ޚަބަރު

މާލޭގެ ވިޔަފާރި ބަނދަރުގައި ހިލޭ މުދާ ބެހެއްޓޭނެ މުއްދަތު ކުޑަ ކުރަނީ


  • ވިޔަފާރި ބަނދަރު ފުރުމުގެ ސަބަބުން ގިނަ ކާގޯ ގެނައުމަށް އުނދަގޫވޭ

  • ދުނިޔޭގެ އެންމެ ބޮޑު ޝިޕިން ލައިންގެ ބޯޓެއް ރާއްޖެ ވަނީ ގެނެސްފައި

މާލޭގެ ވިޔަފާރި ބަނަދަރުގައި ހިލޭ މުދާ ބެހެއްޓޭނެ މުއްދަތު ވަރަށް އަވަހަށް ބަދަލު ކުރައްވާނެކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ވަޖީހު މިހެން ވިދާޅުވީ ދުނިޔޭގެ އެންމެ ބޮޑު ޝިޕިން ލައިން ކަމަށްވާ މާއަސްކް ލައިންސް، އެމްއެސްސީގެ ކާގޯ ބޯޓެއް ރާއްޖެ އައުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހީމް ވިދާޅުވީ، މިހާރު މާލޭގެ ވިޔަފާރި ބަނދަރުގައި މުދާ ބެހެއްޓުމަށް އޮތީ ވަރަށް ކުޑަ ޖާގައެއް ކަމަށާއި، ދުނިޔޭގެ ބޮޑެތި ކާގޯ ބޯޓުފަހަރު ރާއްޖެ ގެނެވޭނީ ބަނދަރުގައި ޖާގަ އޮވެގެން ކަމަށެވެ.

ވަޖީހު ވިދާޅުވީ މިހާރު މާލެ ވިޔަފާރި ބަނދަރުގައި އެއްފަހަރާ ބެހެއްޓޭނީ 2،200 ކޮންޓެއިނަރު ކަމަށެވެ. އަދި މާލޭގެ ވިޔަފާރި ބަނދަރުގައި ބޭނުންކުރަމުންދަނީ ލިމިޓެޑް ވަޞީލަތްތަކެއްކަންވެސް ވަޖީހު ފާހަގަކުރެއްވިއެވެ. އެހެންކަމުން ބަނދަރުން ޖާގަ ތަނަވަސްކުރުމަށް ކާގޯ ގެނެސް، ބެހެއްޓޭނެ މުއްދަތު ވަރަށް އަވަހަށް ކުޑަ ކުރައްވާނެކަމަށް ވަޖީހު ވިދާޅުވިއެވެ.

ވަޖީހު ވިދާޅުވީ، ވަކި ފިނިހޫނުމިނެއްގައި ބަހައްޓަންނުޖެހޭ އަދި ބޮޑެތި ގެއްލުން ނުވާފަދަ ޑްރައި ކޮންޓެއިނަރު ހިލޭ ބަނދަރުގައި ބެހެއްޓޭ މުއްދަތު 7 ދުވަހަށް ކުޑަ ކުރާނެ ކަމަށެވެ. އަދި އެހެނިހެން ކޮންޓެއިނަރު ބެހެއްޓޭ މުއްދަތު 5 ދުވަހަށް ކުޑަ ކުރާނެކަމަށް ވަޖީހު ވިދާޅުވިއެވެ.

މިހާރު ކޮންމެ ބާވަތެއްގެ ކޮންޓެއިނަރެއްވެސް 10 ދުވަހު ހިލޭ ބެހެއްޓޭނެއެވެ. ވަޖީހު ވިދާޅުވީ ބަނދަރުން ޖާގަ ތަނަވަސްކުރުމަށް މިއީ ކޮންމެހެންވެސް ގެންނަންޖެހިފައިވާ ބަދަލެއް ކަމަށެވެ.

"މީގެ ހަފްތާއެއްހާ ދުވަސް ކުރިން ބޯޓެއް އައިސް 120 ކޮންޓެއިނަރު ނުބޭލިގެން މާޔޫސްވެގެން އެމީހުން ވަނީ ގޮސްފައި. ޕޯޓުގައި ޖާގަ ނެތް." ވަޖީހު ވިދާޅުވިއެވެ.

ވަޖީހު ވަނީ މުދާ ބެހެއްޓޭ މުއްދަތަށް ގެންނަ ބަދަލަށް ވިޔަފާރިވެރިންނާއި މުދާ ގެންނަ މީހުން އެއްބާރުލުންދިނުމަށް އިލްތިމާސްކުރައްވާފައެވެ.

މިއަދު ރާއްޖެއަށް ބަނދަރުކޮށްފައިވަނީ އެމްއެސްސީގެ "އެމްއެސްސީ މަނަސާ އެފް" ނަމަކަށް ކިޔާ ބޯޓެކެވެ. މި ބޯޓަށް މަރުހަބާ ކިއުމަށް އެމްޕީއެލްއިން ވޯޓަރ ސެލިއުޓެއް ދީފައިވެއެވެ.

މި ބޯޓު އައުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބޯޓުގެ ކެޕްޓަނަށް އެމްޕީއެލްގެ އަދި ސެންޗޫރިއަންގެ ފަރާތުން ހަނދާނީ ފިލައެއް އަރުވާފައިވެއެވެ. މި ބޯޓު ރާއްޖެ ގެނެސްފައިވަނީ ސެންޗޫރިއަންއިންނެވެ. ސެންޗޫރިއަންއަކީ މުދާ ގެނެސް، އުފުލައިދޭ ރާއްޖޭގެ ލޮޖިސްޓިކްސް ކުންފުންޏެކެވެ.

އެމްއެސްސީގެ ބޯޓުން 800 ކޮންޓޭނަރ ވަނީ ރާއްޖެ ގެނެސްފައެވެ. މީގައި ހިމެނެނީ މުޅިންވެސް ޖެނެރަލް ކާގޯއެވެ.