ޚަބަރު

ކްރިއޭޓިވް އިކޮނޮމީ ފަންޑުގެ ފުރަތަމަ ސްކީމް މާދަމާ ހުޅުވާލަނީ


  • މި ފަންޑުގެ ތެރެއިން 4 ދައިރާއަކަށް އެހީ ލިބޭނެ

އުފެއްދުންތެރި މަސައްކަތްތައް ކުރާ ފަރާތްތަކަށް މާލީ އެހީތެރިކަން ދިނުމަށް ޤާއިމްކޮށްފައިވާ ކްރިއޭޓިވް އިކޮނޮމީ ފަންޑުގެ ދަށުން މާލީ އެހީތެރިކަން ފޯރުކޮށްދޭ ފުރަތަމަ ސްކީމް މާދަމާ ހުޅުވާލަން ބީސީސީން ނިންމައިފިއެވެ.

މި ސްކީމަކީ މިޔުޒިކާއި ފިލްމު އުފެއްދުމުގެ އިތުރުން އާޓް އެންޑް ކްރާފްޓްގެ ގޮތުގައި ގިންތިކުރެވޭ އެކި އުފެއްދުންތަކާއި، މީޑިއާ ކޮންޓެންޓް އުފެއްދުންފަދަ ޕްރޮޖެކްޓުތަކަށް މާލީ އެހީ ފޯރުކޮށްދޭ ސްކީމެކެވެ. މި ސްކީމުން މާލީ އެހީތެރިކަން ފޯރުކޮށްދެނީ އެކަމަށް ކަނޑައަޅާފައިވާ އުޞޫލުގެ ދަށުންނެވެ.

ބީސީސީން ވިދާޅުވީ މި ސްކީމުން މާލީ އެހީތެރިކަން ހޯދަން އެދި ހުށަހަޅާ ކޮންމެ ފަރާތަކީ ޢުމުރުން 18 އަހަރު ވެފައިވާ ދިވެއްސެއް ކަމުގައިވާން ޖެހޭނެކަމަށެވެ. އަދި އެންމެ ކުދި ނުވަތަ ކުދި ފަންތީގެ ވިޔަފާރިއެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ވިޔަފާރިތަކުގެ ދަފްތަރުގައި ނުވަތަ ބީސީސީން ބަލަހައްޓާ އަމިއްލަ މަސައްކަތް ކުރައްވާ ފަރާތްތަކުގެ ދަފްތަރުގައި ހިމެނިފައިވާ ފަރާތެއް ކަމުގައިވެސް ވާންޖެހޭނެކަމަށް ބީސީސީން ވިދާޅުވެއެވެ.

އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކުގެ ދަފްތަރުގައި އެ ކަމަށް ޚާއްޞަ ޕޯޓަލް މެދުވެރިކޮށް ދަފްތަރުވުމުގެ ފުރުޞަޠު މިދިޔަ މަހުގެ 27 އިން ފެށިގެން ވަނީ ހުޅުވާލާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކްރިއޭޓިވް އިކޮނޮމީ ތަރައްޤީކުރުމުގެ ސިޔާސަތުގެ ތެރެއިން އިފްތިތާޙްކޮށްފައިވާ މި ފަންޑުގެ އަމާޒަކީ، އީޖާދީ އަދި އުފެއްދުންތެރި ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. އެގޮތުން ހުށަހަޅާ ކޮންމެ ފަރާތަކަށްވެސް 50،000 ރުފިޔާއާއި 300،000 ރުފިޔާއާ ދެމެދު އެހީއެއް ދޭނެކަމަށް މި މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ވިދާޅުވެއެވެ.

މި ފަންޑުގެ ތެރެއިން 4 ދާއިރާއަކުން އެހީތެރިކަން ލިބޭނެއެވެ. އެއީ ފިލްމް އުފެއްދުމަށާއި، މިއުޒިކް އުފެއްދުމަށާއި، އާޓްސް އެންޑް ކްރާފްޓް ދާއިރާއާއި ޑިޖިޓަލް ކޮންޓެންޓް ކްރިއޭޝަންގެ ދާއިރާކަމަށް ބީސީސީން ވިދާޅުވެއެވެ. އަދި އަންނަ އަހަރު ތެރޭގައި، ފަންޑު ފުޅާކޮށް އިތުރު ދައިރާތަކަށް ފުރުސަތު ފަހިކޮށްދެވޭނެކަމަށް ބީސީސީން ވިދާޅުވެއެވެ.