ޚަބަރު

ޙަމާސް ނައްތައިނުލެވޭނެ, އިތުރު ހިތްވަރަކާ އެކު އަލުން ތެދުވާނެ: މަޝްޢާލް


ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރާ ޙަމާސް ޖަމާޢަތް ނައްތައިލުމުގެ ނަމުގައި ޔަހޫދީން ލާއިންސާނީ ޖަރީމާތަކެއް ފަށައި, އެ ޖަމާޢަތަށް ބޮޑެތި ގެއްލުންތަކެއް ދިން ނަމަވަސް, ޙަމާސް ނައްތައިނުލެވޭނެ ކަމަށާއި, އިތުރު ހިތްވަރަކާއި އައު އަޒުމަކާ އެކު އަލުން ތެދުވާނެ ކަމުގައި އެ ޖަމާޢަތުގެ އިސް އޮފިޝަލެއް ކަމުގައިވާ ޚާލިދް މަޝްޢާލް ވިދާޅުވެއްޖެއެވެ. އޭނާ މި މޭރުމުން ވާހަކަފުޅު ދައްކަވާފައި މި ވަނީ, ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނައްތައިލުމަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނަށް އަހަރެއް ފާއިތުވުމާ ގުޅިގެންނެވެ.

މަޝްޢާލް ވިދާޅުވީ, މީގެ އަހަރެއްހާ ދުވަސް ކުރިން ޔަހޫދީން ޣައްޒާއަށް ބޮންއަޅައި މުސްލިމުން ޝަހީދުކޮށްލަން ޢުދުވާނެއް ފެށި ނަމަވެސް, ފަލަސްޠީނުގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީން ޙަޤީޤަތުގައި ޢުދުވާން ހިންގަން ފަށާފައި ވަނީ މީގެ 76 އަހަރު ކުރިން ކަމުގައެވެ. އޭނާ އިޝާރާތް ކުރައްވާފައި އެ ވަނީ, ފަލަސްޠީންގެ ބިންތަކުން މުސްލިމުން ނެރެ, އެ ބިމުގައި ޔަހޫދީންގެ ދައުލަތެއް ބިނާ ކުރުމާއި, އެ ކަމާ ގުޅިގެން ކުރި ހަނގުރާމައަށެވެ. މުސްލިމުން ސިފަ ކުރާ ގޮތުގައި އެއީ "ނަކްބާއެއް" ނުވަތަ ބޮޑު މުސީބާތެކެވެ.

"ފަލަސްޠީނުގެ ތާރީޚަކީ އަބަދުވެސް ނިއުޅެމުންދާ އެއްޗެއް. ބައެއް މަރުޙަލާތަކުގައި ގިނަ ޢަދަދެއްގެ މުޖާހިދުން ޝަހީދުކޮށްލެވޭ, އަދި މުޖާހިދުންގެ އަސްކަރީ ބާރުވެރިކަމާއި ޤާބިލުކަން ނެތިދޭ, ނަމަވެސް ފަލަސްޠީނުގެ މުސްލިމުން އަބަދުވެސް ތެދުވާނެ, މާތްاللهގެ ރަޙުމަތްފުޅާ އެކު،" 1996ން 2017އަށް ޙަމާސް ޖަމާޢަތުގެ އެންމެ އިސް ވެރިޔާގެ މަޤާމު ފުރުއްވާފައިވާ މަޝްޢާލް ވިދާޅުވިއެވެ.

ޔަހޫދީންގެ ލާއިންސާނީ ޢުދުވާނުގެ ދަށުން އެ މީހުން ދަނީ ޙަމާސް ޖަމާޢަތުގެ އިސް ވެރިން ޝަހީދުކޮށްލަން ނިރުބަވެރި ޙަމަލާތައް ދެމުންނެވެ. ޖުލައި 31ވަނަ ދުވަހު އީރާނުގެ ވެރިރަށް ތަހްރާނަށް ދިން ޙަމަލާއެއްގައި އެ ޖަމާޢަތުގެ ސިޔާސީ ގޮފީގެ ކުރީގެ ވެރިޔާ އިސްމާޢީލް ހަނިއްޔާ ޝަހީދުކޮށްލިއެވެ. މަޝްޢާލް ޝަހީދު ކޮށްލަން ވެސް ޔަހޫދީ ފައުޖުން އެތަކެއް ފަހަރަކު މަސައްކަތް ކުރިއެވެ. މި ގޮތުން, 1997ވަނަ އަހަރު އޭނާ ޝަހީދުކޮށްލުމުގެ ނިޔަތުގައި ޒަހަރު ދީފައިވެއެވެ. ނަަމަވެސް, ޔަހޫދީންގެ ޖައްބާރު ރޭވުންތައް ކާމިޔާބެއް ނުވިއެވެ.

މަޝްޢާލް ވިދާޅުވީ, ޙަމާސްގެ މުޖާހިދުން މިއަދުވެސް ޔަހޫދީންނާ ދެކޮޅަށް މަތިވެރި ޖިހާދެއް ކުރަމުންދާ ކަމުގައެވެ. އަދި, އަސްކަރީ ގޮތުން އެ ޖަމާޢަތް ބަލިކަށި ކޮށްލެވިފައި ނުވާ ކަމުގައެވެ. ޣައްޒާ ޢުދުވާނަށް އެއް އަހަރު ފުރުމާ ދިމާކޮށް ވެސް ޙަމާސުން ވަނީ ޔަހޫދީންގެ ރަށްތަކަށް ވަރުގަދަ ރޮކެޓު ޙަމަލާތަކެއް ދީފައެވެ. ޣައްޒާ ޢުދުވާން ފަށާފައި ވަނީ, ޔަހޫދީންގެ އަޅުވެތިކަމަށް ކެތް ނުކުރެވިގެން ޙަމާސްގެ މުޖާހިދުން ޒަޔަނިސްޓުންގެ ރަށްތަކަށް ވަރުގަދަ ޖިހާދީ ޙަމަލާތަކެއްދީ, ގިނަ ޢަދަދެއްގެ ޔަހޫދީން ރަހީނު ކުރުމާ ގުޅިގެންނެވެ.

"އަޅުގަނޑުމެންގެ ހަތިޔާރުތަކުގެ އަދަދު މަދުވެއްޖެ, ނަމަވެސް އަޅުގަނޑުމެންގެ ޖިހާދާ ގުޅޭ ޒުވާނުންގެ އަދަދު ދަނީ އެތަކެއް ގުނައަކަށް އިތުރުވަމުން. އަޅުގަނޑުމެން މި ދަނީ އިތުރު ހަތިޔާރު އުފެއްދުމުގެ މަސައްކަތް ވެސް ބާރަށް ކުރިއަށް ގެންދަމުން،" މަޝްޢާލް ވިދާޅުވިއެވެ.

ހަނިއްޔާ ޝަހީދު ކޮށްލުމާ ގުޅިގެން އޭނާގެ މަޤާމަށް ޢައްޔަން ކޮށްފައި ވަނީ ޔަޙްޔާ އަލް-ސިންވާރެވެ. ނަމަވެސް, ތިން ދަހަރެއްހާ ދުވަސް ވަންދެން ޙަމާސަށް ޚިދުމަތް ކުރެއްވުމުގައި ދެމިހުންނެވި މަޝްޢާލަކީ އަދިވެސް އެ ޖަމާޢަތުގައި ބަސްވިކޭ, އަދި ނުފޫޒު ގަދަ ބޭފުޅެކެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ, މަޝްޢާލްގެ ބަސްފުޅުތަކުން ދޭހަވަނީ, ޙަމާސުން އެންމެ ފަހު މީހާއާ ޖެހެންދެން ޖިހާދު ކުރުމުގައި ދެމިތިބޭނެ ކަން ކަމުގައެވެ.

"ޖުމްލަކޮށް ދަންނަވާ ނަމަ [ޙަމާސް] އަދިވެސް ދިރި އެބައޮތް, ހަރަކާތްތެރިވަމުންދޭ. އަދި, ކުރިއަށް އޮތް ދުވަސްތަކުގައި އެނބުރި ޣައްޒާއަށް އަންނާނެ،" އިންޓަރނޭޝަނަލް ކްރައިސިސް ގުރޫޕުގައި މެދުއިރުމައްޗާއި އެފްރިކާގެ މަސްރަޙު ދިރާސާ ކުރައްވާ ބޭފުޅެއް ކަމުގައިވާ ޔޯސްޓް އާރް ހިިލްޓަރމަން ވިދާޅުވިއެވެ. ޣައްޒާ ޢުދުވާން ނިމުމަކަށް އައުމުން ދެން އަމަލު ކުރާނެ ގޮތުގެ ރޭވުމެއް ޔަހޫދީން އެކުލަވައިލާފައި ނުވާ ކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ, އިތުރު ހިތްވަރަކާއި އައު އަޒުމަކާ އެކު ޙަމާސް ޖަމާޢަތް އެނބުރި އައުމުގެ ފުރުޞަތު ބޮޑު ކަމުގައެވެ.

2023 އޮކްޓޫބަރު 7ން ފެށިގެން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 41,909އަށް އުފުލިފައެެވެ. އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނޭއިރު, އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ޤަބޫލު ކުރެއެވެ. ޣައްޒާ ޢުދުވާނުގައި ޔަހޫދީ ފައުޖުން ވަނީ 97,303 މީހުން ޒަޚަމު ކޮށްލާފައެވެ.