ޚަބަރު

އިންޑިއާގެ މަހަރާޝްތްރާގެ ގަވަރުނަރު ރައީސުލްޖުމްހޫރިއްޔާއަށް ފަރިއްކޮޅެއް އަރުވައިފި


  • ފަރިއްކޮޅުގައި ދިވެހިރާއްޖޭގެ ވަފުދާމ މަހާރާޝްތްރާ ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި

  • ފަރިއްކޮޅުދެއްވާފައިވަނީ ރޭގައި

އިންޑިއާގެ މަހަރާޝްތްރާގެ ގަވަރުނަރު ސީ.ޕީ ރާދަކްރިޝްނަން ދެއްވި، ރޭގަނޑުގެ ރަސްމީ ފަރިއްކޮޅުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންފިއެވެ.

މި ފަރިއްކޮޅު ބާއްވަވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ރޭ އިރާކޮޅުއެވެ.

މި ފަރިއްކޮޅުގައި ރައީސުލްޖުމްޖޫރިއްޔާގެ އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނާއި މަހާރާޝްތްރާ ސަރުކާރުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅަކީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ދިވެހިރާއްޖޭގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.