޖް ކުރުމުގެ ޚިދުމަތް ދިނުމަށް މޯލްޑިވްސް ޕޯޓް ލިމިޓެޑް (އެމްޕީއެލް) އަދި ވޭސްޓް މެނޭޖްމެންޓަ ކޯޕަރޭޝަން (ވެމްކޯ) ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެމްޕީއެލް ހެޑް އޮފީހުގައި މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމީއްޔާތެއްގައެވެ.

މި އެއްބަސްވުމުގައި ދަށުން އުތުރުގެ މެރިޓައިމް ޚިދުމަތްތައް ހޯދަން އަންނަ ބޯޓުފަހަރުތަކަށް ކުނި އުކައި ދިނުމުގެ ޚިދުމަތް އެމްޕީއެލްއިން ވެމްކޯއާއި ގުޅިގެން ފޯރުކޮށްދޭނެއެވެ. އެގޮތުން ބޯޓުތަކުން ކުނި ނަގާނީ އެމްޕީއެލް އިންނެވެ. އަދި އެކުނި ވެމްކޯއާއި ހަވާލުކޮށް ކުނި މެނޭޖް ކުރުމުގެ މަސައްކަތް ކުރެވޭނެއެވެ.

މި ޚިދުމަތް ފެށުމަށް އެމްޕީއެލްއާއި ވެމްކޯއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހިމް ވިދާޅުވީ، މި މަސައްކަތްތައް ކުރިއަށް ގެންދާނީ އެކަމަށް ޚާއްސަ ފެސިލިޓީއެއް ކައިރި ރަށެއްގައި ޤާއިމްކޮށްގެން ކަމަށެވެ.

"އުތުރުގައި ފެށޭ ބަންކަރިން ސާވިސް އާއި ގުޅިގެން، އަޅުގަނޑުމެންގެ އުތުރު ގޭޓްވޭއިއަށް ބޯޓުތަކުން މި ކުނިތައް ޑިސްޗާޖް ކޮށްލާނީ، އެތަނުން ހާވާލުވާނީ ވެމްކޯ، ވެމްކޯއިން ގޮސް އެ ބޭފުޅުން ނައްތާލާ ގޮތަށް ކުރިއަށްގެންދާނީ. ވެމްކޯއާއެކު އެމްޕީއެލްގައި ޕްލޭންތަކެއް އެބަހުރި ވަކި ރަށެށްގައި މިކަމަށް ހާއްސަކޮށް ތަނެއް ހެދިގެން ކުރިއަށްދާ ގޮތަށް." ވަޖީހު ވިދާޅުވިއެވެ.

އެމްޕީއެލްގެ ސީއީއޯ ވަޖީހު ވަނީ މި ޚިދުމަތް ފެށުމުން މިކަމުން ވެމްކޯއަށް އަދި އެމްޕީއެލްއަށްވެސް އާމްދަނީ އިތުރުވެގެންދާނެ ކަމަށް ވިދާޅުވެފައެވެ.

ވެމްކޯގެ މެނޭޖިންގް ޑިރެކްޓަރ މުޖްތަބާ ޖަލީލް ވިދާޅުވީ، މި ޚިދުމަތް ދޭއިރު ވެމްކޯއިން ބޯޓުތަކުން ކުނި ނެގުމުގެ އިތުރުން "ޔޫޒްޑް އޮއިލް" ވެސް މޭނޭޖް ކުރުމުގެ ޚިދުމަތް ފޯރުކޮށްދޭނެ ކަމަށެވެ. އަދި އެކަމަށް ޚާއްސަކޮށް ޤާއިމް ކުރެވޭ ސެންޓަރުން ކުނިތައް ކުނބުރުދޫގައި ޤާއިމުކުރެވޭ ރީޖަނަލް ވޭސްޓް މެނޭޖްމެންޓް ސެންޓަރަށް ގެންދެވޭނެ ކަމަށް ވެމްކޯގެ އެމްޑީ ވިދާޅުވިއެވެ.

"ހޯރަފުށި ކަމުގައިވިއަސް އުލިގަމު ކަމުގައިވިއަސް ކުޑަ ސެންޓަރެއް ޤާއިމްކުރެވޭ މި ދެންނެވި ރީޖަނަލް ފެސިލިޓީއަށް ޓްރާންސްފަރ ކުރުމުގެ މަސައްކަތް ކުރަމުންދާނީ. މިއީ ހަމަ ވަށާޖެހޭ ގޮތަށް އޮތްކަމެއް. މިހާރުވެސް ބޮޑެތި މަސައްކަތް ކުރަމުންދާ ކަމެއް. ކުނބުރުދޫގައި އަރާފޭބުމުގެ ދަތިތައް ހައްލުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން." މުޖްތަބާ ޖަލީލް ވިދާޅުވިއެވެ.

މި ޚިދުމަތް ފަށާއިރު މި ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުން ކުރާނީ ކުޅުދުއްފުށީގައި ޤާއިމްވެ ތިބި މުވައްޒަފުން ކަމަށް ވެމްކޯއިން ވިދާޅުވިއެވެ. އަދި އެކުންފުނީގެ ލޭންޑިންގް ކްރާފްޓް ބޭނުންކޮށްގެން ކުނި އުފުލުމުގެ މަސައްކަތް ކުރާއިރު، މި ޚިދުމަތް ފުޅާވާ ވަރަކަށް އިތުރު ވަޒީފާގެ ފުރުސަތުތައްވެސް އުފެދިގެންދާނެ ކަމަށް ވެމްކޯއިން ފާހަގަކުރެއެވެ.

އުތުރުގެ ބަންކަރިން ޚިދުމަތް ފަށާފައިވާއިރު، އެމްޕީއެލް މެދުވެރިކޮށް ދޭ މެރިޓައިމް ޚިދުމަތުގެ ތެރެއިން 14 ޚިދުމަތެއް ދެއެވެ. ބަންކަރިން ޚިދުމަތަކީ ރާއްޖޭގެ އިޤްތިޞާދު ސިންދަފާތު ކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތެކެވެ. އެގޮތުން މި ޚިދުމަތް ފަށާފައިވަނީ އޮފް-ޝޯ ކޮށް ޚިދުމަތް ދޭ ގޮތަށެވެ.