ޚަބަރު

ފެންބޮޑުވުމާ ގުޅިގެން އިންޑިޔާއާއި ބަންގްލަދޭޝުން 21 މީހުން މަރުވެ, ގިނަ ބަޔަކު ހާލުގައި ޖެހިއްޖެ


އިންޑިޔާއާއި ބަންގްލަދޭޝްގެ ސަރަޙައްދުތަކަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ކުރިމަތިވި ފެންބޮޑުވުމާއި ބިންގަނޑު ކެނޑުމުގެ ހާދިސާތަކުގައި 21 މީހުން މަރުވެ, ގިނަ ޢަދަދެއްގެ ބަޔަކު ހާލުގައި ޖެހިއްޖެއެވެ. ފެންބޮޑުވުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އިންޑިޔާގެ އިރުއުތުރުގައި އޮތް މީގާލައި ސްޓޭޓަށް ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ބޯކޮށް ވާރޭވެހޭނެ ކަމަށް އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން ލަފާ ކުރެއެވެ.

އެ އިދާރާއިން ބުނީ, ފާއިތުވި ހަތަރު ވަރަކަށް ދުވަހުގެ ތެރޭގައި މީގާލައި ސްޓޭޓްގެ ސަރަޙައްދުތަކަށް މެދުކެނޑުމެއް ނެތި ބޯކޮށް ވާރޭވެހިފައިވާ ކަމުގައެވެ. އަދި, ކުރިއަށް އޮތް ދުވަސްތަކުގައި ވެސް 64.5 މިލިމީޓަރާއި 115.5 މިލިމީޓަރުގެ ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމުގައެވެ.

ބޯކޮށް ވާރޭވެހުމާ ގުޅިގެން ބައެއް ސަރަޙައްދުތަކުގައި ފެންބޮޑުވެ, ބިންގަނޑު ކެނޑުމާއި ކިސަޑު ފޭބުމުގެ ހާދިސާތައް ހިނގައި, 15 މީހުން މަރުވިއެވެ. އަދި, ގިނަ ޢަދަދެއްގެ ބަޔަކަށް އަނިޔާވިއެވެ. އެންމެ ގިނަ ޢަދަދެއްގެ ބަޔަކު މަރުވީ ދެކުނު ގާރޯގެ އުސް ބިންތަކުންނެވެ. އެ ސަރަޙައްދުގައި ހުރި ގެއެއްގެ މައްޗަށް ކިސަޑު ފައިބައި, އެ ގޭގައި ދިރިއުޅުނު ޢާއިލާގެ ހަތް މެންބަރުން މަރުވި ކަމުގައި އިންޑިޔާގެ ކަމާގުޅޭ އިދާރާތަކުން ހާމަކުރިއެވެ. އިތުރު މީހަކު މަރުވީ ވެއްޓުނު ގަހެއްގެ ދަށުވެގެންނެވެ. އަދި, ފެންގަނޑުގެ އޮޔާއެކު އިތުރު ދެ މީހަކު ދަމައިގަނެގެން ގެސްގޮސްފައިވެއެވެ.

"މޫސުން ރަނގަޅުވާން ފެށުމާ އެކު ހާލަތު ވެސް ވަނީ ރަނގަޅު ވާން ފަށާފައި, މަރުވެފައިވާ އެންމެންގެ ހަށިތައް މިހާރު ވަނީ ހޯދިފައި،" މީގާލައި ސްޓޭޓްގެ ކާރިސާތަކާ ބެހޭ އިދާރާގެ ވެރިޔާ ސަންޖޭ ގޯޔަލް ވިދާޅުވިއެވެ. ފެންބޮޑުވުމާއި ބިންގަނޑު ކެނޑުމުގެ ހާދިސާތަކުގައި ގެދޮރު ގެއްލިފައިވާ 17,000އެއްހާ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. ފެންބޮޑުވުމާ ގުޅިގެން 165 އަވަށެއްގެ ދިރިއުޅޭ ރައްޔިތުން ވަނީ ހާލުގައި ޖެހިފައެވެ.

ސަރަޙައްދީ ރޮނގު ހުރަސްކޮށް މީގާލައި ސްޓޭޓާ އިންވެގެން އޮތް ބަންގްލަދޭޝްގެ ސަރަޙައްދުތަކަށް ވެސް ދަނީ ބޯކޮށް ވާރޭވެހެމުންނެވެ. އެންމެ ބޮޑަށް ފެންބޮޑުވެފައި ވަނީ އެ ޤައުމުގެ އުތުރުގައި އޮތް މައިމޮންޝިންހުގެ ރަށެއް ކަމުގައިިވާ ޝޭރްޕޫރަށެވެ. އެ ސަރަޙައްދުގައި ހިނގި ފެންބޮޑުވުމާއި, ބިންގަނޑު ކެނޑުމުގެ އިތުރުން ކިސަޑު ފޭބުމުގެ ހާދިސާތަކުގައި ހަ މީހުން މަރުވެ, ގިނަ ޢަދަދެއްގެ ބަޔަކަށް އަނިޔާވިއެވެ.

ޝޭރްޕޫރުގެ ވެރިޔާ ތޮރޮފްދާރު މަޙްމޫދު އަލް-ރަޙްމާން ވިދާޅުވީ, ފެންބޮޑުވެފައިވާ ގިނަ ސަރަޙައްދުތަކުގެ ފެންގަނޑު ހިނދެން ފަށާފައިވާ ކަމަށާއި, އެ ރަށުގެ ހާލަތު މަޑުމަޑުން ޢާންމު ހާލަތަކަށް ރުޖޫއަވަމުންދާ ކަމުގައެވެ. "ފެންބޮޑުވުމާ ގުޅިގެން ވަގުތީ ހިޔާތަކަށް ބަދަލު ކުރި މީހުން އެނބުރި އަމިއްލަ ވަޒަނަށް ދާން ފަށައިފި،" އޭނާ ވިދާޅުވިއެވެ. ފެންބޮޑުވުމާ ގުޅިގެން 100,000އެއްހާ މީހުން އަމިއްލަ ގެދޮރުގައި ތާށިވެ, ހާލުގައި ޖެހިފައިވާއިރު, ސަރަޙައްދުގެ ދަނޑުބިންތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

ގެދޮރުގައި ތާށިވެ, ހާލުގައި ޖެހިފައިވާ މީހުން ސަލާމަތް ކުރަން ބަންގްލަދޭޝްގެ އަސްކަރިއްޔާއިން މިހާރު ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. އަދި, ހާލުގައި ޖެހިފައިވާ މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމުގެ މަސައްކަތުގައި ވެސް ޓީމުތަކުން ދަނީ ހަރަކާތްތެރިވަމުންނެވެ. ފެންބޮޑުވުމާ ގުޅިގެން ގިނަ ޢަދަދެއްގެ ބުރިޖުތައް ހަލާކުވެ, ހާލުގައި ޖެހިފައިވާ މީހުންނާ ހަމައަށް ދަތުރު ކުރަން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމުގައި އެ ޤައުމުގެ އިދާރާތަކުން ބުންޏެވެ. "ގެދޮރުގައި ތާށިވެފައިވާ މީހުން ސަލާމަތް ކުރަން އަދިވެސް މި ދަނީ މަސައްކަތް ކުރަމުން،" މަޙްމޫދު އަލް-ރަޙްމާން ވިދާޅުވިއެވެ.

އޮގަސްޓު މަހުގެ ތެރޭގައި ވެސް ބަންގްލަދޭޝްގެ އިރުމަތީ ސަރަޙައްދުތަކުގައި ފެންބޮޑުވިއެވެ. އަދި, ބިންގަނޑު ކެނޑުމާއި ކިސަޑު ފޭބުމުގެ ހާދިސާތަކުގައި 70 މީހުން މަރުވިއެވެ. ފެންބޮޑުވުމާ ގުޅިގެން އެ ސަރަޙައްދުތަކަށް ލިބުނު ގެއްލުމުގެ އަގު 1.2 ބިލިޔަން އެމެރިކާ ޑޮލަރަށް އަރާ ކަމުގައި މަސްރަޙު ދިރާސާ ކުރާ އިދާރާއެއް ކަމުގައިވާ ސެންޓަރ ފޯ ޕޮލިސީ ޑަޔަލޮގުން އަންދާޒާ ކުރެއެވެ.

ކޮންމެ އަހަރެއްގެ ޖޫނާއި ސެޕްޓެންބަރާ ދެމެދު ދެކުނު އޭޝިޔާގެ ޤައުމުތަކަށް ވިއްސާރަ މޫސުމާ ކުރިމަތިވެއެވެ. އެހެން އަހަރުތަކާ ޚިލާފަށް, މި އަހަރުގެ ވިއްސާރަ މޫސުމުގައި އާދަޔާ ޚިލާފަށް ބޯކޮށް ވާރޭވެހިފައިވާ ކަން މޫސުމީ މާހިރުން ހާމަކުރިއެވެ. ދާދި ފަހުން ނޭޕާލުގެ ސަރަޙައްދުތަކަށް ވެސް ބޯކޮށް ވާރޭވެހި, ބޮޑު ސަރަޙައްދެއްގައި ފެން ބޮޑުވެ, ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އަދި, އެކި ހާދިސާތަކުގައި 241 މީހުން މަރުވެފައިވާއިރު, އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ ކުޑަކުދިން ހިމެނެއެވެ. ފެންބޮޑުވުމާ ގުޅިގެން އެ ޤައުމުގައި ގިނަ ޢަދަދެއްގެ ގެދޮރާއި, މަގުތަކާއި, އިންޖީނުގެތަކާއި ބުރިޖުތަކަށް ގެއްލުންވިއެވެ.