ޚަބަރު

ފުލުހުން ހުޅުމާލޭގައި ހިންގި އިންސްޕެކްޝަން: ގަވާއިދާ ޚިލާފުވި 480 އުޅަނދަކަށް ފިޔަވަޅު އަޅައިފި


  • ފުލުހުން މިޚާއްސަ އޮޕަރޭޝަން ފަށާފައިވަނީ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހުން ފެށިގެން

  • މިވީ މަހެއްހާ ދުވަހުގެ ތެރޭގައި މަގުމަތީގައި ހިނގާފައިވާ ނުރައްކާތެރި އެކްސިޑެންތުތައް މަދު

މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ހުޅުމާލެއިން ޤަވާއިދާ ޚިލާފަށް ދުއްވި 480 އަށްވުރެ ގިނަ އުޅަނދަށް ފިޔަވަޅު އަޅާފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފައްޓަވާފައިވާ ޚާއްސަ މަސައްކަތްތުގެ ތެރެއިން ހުޅުމާލެއިން އެކަނިވެސް މިދިޔަމަހު 6،000 އަށްވުރެ ގިނަ އުޅަނދު ބަލައި ފާސްކޮށްފައިވާކަމަށެވެ.

މާލޭގެ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް މަގުމަތީގައި ހިނގަ އެކްސިޑެންޓުތައް މަދުކުރުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުން ޚާއްސަ އޮޕަރޭޝަނެއް ފައްޓަވާފައިވަނީ ސެޕްޓެޕްބަރު މަހުގެ 8 ވަނަ ދުވަހުން ފެށިގެންނެވެ. މިމަސައްކަތަށް މަހެއްވުމާއި ގާތްވެފައިވާއިރު ފުލުހުން އަންނަނީ މާލެއާއި ހުޅުމާލޭގެ މަގުތަކުގައި ހުރިހާ ގަޑިތަކެއްގައި މޮނީޓަރކުރައްވަމުންނެވެ.

މިގޮތުން ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހުން ފެށިގެން އެމަހުގެ ނިޔަލަށް، ހުޅުމާލޭގައި ކުރިއަށްގެންދިޔަ އޮޕަރޭޝަންގައި 6،693 އުޅަނދެއް ހުއްޓުވާވަނީ ބަލާފާސްކޮށްފައެވެ. ފުލުހުން ޢައްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މީގެ ތެރޭގައި ހިމެނެނީ، 1،266 ކާރާއި، 5،427 ސައިކަލެވެ. އަދި މީގެތެރެއިން 482 އުޅަނދެއް ގަވާއިދާ ޚިލާފަށް ދުއްވުމުގެ ސަބަބުންވަނީ ފިޔަވަޅުއަޅާފައެވެ.

ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު، ސެޕްޓެމްބަރު މަހުގައި ކުރިއަށްގެންދިޔަ އޮޕަރޭޝަންގެ ތެރެއިން އެންމެ ބޮޑަށް ފާހަގަވެފައިވަނީ ޓްރެފިކްގެ ގަވާއިދާ ޚިލާފުވެގެން ހިފެހެއްޓި އުޅަނދުތަކެވެ.

އެގޮތުން ޓްރެފިކްގެ އުސޫލުތަކާއި ޚިލާފުވެގެން 182 އުޅަނދެއްވަނީ ހިފަހައްޓާފައެވެ. އަދި ލައިސެންސް ނެތި 112 އުޅަނދު ދުއްވާފައިވެއެވެ. އަދި މަގު ބޭނުންކުރާ އެހެން މީހުންނަށް ނުރައްކާވެދާނެހެން ދުއްވި 43 އުޅަނދެއްވެސް ފުލުހުންވަނީ ހިފަހައްޓާފައެވެ. ފުލުހުންވަނީ ގަވާއިދާ ޚިލާފަށް ދުއްވި 515 އުޅަނދެއް ދުއްވި މީހުންނަށް ނަސޭޙަތްދިނުމަށްފަހު ދޫކޮށްލާފައެވެ. އަދި 20 ސައިކަލުވަނީ ޓޯވކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މަގުމަތި ޕެޓްރޯލްކޮށް ބެލެހެއްޓުމަށް ގިނަ ޢަދަދެއްގެ ފުލުހުން މާލެއާއި ހުޅުމާލޭގެ މަގުތަކުގައި މިހާރުދަނީ ޙަރަކާތްތެރިވަމުންނެވެ. މިދިޔަ މަހު މިއޮޕަރޭޝަން ފެށިއިރު، މިއަހަރުގެ ތެރޭގައި ނުރައްކާތެރި ގިނަ ޢަދަދެއްގެ އެކްސިޑެންޓުތަކެއް ހިނގާ އެޙާދިސާތަކުގައި ބައެއް މީހުންގެ ފުރާނަގެއްލި ހިނގާފައިވާ ހިތަމަވެރި ހާދިސާތަކެއް ހިނގާފައިވާކަން ފާހަގަކޮށްލެވެއެވެ. މިމައްސަލަތަކާއި ގުޅިގެން މިދިޔަ މަހު ފެށި ޚާއްސަ އޮޕަރޭޝަނާއެކު މަގުމަތީގައި ހިނގާ ޙާދިސާތައް މަދުކުރެވިފައިވާކަން ފުލުހުން ފާހަގަކުރައްވައެވެ.