ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތުގެ ދަށުން ހިންގާ ޕްރޮގްރާމްތަކާ ގުޅޭ މަޢުލޫމާތު ދިނުމަށް ޤާއިމްކޮށްފައިވާ ހެލްޕު ޑެސްކާއި ކޯލު ސެންޓަރުން ބަންދު ނޫން ކޮންމެ ދުވަހު ޚިދުމަތް ލިބޭނެކަމަށް ބިނާރާއި ގެދޮރުވެރިކަމާ ޢުމްރާނީ ތަރައްޤީއާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވީ، ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތުގެ ދަށުން ހިންގާ ޕްރޮގްރާމްތަކާ ގުޅޭ މަޢުލޫމާތު އެ ވުޒާރާގެ ހެލްޕް ޑެސްކުން އަދި ހޮޓްލައިން ނަންބަރު 4004900 އިން ބަންދު ނޫން ކޮންމެ ދުވަހަކު ލިބޭނެކަމަށެވެ. އެގޮތުން ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އަކުން ހަވީރު 15:00 އަށް ޚިދުމަތް ލިބޭނެކަމަށް ވަނީ ވިދާޅުވެފައެވެ.
ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތުގެ ދަށުން ހިންގާ ޕްރޮގްރާމްތަކާ ގުޅޭ މަޢުލޫމާތު ދިނުމަށް މިނިސްޓްރީގައި ޤާއިމްކޮށްފައިވާ ހެލްޕް ޑެސްކު އަދި ކޯލު ސެންޓަރު ހުޅުވިފައި ހުންނާނެ ގަޑިތައް
— Ministry of Infrastructure, Housing and Urban Dev. (@MIHUDmv) August 25, 2026
ހެލްޕް ޑެސްކާއި ކޯލު ސެންޓަރުގެ ހިދުމަތް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކުވެސް… pic.twitter.com/JBmX5rCoY2
ސަރުކާރުން ހުޅުވާލި ބޯހިޔާވަހިކަމުގެ މަޝްރޫޢަށް 58،585 ފޯމު ހުށަހަޅާފައިވާއިރު، މިހާރު ކުރިއަށްގެންދަނީ ފޯމުތައް ވެރިފައި ކުރުމުގެ މަރުޙަލާއެވެ.
ހުރިހާ ކައުންސިލުތައް، ސިޓީކައުންސިލުތައް އަދި އެހެނިހެން އިދާރާތަކުގައިވެސް ހުރި ގޯތިގެދޮރުގެ ރަޖިސްޓްރީއާ ގުޅޭ މަޢުލޫމާތުތައް އެ ވުޒާރާއިން މިހާރު ވަނީ އެއްކޮށްފައެވެ. އަދި މީގެތެރެއިން ރަޖިސްޓްރީއާ ގުޅިގެން ފުށުއަރާ މީހުންނަށް އެކަން މިހާރު ދަނީ އަންގަމުންނެވެ. އަދި އެކަމަށް ޖަވާބުދާރީވުމަށް 7 ދުވަހުގެ މުއްދަތެއްދޭނެއެވެ. މިގޮތަށް މަޢުލޫމާތު ފުށުއަރާ ފަރާތްތަކަށް އަންގާނީ، ބޯހިޔާވަހިކަން ޕޯޓަލް މެދުވެރިކޮށެވެ. އެހެންކަމުން ގަވާއިދުން ޕޯޓަލް ޗެކްކުރުމަށް ބިނާރާއި ގެދޮރުވެރިކަމާ ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.