ޚަބަރު

އިންޓަރ ގްރޭޓެޑް ޓޫރިޒަމް ޒޯނެއްގެ ގޮތުގައި ކަފަކޮމަންޑޫ ތަރައްޤީކުރަނީ


  • މިހާރުވަނީ ރަށުގެ ލޭންޑް ޔޫސް ޕްލޭންގެ މަސައްކަތް ކޮށްދޭނެފަރާތެއް ހޯދުމަށް އިޢުލާންކޮށްފައި

ނ. ކަފަކޮމަންޑޫ، އިންޓަރ ގްރޭޓެޑް ޓޫރިޒަމް ޒޯނެއްގެ ގޮތުގައި ތަރައްޤީކުރުމަށް ހެނބަދޫ ކައުންސިލުން ނިންމައިފިއެވެ.

ނ. ހެނބަދޫ ކައުންސިލުން މިހާރުވަނީ އެރަށުގެ އިޙްތިސާސްތެރޭ ހިމެނޭ ކަފަކޮމަންޑޫ، އިންޓަރ ގްރޭޓެޑް ޒޯނެއްގެ ގޮތުގައި ކަނޑައަޅާ ދިގު މުއްދަތަކަށް މިރަށް ކުއްޔަށް ދިނުމަށްޓަކައި ރަށުގެ ލޭންޑް ޔޫސް ޕްލޭންގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފައެވެ.

އެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ރަޖިސްޓްރީކޮށް އަންދާސީ ހިސާބު ހުށަހެޅުމަށް ކައުންސިލުންވަނީ އެދިފައެވެ.

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން މިމަހުގެ 6 އިން 10 އަކަށްވަނީ ހުޅުވާލާފައެވެ. މިކަމާއި ގުޅޭ މައުލޫމާތު ސާފުކުރުން އޮންނާނީ މިމަހުގެ 14ވަނަ ދުވަހުއެވެ. އަދި ބީލަން ހުށަހެޅުން އޮންނާނީ މިމަހުގެ 17ވަނަ ދުވަހުއެވެ.

ހެނބަދޫ ކައުންސިލުން ވިދާޅުވީ ލޭންޑު ޔޫސް ޕްލޭން ފާސްވުމާއެކު އެރަށް އިންޓަރ ގްރޭޓެޑް ޓޫރިޒަމް ޒޯނެއްގެ ގޮތުގައި ތަރައްޤީކުރުމަށް ހުޅުވާލާނެކަމަށެވެ. އަދި މިހާރުވެސް އެރަށް ބޭރުގެ ބައެއް ފަރާތްތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާކަން ކައުންސިލުން ފާހަގަކުރައްވައެވެ.

މި ރަށް ދޫކުރަނީ މަދުވެގެން 50 އަހަރަށް ކަމަށް ހެނބަދޫ ކައުންސިލުން ވިދާޅުވެއެވެ. އަދި އެރަށުން ލިބޭ އާމްދަނީއާއެކު ކައުންސިލުން ދައުލަތުން ދޭ ގްރާންޓާއި އެއްވަރުގެ އަދަދެއް ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި އަދި ރަށުގެ އެކި ކަންކަމަށް އެ ލިބޭ އާމްދަނީއިން ޚަރަދުކުރެވޭނެ ކަމަށްވެސް އެރަށު ކައުންސިލުން ވިދާޅުވެއެވެ.

ކައުންސިލުން ވިދާޅުވީ، އެރަށް ދޫކުރާ ފަރާތާއެކު ވެވޭ އެއްބަސްވުމުގައި، އެރަށުގައި އިންޓަރ ގްރޭޓެޑް ޓޫރިޒަމް ޒޯނެއް ތަރައްޤީކޮށްގެން ހިންގާއިރު، ހެނބަދޫގެ ރައްޔިތުންނަށް އެރަށުން ވަކި އިންސައްތައަކަށް ވަޒީފާ ދޭން ޖެހުންފަދަ ކަންތައްތައް ހިމަނާނެ ކަމަށެވެ.