ޚަބަރު

ކޮންމެ ވެރިކަމެއްގައިވެސް އިންޑިއާއާއެކު ދިޔައީ ގާތްގުޅުމެއް ބާއްވަމުން


  • ރާއްޖެއާ އިންޑިއާގެ ސިޔާސީ ގުޅުން ޤާއިމުކުރީ 1 ނޮވެމްބަރު 1965ގައި

  • އޭގެފަހުން ދެޤައުމުގެ ވެރިން އެކިމުނާސަބާތަކާއި ގުޅުވާ ދެޤައުމަށް ދަތުރުކުރައްވާ

ރާއްޖެއާއި އިންޑިއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 1965 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުގައެވެ. އޭގެކުރިންވެސް ދެޤައުމުގެ ދެމެދުގައި އެކިގޮތްގޮތުން ގުޅުން އޮތްކަން އެނގެން އެބައޮތެވެ.

ރާއްޖެއާއި އިންޑިއާ އާއި ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިފަހުން ފާއިތުވި ވޭތުވެގެން މިދާ 59 އަހަރުގެ ތެރޭގައި އެކި ދުވަސްވަރު ދެޤައުމުގެ ވެރިން އެއްޤައުމުން އަނެއް ޤައުމަށް ރަސްމީ ދަތުރުތައްވަނީ ބާއްވާފައެވެ. މިގޮތުން ދެޤައުމުގެ ގުޅުން ބަދަހިކުރުމާއި، އަވައްޓެރި ދެޤައުމުގެ ޙައިސިއްޔަތުން އެހީތެރިކަމާއި އެއްބާރުލުން އެކިދާއިރާތަކުން ދިނުމަށް މިދަތުރުތައް މުހިއްމު ދައުރެއް އަދާކުރެއެވެ.

ތާރީޚަށް ބަލާއިރު 1974 ވަނަ އަހަރު ރާއްޖޭގެ އޭރުގެ ބޮޑުވަޒީރު ޑރ.އަޙްމަދު ޒަކީވަނީ އިންޑިއާއަށް ވަޑައިގަންނަވާފައެވެ. އަދި 1978 ވަނަ އަހަރު ރާއްޖޭގެ ޒައާމަތާއި ހަވާލުވެވަޑައިގަތުމަށްފަހު، 30 އަހަރު ރާއްޖޭގެ ރައީސްކަމުގެ މަގާމުގައި ހުންނެވި އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް އިންޑިއާއަށް ފުރަތަމަ ރަސްމީ ދަތުރުފުޅެއް ކުރެއްވީ 1980 ވަނަ އަހަރުއެވެ. އޭގެފަހުން އެމަނިކުފާނުގެ ވެރިކަމުގައި އެކި ފަހަރުމަތިން އިންޑިއާއަށް ވަނީ ރަސްމީ ދަތުރުފުޅުތައް ބާއްވަވާފައެވެ.

ރައީސް މައުމޫނަށްފަހު، 2008 ވަނަ އަހަރު ރާއްޖެގެ ވެރިކަމަށް ވަޑައިގެންނެވި ރައީސް މުހައްމަދު ނަޝީދު ވަނީ ހަމަ އެ އަހަރު އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ. އަދި އޭގެފަހުންވެސް އެމަނިކުފާނު ވަނީ އިންޑިއާއަށް ދަތުރުފުޅުތައް ކުރައްވާފައެވެ.

ރައީސް ނަޝީދަށްފަހު، 2012 ވަނަ އަހަރު ރާއްޖޭގެ ރައީސްކަމަށް ވަޑައިގެންނެވި ރައީސް ޑރ.މުހައްމަދު ވަހީދު ޙަސަން މަނިކުވެސް ވަނީ، ވެރިކަމަށް ވަޑައިގެންނެވި އަހަރު އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ.

2013 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމާއި ހަވާލުވެ ވަޑައިގެންނެވި ރައީސް ޢަބްދުﷲ ޔާމީން އިންޑިއާއަށް ފުރަތަމަ ރަސްމީ ދަތުރުފުޅެއް ކުރެއްވީ 2014 ވަނަ އަހަރުއެވެ. އަދި އޭގެފަހުންވެސް އެމަނިކުފާނުގެ ވެރިކަމުގައި އިންޑިއާއަށް ވަނީ ރަސްމީ ދަތުރުފުޅުތައް ކުރައްވާފައެވެ. އަދި ރައީސް ޔާމީނަށްފަހު ވެރިކަމަށް ވަޑައިގެންނެވި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުވެސް ވަނީ އެކި މުނާސަބާތަކުގައި އިންޑިއާއަށް ރަސްމީ ދަތުރުފުޅުތަކުގައި ވަޑައިގެން، މުހިއްމު މަޝްވަރާތައް ބާއްވާފައެވެ.

ރާއްޖޭގެ ވެރިން އިންޑިއާއަށް ކުރައްވާ ދަތުރުފުޅުތަކުގައި ޚާއްސަ ޕްރޮޓޮކޯލްއެއްގެ ދަށުން އެކި ހަރަކާތްތައް ބާއްވައެވެ. އެގޮތުން އިންޑިއާގެ މިނިވަންކަމުގެ ބާނީ، މަހާތުމާ ގާނދީއަށް ޒިޔާރަތްކުރުމާއި، އިންޑިއާގެ ރިޔާސީ ގަނޑުވަރަށް ޒިޔާރަތްކުރުމާއި، އެޤައުމުގެ ބޮޑުވަޒީރާއި ބައްދަލުކުރެއްވުމާއި، އެކި ދާއިރަތަކުގެ އިސްވެރިންނާއި ބައްދަލުކުރެއްވުމުގެ އިތުރުން އިންޑިއާގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވާ ގުޅިގެން މަސައްކަތްކުރުމާއި ގުޅޭގޮތުން މަޝްވަރާތައް ބާއްވައެވެ. މިއީ ކޮންމެ ރައީސަކުވެސް އިންޑިއާއަށް ވަޑައިގެން ކުރައްވަމުން އަންނަ ކަންކަމެވެ. މީގެއިތުރުން ދެޤައުމުން އެއްބަސްވާ ކަންކަމުގައި އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް އެއްބަސްވުންތައް އެކުލަވާލުމުގެ މަސައްކަތްވެސް ދަތުރުފުޅުތަކުގައި ކުރިއަށްދެއެވެ.

2023 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމާއި ހަވާލުވެވަޑައިގެންނެވި ރައީސުލްޖުމްހުރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިހާރު ހުންނެވީ ރަސްމީ ދަތުރުފުޅެއްގައި އިންޑިއާގައެވެ. މިއީ ވެރިކަމާއި ޙަވާލުވެވަޑައިގެންނެވި ފަހުން ރަސްމީގޮތެއްގައި އެމަނިކުފާނު އިންޑިއާއަށް ވަޑައިގަންނަވާ ދެވަނަ ދަތުރުފުޅެވެ. ފުރަތަމަ ވަޑައިގެންނެވީ އެޤައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެރިކަމުގެ އައު ދައުރަކަށް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށްޓަކައެވެ. މިފަހަރު ކުރައްވާ ދަތުރުފުޅަކީ އެގަައުމުގެ ރައީސްގެ ދައުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ. ރައީސް ޑރ.މުޢިއްޒުގެ މިދަތުރުފުޅުގެ ތެރެއިންވެސް ދެޤައުމުގެ ގުޅުން ހަރުދަނާކުރެއްވުމަށާއި ގުޅިގެން އެކިދާއިރާތަކުން މަސައްކަތްކުރެއްވުމަށް މަޝްވަރާތައް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.