ޚަބަރު

ޔަހޫދީ ފައުޖުން ދިމިޝްޤަށް ބޮންއަޅައި ޢާންމުންގެ ހަތް މީހުން ޝަހީދުކޮށްލައިފި


ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން ސޫރިޔާގެ ވެރިރަށް ދިމިޝްޤަށް ބޮންއަޅައި ޢާންމުންގެ ހަތް މީހުން ޝަހީދުކޮށްލައިފިއެވެ. ސޫރިޔާގެ ސިޔާދަތީ މިނިވަންކަމާއި އިސްތިޤުލާލަށް ބެލުމެއް ނެތި ޔަހޫދީ ފައުޖުން ދިމިޝްޤަށް ދިން މިސައިލް ޙަމަލާތަކުގައި އިތުރު 11 މީހުން ޒަޚަމުކޮށްލިއެވެ. ސޫރިޔާގެ ދައުލަތުގެ މީޑިޔާއިން ބުނީ, ޔަހޫދީ ފައުޖުގެ އަސްކަރީ މަތިންދާބޯޓުތަކުން ބޮންއަޅާފައި ވަނީ ދިމިޝްޤުގެ މައްޒަތު ޑިސްޓްރިކްޓުގައި ޢާންމުން ދިރިއުޅޭ ސަރަޙައްދަކަށް ކަމުގައެވެ.

ސޫރިޔާގެ އަސްކަރިއްޔާގެ މަޞްދަރުތަކާ ޙަވާލާދީ އެ ޤައުމުގެ ދައުލަތުގެ މީޑިޔާއިން ބުނީ ޔަހޫދީ ފައުޖުން ޝަހީދުކޮށްލާފައިވާ މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭ ކަމުގައެވެ. އަދި, ޢާންމުން ދިރިއުޅޭ ގެދޮރާއި ޢުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމުގައެވެ. މައްޒަތަށް ޙަމަލާ ދީފައި ވަނީ, ޔަހޫދީން ވެރިވެގަނެފައިވާ އަލް-ޖޫލާންގެ އުސް ބިންތަކުގައި ހަރަކާތްތެރިވަމުން ދިޔަ ޔަހޫދީ ފައުޖުގެ އަނިޔާވެރި ސިފައިންނެވެ. އެ ސަރަޙައްދަށް ޙަމަލާ ދޭން ޔަހޫދީ ފައުޖުން ތިން މިސައިލް ބޭނުން ކޮށްފައިވާ ކަމުގައި ސޫރިޔާގެ އަސްކަރިއްޔާގެ މަޞްދަރުތަކުން ހާމަކުރިއެވެ.

ދިމިޝްޤަށް ދިން ޙަމަލާތަކާ މެދު އެއްޗެއް ހާމަ ކުރަން ޔަހޫދީ ފައުޖުން ވަނީ ދެކޮޅު ހަދާފައެވެ. ނަމަވެސް, ސޫރިޔާގައި ހަރަކާތްތެރިވާ އީރާނާ ގުޅުން އޮތް ހަތިޔާރު އެޅި ޖަމާޢަތްތަކުގެ މެންބަރުންނާއި, އީރާނުގެ ބާރުގަދަ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ގެ ކޮމާންޑަރުންނާއި އޮފިސަރުންނަށް ޙަމަލާ ދޭނެ ކަމުގެ އިންޒާރު ޔަހޫދީން ކުރިން ދީފައިވެއެވެ.

ޔަހޫދީ ފައުޖުން ސޫރިޔާއަށް ނިރުބަވެރި ޙަމަލާތަކެއް ދީފައި މި ވަނީ, ފަލަސްޠީނާއި ލުބްނާންގެ ޢާންމު ރައްޔިތުން ޝަހީދުކޮށް ނެތިކޮށްލަން ލާއިންސާނީ ޖަރީމާތަކެއް ހިންގަމުންދާ ދަނޑިވަޅެއްގައެވެ. ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ލާއިންސާނީ ޢުދުވާނެއް ފަށާފައި ވަނީ މީގެ އަހަރެއް ކުރިން, 2023 އޮކްޓޫބަރު 7ގައެވެ. އަދި, ލުބްނާންގެ ޢާންމު ރައްޔިތުންނާ ދެކޮޅަށް ލާއިންސާނީ ޖަރީމާތަކެއް ފަށާފައި ވަނީ މި އަހަރުގެ ސެޕްޓެންބަރު މަހުގެ 23ވަނަ ދުވަހުއެވެ. ޣައްޒާގެ އިތުރުން ލުބްނާންގެ ރަށްތަކުގައި ވެސް ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިން, ބަރުހަތިޔާރާ އެކު ދަނީ ޤަތުލުޢާންމު ހިންގަމުންނެވެ.

ޢިރާޤާއި ސޫރިޔާގައި ތިބި އެމެރިކާގެ އިސްތިޢުމާރީ ސިފައިން ވެސް ދަނީ, އެ ދެ ޤައުމުގެ ރައްޔިތުންނަށް ޙަމަލާތައް އަމާޒު ކުރަމުންނެވެ. އެމެރިކާއަކީ ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރެވެ. ހުސްވި ސެޕްޓެންބަރު މަހުގެ ތެރޭގައި އެމެރިކާއިން ސޫރިޔާގެ ދެ ސަރަޙައްދަކަށް ނިރުބަވެރި ޙަމަލާތަކެއް ދީފައިވެއެވެ. އެ ޙަމަލާތަކުގައި 37 މީހުން މަރައިލިއެވެ. ޢިރާޤުގެ ޢާންމު ރައްޔިތުންނާ ދެކޮޅަށް އެމެރިކާގެ އިސްތިޢުމާރީ ސިފައިން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ މެދު ހިތްހަމަނުޖެހިގެން ޢިރާޤުގެ ސަރުކާރުން ވަނީ އެމެރިކާގެ އިސްތިޢުމާރީ ސިފައިން އެ ޤައުމުން ފޭބުމަށް އަންގާފައެވެ.