ޚަބަރު

ސީ-ޓު-އެއަރ ކާގޯ ޚިދުމަތާއި އެމިރޭޓްސް އެއަރލައިން ގުޅިއްޖެ


  • އެމިރޭޓްސް އެއަރލައިނުން ވަނީ 12 ޔޫ.އެލް.ޑީގެ މުދާ ފޮނުވާފައި

  • މިއީ ބަންގްލަދޭޝުން ރާއްޖެއަށް އައި މުދާ

  • މުދާ ފޮނުވާފައިވަނީ މިލާންއަށް

ސީ-ޓު-އެއަރ ކާގޯ ޚިދުމަތާއި އެމިރޭޓްސް އެއަރލައިނުން ގުޅިއްޖެއެވެ.

ސީ-ޓު-އެއަރ ކާގޯ ޚިދުމަތަކީ ކަނޑުމަގުން މުދާ ރާއްޖެ ގެނެސް، ވައިގެ މަގުން އެކި މަންޒިލްތަކަށް އަވަހަށް ފޮނުވައިދޭ ޚިދުމަތެކެވެ.

މި ޚިދުމަތަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، މޯލްޑިވްސް ސްޓޭޓް ޝިޕިން، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އަދި ބައިނަލްއަޤްވާމީ އެއަރލައިންތަކާ ގުޅިގެން ފަށާފައިވާ ޚިދުމަތެކެވެ.

އެގޮތުން މިހާތަނަށް ޓާކިޝް އެއަރލައިން އަދި ގަތަރު އެއަރލައިނުންވަނީ މި ޚިދުމަތްތާއި ގުޅިފައެވެ.

އެމްއޭސީއެލުން މައުލޫމާތު ދޭގޮތުގައި އެމިރޭޓްސް އެއަރލައިނުން ވަނީ 12 ޔުނިޓް ލޯޑު ޑިވައިސް، ޔޫ.އެލް.ޑީގެ މުދާ ފޮނުވާފައެވެ. މިއީ ބަންގްލަދޭޝުން ކަނޑުމަގުން ރާއްޖެއަށް އައިސްފައިވާ މުދަލެވެ. މި މުދާ އެމިރޭޓްސް އެއަރލައިންގައި ފޮނުވާފައިވަނީ އިޓަލީގެ މިލާންއަށެވެ.

އެމިރޭޓްސްއިން ރާއްޖެއަށް ދަތުރުތައް ބާއްވަނީ ދުބާއީއާއި ރާއްޖެއާ ދެމެދުއެވެ. މި ދަތުރުތަކާއެކު ޔޫރަޕްގެ ގިނަ ޤައުމުތަކާއި ރާއްޖެއާ ދަނީ ގުޅާލަމުންނެވެ.

މި އަހަރުގެ މާޗުމަހު އެމް.ޕީ.އެލުން ތަޢާރަފްކުރި ސީ-ޓު-އެއަރ ޓްރާންސްޝިޕްމަންޓް ކާގޯގެ ޚިދުމަތުގެ ފުރަތަމަ ޝިޕްމަންޓް ރާއްޖެއިން ފޮނުވީ މި އަހަރުގެ މެއިމަހުގެ ތެރޭގައެވެ. ފުރަތަމަ ޝިޕްމަންޓަކީ ބަންގްލަދޭޝްއިން ރާއްޖެއަށް ކަނޑުމަގުން ގެނައި ގާމެންޓް ޝިޕްމަންޓެކެވެ. ރާއްޖެއިން ޓާކިޝް އެއާލައިންސް މެދުވެރިކޮށް މި ޝިޕްމަންޓް ވައިގެ މަގުން ފޮނުވާލީ ޖަރުމަންވިލާތަށެވެ.

ސީ-ޓު-އެއަރ ކާގޯ ޚިދުމަތަކީ ވައިގެ މަގު އަދި ކަނޑު މަގު ބޭނުންކޮށްގެން، މުދާ އެއްތަނުން އަނެއް ތަނަށް ފޯރުކޮށްދިނުމަށް ތަޢާރަފްކުރާ ފަސޭހަ އަދި އަވަސް ޚިދުމަތެކެވެ. އަދި މި ހައިބްރިޑް މޮޑެލްގެ ސަބަބުން މި ސަރަޙައްދުގެ ވިޔަފާރިތަކާއި ސިނާޢަތްތަކުގެ ބޭނުންތައް ފުއްދައިދީ، މުދާ އުފުލުމުގެ ޚިދުމަތް އަވަސް އަދި ހަރުދަނާ ގޮތެއްގައި ބެލެހެއްޓޭނެކަމަށެވެ.

މިއީ އެކި ބާވަތުގެ މުދާ އެކްސްޕޯޓްކުރާ ޤައުމުތަކުން، ބައެއް މަންޒިލްތަކަށް އަވަހަށް މުދާ ފޯރުކޮށްދިނުމުގައި ބޭނުންކުރެވޭނެ ޚިދުމަތެކެވެ. އެގޮތުން ރާއްޖެއަށް މި ޚިދުމަތް ފޯރުކޮށްދިނުމުގައި އޮތް އެންމެ ބޮޑު ފައިދާއަކީ، ވައިގެ މަގުން ގިނަ ޤައުމުތަކަކަށް ރާއްޖެއަށް ފްލައިޓްތައް ދަތުރުކުރުމެވެ. ހާއްސަކޮށް ޔޫރަޕްގެ ގިނަ މަންޒިލުތަކަށް ދަތުރުކުރާނެއެވެ.