ޚަބަރު

"ކުށް ކޮށްގެން ހޯދާ މުދަލުން މާލީ މަންފާ ހޯދުން ހުއްޓުވާނަން"


  • ކުށް ކޮށްގެން ހޯދާ މުދަލާގުޅޭ ބިލެއް މަޖިލީހަށް ވަނީ ފޮނުވާފައި

  • ބޭނުމަކީ ނުހައްގު މުދަލުން އިތުރު މަންފާ ހޯދޭނެ މަގުތައް ބަންދުކުރުން

ކުށް ކޮށްގެން ހޯދާ މުދަލާގުޅޭ ބިލުގެ ބޭނުމަކީ ނުޙައްޤުން ހޯދާ މުދަލުން އިތުރު މަންފާ ހޯދޭނެ މަގުތައް ބަންދުކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، ކުށް ކޮށްގެން ހޯދާ މުދަލާގުޅޭ ބިލެއް އެކުލަވާލައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ.

އަދި މި ބިލު ހުށަހެޅުމުގެ މައިގަނޑު އެއް ބޭނުމަކީ، ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން ނުޙައްޤުން ހޯދާ މުދާ އެ ފަރާތްތަކުގެ ކިބައިން ނަގައި، އެ މުދަލުން އިތުރު މަންފާ ހޯދޭނެ މަގުތައް ބަންދުކުރުމަށް ކުށް ކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާބެހޭ ޤާނޫނީ އޮނިގަނޑެއް ތަޢާރުފުކުރުން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މީގެ ސަބަބުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ކުށް ކޮށްގެން ހޯދާ މުދަލުން މާލީ މަންފާ ހޯދުން ހުއްޓުވޭނެ ކަމަށެވެ. އަދި އެކިފަރާތްތަކުން ޖިނާއީ ބޮޑެތި ކުށް ކޮށްގެން ހޯދާފައިވާ ދައުލަތުގެ މުދާ ދައުލަތަށް ނެގުމުގައި މިހާރު ދިމާވެފައިވާ ޤާނޫނީ މައްސަލައަށްވެސް މިބިލުން ޙައްލެއް ލިބިގެންދާނެ ކަމަށެވެ.

ކުށް ކޮށްގެން ހޯދާ ފައިސާއާއި މުދާ ދައުލަތަށް ނެގޭނެ ވަށައިޖެހޭ ނިޒާމެއް ނެތުމަކީ، ކޮރަޕްޝަން ފަދަ ކުށްތަކަށް އަރައިގަންނަ ފަރާތްތަކަށް އެފަދަ ފައިސާއާއި މުދަލުން ނަހަމަ މަންފާ ލިބިގަނެ، އޭގެ އަސްލު އޮޅުވާލައި، އެތަކެތިން ތަސައްރަފުކޮށް ނުޙައްޤު މުއްސަނދިކަން ހޯދައި ލިބިގަތުމަށް ހުޅުވާލެވިފައިވާ ދޮރެކެވެ. ކުށްކުށާއި ގުޅުންހުރި ފައިސާއާއި މުދާ ދައުލަތަށް ނެގުމުގެ ގާނޫނީ އުސޫލުތައް ކަނޑައެޅުންވެސް ހިމެނޭ ގޮތަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އިސްނަގައިގެން "އެސެޓް ރިކަވަރީ ނަމޫނާ ޤާނޫނު" ވަނީ އެކުލަވާލާފައެވެ.

ކުށް ކޮށްގެން ހޯދާ ފައިސާއާއި މުދާ އަނބުރާ ދައުލަތަށް ނެގުމާ ގުޅޭ ވަކި ޚާއްޞަ ޤާނޫނެއް ދިވެހިރާއްޖޭގައި ނެތުމާއެކު، މިކަމާ ގުޅޭގޮތުން ރާއްޖޭގައި ހުރި ޤާނޫނުތަކާއި ޤަވާއިދުތަކުގެ ދަށުން މި މަސައްކަތް ކުރެވެން އޮންނަ ގޮތާއި، މި މަސައްކަތް ކުރުމަށް ޤާނޫނީ ޒިންމާ މަތިކޮށްފައިވާ އިދާރާތަކަކީ ކޮބައިކަމާއި، ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ތަޢާރުޟުނުވާ ގޮތުގެމަތިން އެސެޓް ރިކަވަރީ ނަމޫނާ ޤާނޫނުގެ ފޮތުގެ ޑްރާފްޓް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށް އޭސީސީއިން ވިދާޅުވެއެވެ.