ޚަބަރު

ސުކޫކުގެ ކޫޕަން ޕޭމަންޓަށް 25 މިލިޔަން ޑޮލަރު ދިވެހި ސަރުކާރުން ދައްކައިފި


  • މިކަން މާލީ ވުޒާރާއިން މިއަދު ވަނީ ހާމަކުރައްވާފައި

  • މިއީ މާދަމާގެ ނިޔަލަށް ދައްކަންޖެހޭ ޕޭމަންޓެއް

އިންޓަރނޭޝަނަލް ޑެޓް ކެޕިޓަލް މާކެޓަށް ދައްކާ ޚަލާސްކުރަން ޖެހޭ ސުކޫކު ފައިސާގެ ތެރެއިން މިއަހަރު ދައްކާ ޚަލާސްކުރަންޖެހޭ 49.4 މިލިއަން އެމެރިކާ ޑޮލަރު ދިވެހި ސަރުކާރުން ދައްކާފައިވާކަމަށް މާލީ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

މާލީ ވުޒާރާއިން ވިދާޅުވީ ރާއްޖެއިން، ބޭރުގެ އިދާރާތަކަށް ދައްކަންޖެހޭ ދަރަނި އަދާކުރުމަށް ސަރުކާރުން އިސްކަންދީގެން އަބަދުވެސް މަސައްކަތްކުރައްވަމުންގެންދަވާކަމަށެވެ.

ދިވެހި ސަރުކާރުން ވަނީ 2021 ވަނަ އަހަރު އިންޓަރނޭޝަނަލް ޑެޓް ކެޕިޓަލް މާކެޓުގައި 2026 ވަނަ އަހަރު މެޗުއާވާގޮތަށް 500 މިލިޔަން އެމެރިކާ ޑޮލަރުގެ ސުކޫކެއް ދޫކޮށްފައެވެ. މިސުކޫކުގެ ކޫޕަން ނުވަތަ ސުކޫކުގެ އިންޓްރެސްޓްގެ ގޮތުގައި ދިވެހި ސަރުކާރުން މިމުއްދަތުގެ ތެރޭގައި އަހަރަކު 2 ފަހަރެއްގެ މަތިން ފައިސާ ދައްކަންޖެހެއެވެ. މިގޮތުން އޭޕްރީލް އަދި އޮކްޓޯބަރުގައި މިކޫޕަން ފައިސާ ދައްކަންޖެހެއެވެ. މިއަހަރުގެ ފަހު ކޫޕަންގެ ފައިސާ ދައްކާ ނިންމަންޖެހޭ މުއްދަތު މިމަހުގެ 8 ވަނަ ދުވަހު ހަމަވާނެއެވެ.

މާލީ ވުޒާރާއިން ވިދާޅުވީ، މުއްދަތު ހަމަވުމުގެ ކުރިން މިފައިސާ ދައްކާ ޚަލާސްކޮށްފައިވާކަމަށެވެ. އެގޮތުން އޮކްޓޫބަރު މަހުގެ ކޫޕަނަށް ވާ 24.7 މިލިޔަން އެމެރިކާ ޑޮލަރު މިހާރު ދިވެހި ސަރުކާރުން ދައްކާ ޚަލާސްކޮށްފައިވާކަމަށެވެ. އަދި އޭޕްރީލްމަހުގެ ކޫޕަން ފައިސާއާއެކު މިއަހަރުގެ ދެކޫޕަނަށްވާ ފައިސާގެ ގޮތުގައި ހިމެނޭ 49.4 މިލިޔަން އެމެރިކާ ޑޮލަރު މިހާރު ދައްކާ ނިންމާފައިވާކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.

ސުކޫކުގެ ކޫޕަން ފައިސާއާއެކު ދައްކަމުން ދިޔުމަކީ ރާއްޖެއާމެދު އިންވެސްޓަރުންގެ އިތުބާރު ދެމެހެއްޓޭނެކަމެއްކަމަށް މާލީ ވުޒާރާއިން ފާހަގަކުރައްވައެވެ. އަދި ސުކޫކު ކޫޕަންގެ ބާކީ 74.1 މިލިޔަން އެމެރިކާ ޑޮލަރުގެ ތެރެއިން އަންނަ އަހަރު 49.4 އެމެރިކާ ޑޮލަރު ދައްކަންޖެހޭއިރު ފަހު ޕޭމަންޓު 2026 ވަނަ އަހަރުގެ އޭޕްރިލް މަހު ދައްކާ ހަމަކުރަންޖެހެއެވެ.