ޚަބަރު

މާލޭގެ ފިހާރައެއްގައި ތޫނު އެއްޗަކުން ހަމަލާދިން މީހަކު ޝަރީއަތް ނިމެންދެން ބަންދަށް


  • މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މއ. މަސްފަން، މުނީޒް

މާލޭގެ ފިހާރައެއްގައި ތޫނު އެއްޗަކުން ހަމަލާދިން މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެފައިވާގޮތުގައި މާލޭގެ ދިލްބަހާރު މަގުގައި ހުންނަ ފިހާރައެއްގެ ތެރޭގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދީގެން ހައްޔަރުކޮށްފައިވަނީ މއ. މަސްފަން، އުމުރުން 37 އަހަރުގެ މުނީޒެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި މަހުގެ ހަވަނަ ދުވަހުއެވެ.

ފުލުހުން މައުލޫމާތު ދެއްވާގޮތުގައި އެ މައްސަލައިގެ ރިޕޯޓު ލިބިފައިވަނީ މި މަހުގެ ފަސްވަނަ ދުވަހުގެ ރޭ 10:01 ހާއިރުއެވެ. މިހަމަލާގައި އަނިޔާވެފައިވަނީ ދިވެހި ފިރެހެނަކަށެވެ.

ފުލުހުން ވިދާޅުވީ މި މައްސަލައިގައި މުނީޒްގެ ބަންދާ މެދު ގޮތެއް ނިންމުމަށް މި މަހު ހަތްވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރުމަށް އަމުރު ކޮށްފައިވާ ކަމަށެވެ.

ކޯޓުގެ އަމުރުގައިވާގޮތުން މުނީޒްގެ މައްޗަށް ކުށުގެ ތުހުމަތު ކުރެވޭވަރަށް ހެކިވަނީ ހުށަހަޅާފައެވެ. އޭނާ ބަންދުކުރުމަށް ނިންމާފައިވަނީ މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށްވެސް ކޯޓު އަމުރުގައި ވަނީ ބަޔާންކޮށްފައެވެ.

ކްރިމިނަލް ކޯޓުގެ ހުކުމުގައިވާ ގޮތުން މުނީޒަކީ ތޫނު ހަތިޔާރު ގެންގުޅުމާއި ފޭރުމުގެ ކުށުގެ ރެކޯޑު އޮންނަ މީހެކެވެ.