ޚަބަރު

ޢާއްމު ސިއްޙަތުގެ ދާއިރާއިން ރާއްޖެއިން ހޯދާފައިވާ ކާމިޔާބީތަކަށް ޑަބްލިއުއެޗްއޯގެ އެވޯޑެއް


  • އެވޯޑު ދީފައިވަނީ ރާއްޖެއިން ގިނަ ކަންތައްތަކެއް ހާސިލު ކޮށްފައިވާތީ

ޢާއްމު ސިއްޙަތުގެ ދާއިރާއިން ރާއްޖެއިން ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ޙާސިލުކޮށްފައިވާތީ އެކަންކަން ފާހަގަކޮށް، ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ރާއްޖެއަށް ޝަރަފުގެ އެވޯޑެއް ދީފިއެވެ.

މިއެވޯޑު ދިފައިވަނީ ޑަބްލިއުއެޗްއޯގެ މިއަހަރުގެ ސަރަޙައްދީ ބައްދަލުވުމުގެ ތެރެއިންނެވެ.

ސިއްޙަތާބެހޭ ވުޒާރާއިން ވިދާޅުވީ، ސަރަޙައްދީ ފެންވަރުގައި ޢާއްމު ސިއްޙަތުގެ ދާއިރާއިން ފާހަގަކޮށްލެވޭ ކާމިޔާބީތައް ޙާސިލުކޮށްފައިވާ ޤައުމުތަކުން ހޯދި ކާމިޔާބީ ޑަބްލިއުއެޗްއޯއިން ބަލައިގަނެފައިވާކަމަށެވެ. އެގޮތުން ރާއްޖެއިންވެސް ޢާއްމު ސިއްޙަތުގެ ދާއިރާއިން ކާމިޔާބީތައް ހޯދާފައިވާކަން އެޖަމްޢިއްޔާއިން ފާހަގަކޮށްފައިވާކަމަށް ސިއްޙަތާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ރާއްޖެއަށް އެވޯޑް ދީފައި ވަނީ ހެޕަޓައިޓިސް ބީ ނައްތާލެވިފައިވާތީއާއި ޢުމުރުން 5 އަހަރުން ދަށުގެ ކުދިން ނިޔާވާ މިންވަރު މަދުކުރުމާއި، އުފަންވާތާ މަހެއްނުވެ ނިޔާވާ ކުދިންނާއި، ބަނޑަށް 20 ހަފްތާގައި ނިޔަވާ ކުދިންގެ ނިސްބަތް ދަށްކުރެވިފައިވާތީކަމަށް ސިއްހަތާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ރާއްޖޭގެ އިތުރުން ޑިމޮކްރެޓިކް ޕިޕަލްސް ރިޕަބްލިކް އޮފް ކޮރެއާއާއި، އިންޑޮނޭޝިއާއާއި، ސްރީލަންކާގެ އިތުރުން ތައިލެންޑުންވެސް ވަނީ މިލަނޑުދަނޑިތައް ޙާސިލުކޮށްފައެވެ.

ރާއްޖެއިން ހެޕަޓައިޓިސް ބީ ނައްތާލެވިފައިވާކަމަށް ޑަބްލިއުއެޗްއޯއިންވަނީ މިއަހަރުގެ ޖެނުއަރީ މަހު ކަނޑައަޅާފައެވެ. މިގޮތުން ރާއްޖޭގައި ބައްޔާ ދެކޮޅަށް ފަށަފައިވާ ވެކްސިން ކެމްޕޭންގެ ކާމިޔާބީއާއި މާބަނޑު ދުވަސްވަރު ބަލީގެ ޢަލާމާތްތައް ދެނެގަނެވި ފަރުވާގެ ނިޒާމު ހަރުދަނާކުރެވިފައިވާކަން ޑަބްލިއުއެޗްއޯއިން ފާހަގަކޮށްފައިވެއެވެ.