ޚަބަރު

ކުރީގެ މެޖިސްޓްރޭޓް ޝަފީޤް އަވަހާރަވުމާއި ގުޅިގެން ރައީސްގެ ތަޢުޒިޔާ


  • ޢަލީ ޝަފީޤް ވަނީ ޝަރުއީ ދާއިރާއަށް 34 އަހަރު ޚިދުމަތްކުރައްވާފައި

  • އޭނާ ވަނީ ކީރިތި ޤުރުއާން އުނގަންނައި ދެއްވުމުގެ މަސައްކަތް ކުރައްވާފައި

ޝަރުއީ ދާއިރާގައި ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ މެޖިސްޓްރޭޓް ރިޓަޔަރޑް އަލްއުސްތާޛު ޢަލީ ޝަފީޤް އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ތަޢުޒިޔާ ދަންނަވައިފިއެވެ.

މެޖިސްޓްރޭޓް ރިޓަޔަރޑް އަލްއުސްތާޛު ޢަލީ ޝަފީޤް އަވަހާރަވުމާއި ގުޅިގެން އެ ޢާއިލާއަށާއި ޝަރުޢީ އަދި ޤާނޫނީ ދާއިރާގައި ޚިދުމަތްކުރައްވާ ހުރިހާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ތަޢުޒިޔާ ދަންނަވާފައެވެ. އަދި ރައީސްގެ މެސެޖްގައި ވަނީ މާތްﷲގެ ތަނަވަސް ރަޙްމަތްފުޅާއި ރުހިވޮޑިގަތުމުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމް ޢަލީ ޝަފީޤް ލަހެއްޓެވުމަށް ދުޢާ ދަންނަވާފައެވެ.

މެޖިސްޓްރޭޓް ރިޓަޔަރޑް އަލްއުސްތާޛު ޢަލީ ޝަފީޤް ވަނީ ޝަރުޢީ ދާއިރާގައި 34 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވައިފައިވާފައެވެ.

ޝަރުޢީ ދާއިރާގައި ޚިދުމަތްކުރެއްވުމުގެ އިތުރުން ޢަލީ ޝަފީޤަކީ، ދ.މީދޫގައި އަދި ހުޅުމާލޭގައި ކީރިތި ޤުރުއާން އުނގަންނައި ދެއްވުމުގެ މަސައްކަތް، ދިގު މުއްދަތެއްގައި ކުރެއްވި، ދީނަށް ލޯބިކުރައްވާ، ޚުލްޤު ހެޔޮ، މުޖްތަމަޢުގެ އިޙްތިރާމް ލިބިވަޑައިގެން ހުންނެވި ޤާރީއެއް އަދި އެދުރެކެވެ.