ޚަބަރު

ޤުދްސް ފޯސްގެ ކޮމާންޑަރުގެ ހާލުކޮޅު ރަނގަޅު: އައިއާރްޖީސީ


އީރާނުގެ ބާރުގަދަ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ގެ ޖާސޫސީ އިދާރާ, ޤުދްސް ފޯސްގެ ވެރިޔާ އިސްމާޢީލް ޤައަނީގެ ހާލުކޮޅު ރަނގަޅު ކަން އައިއާރްޖީސީން ހާމަކޮށްފިއެވެ. އައިއާރްޖީސީގެ ކޮމާންޑަރުގެ ނައިބު އިޔަރްޖު މަސްޖިދީ މި ކަން ހާމަ ކުރައްވާފައި މި ވަނީ, ހުސްވި ހަފުތާގައި ލުބްނާންގެ ވެރިރަށް ބައިރޫތަށް ވަޑައިގެންނެވި ފަހުން ޤައަނީގެ ޚަބަރެއް ނުވާ ކަމުގައި އީރާނުގެ ސަލާމަތީ ދާއިރާގެ މަޞްދަރުތަކުން ބުނެފައިވާ ދަނޑިވަޅެއްގައެވެ.

ޤައަނީ ބައިރޫތަށް ވަޑައިގަންނަވާފައި ވަނީ ސެޕްޓެންބަރު 27ވަނަ ދުވަހު ޔަހޫދީ ފައުޖުން ދިން ނިރުބަވެރި ޙަމަލާތަކެއްގައި ލުބްނާނުގެ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهގެ ވެރިޔާ އަލް-ސައްޔިދް ޙަސަން ނަޞްރުالله ޝަހީދު ކޮށްލުމާ ގުޅިގެންނެވެ. ޙިޒްބުاللهގެ އެކްޒެކެޓިވް ކައުންސިލުގެ ވެރިޔާ ހާޝިމް ޞަފީއްދީން ޝަހީދު ކޮށްލުމުގެ ނަމުގައި ޔަހޫދީ ފައުޖުން އޮކްޓޫބަރު 4ވަނަ ދުވަހު ބައިރޫތުގެ ޟާޙިޔާ ޑިސްޓްރިކްޓަށް ނިރުބަވެރި ޙަމަލާތަކެއް ދިން ވަގުތު ޤައަނީ އެ ރަށުގައި ހުންނެވި ކަމުގައި އީރާނުގެ މަޞްދަރުތަކުން ބުނެފައިވެއެވެ. ނަމަވެސް, ދަތުރުފުޅުގައި ޤައަނީ ޞަފީއްދީނާ ބައްދަލު ކުރައްވާފައެއް ނުވެއެވެ.

"އޭނާގެ [ޤައަނީ]ގެ ހާލުކޮޅު ރަނގަޅު. މަޤާމުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާ ކުރައްވަމުން ގެންދަވާ. ބައެއް ފަރާތްތަކުން ބަޔާނެއް ނެރެން އެދިފައިވޭ, ނަމަވެސް އެ ކަމުގެ ބޭނުމެއް ނެތް،" އީރާނުގެ ދައުލަތުގެ މީޑިޔާއާ ވާހަކަފުޅު ދައްކަވަމުން މަސްޖިދީ ވިދާޅުވިއެވެ. އީރާނުގެ ދަރިވަރުންގެ ނޫސް އޭޖެންސީން ވެސް ވަނީ, ފަލަސްޠީނުގެ ކުޑަކުދިންގެ ހާލަތާ މެދު މަޝްވަރާ ކުރުމަށް ވެރިރަށް ތަހްރާންގައި ބޭއްވި ބައްދަލުވުމެއްގައި ޤައަނީގެ މެސެޖެއް އިއްވާފައިވާ ކަން ހާމަކޮށްފައެވެ. އަދި, އެ ބައްދަލުވުމުގައި ޤައަނީ ބައިވެރިވެ ވަޑައިގަންނަވާފައި ނުވަނީ މުހިންމު އެހެން ބައްދަލުވުމެއްގައި އަވަދިނެތި އުޅުއްވާތީ ކަމަށް އަންގާފައިވާ ކަމަށް ބުނެފައެވެ.

ޞަފީއްދީން ޝަހީދު ކޮށްލަން ކަމަށް ބުނެ ޔަހޫދީ ފައުޖުން ދީފައިވާ ނިރުބަވެރި ޙަމަލާތަކަށް ފަހު އޭނާގެ ޚަބަރެއް ވެސް ވެފައެއް ނެތެވެ. ޙިޒްބުاللهން ބުނީ, ޞަފީއްދީން ހޯދުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅުމުގެ ގޮތުން ޔަހޫދީ ފައުޖުން ޟާޙިޔާ ޑިސްޓްރިކްޓަށް މެދުކެނޑުމެއް ނެތި ބޮން އަޅަމުންދާ ކަމުގައެވެ. އަދި, އޭނާ ޝަހީދުވެފައިވާ ކަން ޙިޒްބުاللهން ކަށަވަރު ކޮށްދީފައެއް ވެސް ނެތެވެ. ނަޞްރުالله ޝަހީދު ކޮށްލުމުން އޭނާގެ ޒިންމާތަކާ ދެން ހަވާލުވެ ވަޑައިގަންނަވާނެ ކަމަށް ބެލެވިފައި އޮތީ ޞަފީއްދީނެވެ.

ޒަޔަނިސްޓު އިސްރާއީލުން ވެސް ބުނީ, ޞަފީއްދީން ޝަހީދު ކޮށްލެވިފައިވާ ކަން ކަށަވަރު ކުރެވިފައި ނުވާ ކަމުގައެވެ. އިސްރާއީލް ސަރުކާރުގެ ތަރުޖަމާނު ޑޭވިޑް މެންސަރ ބުނީ ޞަފީއްދީން ޝަހީދު ކޮށްލެވުނު ކަމުގެ ޔަގީން ކަން އިސްރާއީލުގެ ސަރުކާރަށް ވެސް ލިބިފައި ނެތް ކަމުގައެވެ. އަދި, އޭނާ ޝަހީދު ކޮށްލަން ކަމަށް ބުނެ ޔަހޫދީ ފައުޖުން ދީފައިވާ ޙަމަލާގެ މަޤުޞަދު ކާމިޔާބުވި ކަން ކަށަވަރު ކުރުމަށް ޔަހޫދީ ފައުޖުން މަސައްކަތް ކުރަމުންދާ ކަމުގައެވެ.
ޤުދްސް ފޯސްގެ ވެރިޔާގެ މަޤާމާ ޤައަނީ ހަވާލުވެޑައިގަތީ އެ މަޤާމު ފުރުއްވަމުން ގެންދެވި ޤާސިމް ސުލަޔިމާނީ ޝަހީދު ކޮށްލުމާ ގުޅިގެންނެވެ. ސުލަޔިމާނީ ޝަހީދު ކޮށްލާފައި ވަނީ އެމެރިކާގެ އަސްކަރިއްޔާއިން ޢިރާޤުގެ ވެރިރަށް ބަޣްދާދަށް 2020ވަަނަ އަހަރު ދިން ނިރުބަވެރި ޙަމަލާއެއްގައެވެ.

ލުބްނާނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޖަރީމާތަކެއް ހިންގަން ފެށީ ސެޕްޓެންބަރު 23ވަނަ ދުވަހުއެވެ. ނަޞްރުالله ޝަހީދު ކޮށްލާފައި ވަނީ ފަނާކުރަނިވި ބޮންތަކެއް ބޭނުން ކޮށްގެން ސެޕްޓެންބަރު 27ވަނަ ދުވަހު ބައިރޫތުގެ ޟާޙިޔާ ޑިސްޓްރިކްޓަށް ދިން ނިރުބަވެރި ޙަމަލާތަކެއްގައެވެ. އެ ބޮންތައް ޔަހޫދީންނަށް ފޯރުކޮށްދީފައި ވަނީ އެ މީހުންގެ އެންމެ ބޮޑު މަދަދުގާރު, އެމެރިކާގެ ރައީސް ޖޯ ބައިޑަނެވެ. އެ ދުވަހުގެ ޙަމަލާތަކުގައި އައިއާރްޖީސީގެ ކޮމާންޑަރުގެ ނައިބު ޢައްބާސް ނިލްފުރޫޝާން ވެސް ޝަހީދު ކޮށްލިއެވެ. އީރާނުން ވަނީ ޔަހޫދީންގެ ކިބައިން އެ ކަމުގެ ބަދަލު ހިފާފައެވެ.

ނަޞްރުاللهއާއި ނިލްފުރޫޝާން ޝަހީދު ކޮށްލުމުން އެ ކަމުގެ ބަދަލު ހިފުމަށް އައިއާރްޖީސީން ޙަމަލާ ދީފައި ވަނީ އޮކްޓޫބަރު 1ވަނަ ދުވަހުއެވެ. ޒަޔަނިސްޓު ދައުލަތުގެ ރަށްތަކުގައި ހުރި ޔަހޫދީ ފައުޖުގެ އަސްކަރީ މަރުކަޒުތަކަށް 180އެއްހާ ބެލިސްޓިކް މިސައިލް ބޭނުން ކޮށްގެން ދިން ޙަމަލާތަކުގައި ބޮޑެތި ގެއްލުންތަކެއް ލިބުނު މަންޒަރު ވީޑިޔޯތަކުން ފެނުނެވެ. ނަމަވެސް, އެ ޙަމަލާތަކުގައި ލިބިފައިވާ ގެއްލުންތަކުގެ ތަފުސީލު ހާމަ ކުރަން ޔަހޫދީން ދަނީ ދެކޮޅު ހަދަމުންނެވެ. ޔަހޫދީ ފައުޖުން ބުނީ އީރާނުގެ ގިނަ މިސައިލްތައް ދިފާޢުކޮށް ވައްޓައިލާފައިވާނެ ކަމުގައެވެ.

ސެޕްޓެންބަރު 23ވަނަ ދުވަހުން ފެށިގެން ލުބްނާނުގެ ޢާންމު ރައްޔިތުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ ޢާންމުންގެ ޢަދަދު ވަނީ 2,000އަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނޭ ކަމުގައި ލުބްނާނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުންޏެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 9,000އަށް އަރައެވެ. ޔަހޫދީންގެ ޢުދުވާނުގައި ގެދޮރު ނެތިކޮށްލާފައިވާ މީހުންގެ ޢަދަދު 1.2 މިލިޔަނަށް އުފުލިފައިވާއިރު, އދން ބުނީ އޭގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު މި ވަގުތު ދިރިއުޅެމުން ދަނީ މަގުތަކުގެ މަތީގައި ކަމުގައެވެ.