ޚަބަރު

އެގްރި ބޯޓާއެކު ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުވެގެންދާނެ: ވަޒީރު އާދަމް ޝަރީފް


  • އެގްރި ބޯޓާއެކު ދަނޑުވެރިކަމުގެ ސިނާއަތަށް އިތުރު ކުރިއެރުންތައް ލިބިގެންދާނެ

އެގްރިބޯޓާއެކު ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުވެގެންދާނެކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ރާއްޖޭގައި އެގްރި ބޯޓު ތައާރަފުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި އޮތް ރަސްމިއްޔާތުގައި އެގްރި ބޯޓު ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވީ އެގްރި ބޯޓު ރާއްޖޭގައި ތައާރަފުވެގެންދިޔުމަކީ ތާރީޚީ ކާމިޔާބީއެއްކަމަށެވެ. އަދި މި ބޯޓާއެކު ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުވެ، ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތުވެސް ބަދަލުވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވީ އެގްރި ބޯޓަކީ ވަރަށް ރަނގަޅަށް ފަރުމާކޮށްފައިވާ ބޯޓެއްކަމަށާއި އެ ބޯޓްގެ ސަބަބުން ދަނޑުވެރިކަމުގެ ސިނާއަތަށް އިތުރު ކުރިއެރުންތައް ލިބިގެންދާނެކަމަށެވެ. މީގެއިތުރުން ދަނޑުވެރިކަމުގެ ސިނާއަތަށް ވިޔަފާރީގެ އިތުރު ފުރުޞަތުތައް ފަހިވެގެންދާނެކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

އެގްރި ބޯޓަކީ ޖަޕާނު ސަރުކާރުގެ އެހީގައި ޔޫއެންޑީޕީގެ ޕީޑީއެސްއޭއީގެ ދަށުން ބަންނަ ބޯޓުތަކެކެވެ. މިބޯޓް ފަރުމާކުރީ މޯލްޑިވްސް ޕޮލިސް ސަރވިސަސްގެ މެރިން ޕޮލިސްއިންނެވެ. މިމަސައްކަތަށް އިކޮނޮމިކް މިނިސްޓްރީއާއި އެގްރިކަލްޗަރ މިނިސްޓްރީގެ ފަރާތުން އެހީތެރިކަން ވަނީ ލިބިފައެވެ.

އެގްރި ބޯޓަކީ ސީދާ ދަނޑުވެރިކަމުގެ ބޭނުމަށް ފަރުމާކޮށްފައިވާ ބޯޓެކެވެ. މި ބޯޓް ފަރުމާކޮށްފައިވަނީ ރާއްޖޭގައި ދިމާވާ ގޮންޖެހުންތަކާއެކު ބޭނުންކުރެވޭ ގޮތަށް މޫސުމީ ބަދަލުތަކާއި އެކުވެސް ގަދަ ކަނޑުތަކުގައި ދުއްވޭގޮތަށް އަދި ބަނދަރަށް ލެފުމުގައިވެސް ފަސޭހަވާނެ ގޮތަށެވެ.

މިބޯޓުގައި ދަނޑުވެރިކަމުގެ ބާވަތްތައް ރައްކާކުރުމާއި، ސޯލާ ޕަވަރޑް ކޯލްޑް އެންޑް ޑްރައި ސްޓޯރޭޖް ފެސިލިޓީތަކާއި، ކްރޫއަށް އަރާމުކޮށްލަން ތިބެވޭ ކޮޓަރިތައް ވަނީ ފަރުމާކޮށްފައެވެ. މި ބޯޓު ފަރުމާކޮށްފައިވަނީ އިރުގެ ހަކަތައިން ކޯލްޑްސްޓޯރޭޖް ބޭނުން ކުރެވޭގޮތަށް ތިމާވެއްޓާއި އެންމެ ރައްޓެހި ގޮތަށެވެ. މި ބޯޓު ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ލ. އަތޮޅުން މާލެއަށެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖަޕާނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ތަކެއުޗި މިދޮރި ވިދާޅުވީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަރުކާރުން ގެންގުޅޭ އަމާޒަށް އެ ޤައުމުން ވެސް މަސައްކަތް ކޮށް، އެހީތެރިވާން ތައްޔާރަށް ތިއްބެވިކަމަށެވެ.

އެގްރި ބޯޓާއެކު ވަޒީފާގެ އިތުރު ފުރުސަތުތައް އުފެދި، ދަނޑުވެރިކަމުގެ ސިނާޢަތް ފުޅާކުރުމަށް އެހީތެރިވެދޭނެކަން ފާހަގަކުރައްވާ ސަފީރު ވިދާޅުވީ އޯގަނިކް އުފެއްދުންތައް އާންމުންނަށް ލިބުމަށް އެހީތެރިވެދޭނެކަމަށެވެ.

އެގްރޯނެޓުން މިބޯޓު ބަނުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ފިކްސްއިން މެރިން ޕްރައިވެޓް ލިމިޓެޑާއެވެ. މިއެއްބަސްވުމުގެ ދަށުން އެގްރޯނެޓުން ބަންނަ ފުރަތަމަ ބޯޓު ބަނދެފައިވާއިރު ދެވަނަ ބޯޓު ބަނުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

މި މަޝްރޫޢުގެ މަޤްޞަދަކީ ދަނޑުވެރިކަމުގެ އުފެއްދުންތަކަށް ދެމެހެއްޓެނިވި، ފައިދާހުރި، އިތުބާރުހުރި، އަދި ވަގުތުން ދަތުރުފަތުރު ކުރުމުގެ ނިޒާމެއް ޤާއިމުކުރުމެވެ. މިބޯޓުތަކުގެ ސަބަބުން ދަނޑުވެރިންގެ ބާވަތްތައް ތާޒާކަމާއެކު ވަގުތުން ރާއްޖޭގެ އެކި މާރުކޭޓްތަކަށް ފޯރުކޮށްދެވޭނެ ކަމުގެ ބޮޑު ޔަގީންކަމެއް ލިބިގެންދާނެއެވެ.