ޚަބަރު

"އަދަދު ނޫހުން އެދުނު އަމުރު ނެރެދެވޭކަށް ނެތް"


  • އަދަދު ނޫހުން އެދުނީ ތަކެތި ހޯދައިދިނުމުގެ އަމުރަކަށް

  • ތަކެތި އަނބުރާ ދީފިނަމަ ތަހުގީގަށް އަސަރުކުރާނެކަމަށް ކޯޓުން ނިންމަވާފަވޭ

އަދަދު ނޫހުން ކްރިމިނަލް ކޯޓުގައި އެދުނު، މުދާ ހޯދުމުގެ އަމުރު ނެރެދެވެން ނެތްކަމަށް ކްރިމިނަލް ކޯޓުން ނިންމަވައިފިއެވެ.

27 އެޕްރިލް 2026ގައި ފުލުހުން އެ އޮފީސް ބަލާ ފާސްކުރުމަށް ފަހު ފުލުހުންގެ ބެލުމުގެ ދަށަށް 20 އައިޓަމެއް ގެންގޮސްފައިވެއެވެ. އަދި އެ ތަކެތި އަނބުރާ ހޯދަން 17 މޭއިގައި އަދަދު ނޫހުން ވަނީ މައްސަލައެއް ހުށަހަޅާފައެވެ.

އެ ނޫހުން ހޯދަން އެދުނު ތަކެތީގެ ތެރޭގައި، ހާޑް ޑިސްކާއި، ލެޕްޓޮޕާއި، ޕެންޑްރައިވްގެ އިތުރުން އައިޕެޑްފަދަ ތަކެތި ހިމެނެއެވެ. އަދަދު ނޫހުގެ ފަރާތުން ވަކާލާތުކުރީ އެތަކެތި ހިފަހައްޓާފައިވަނީ ޤާނޫނުއަސާސީއިން ލިބިދޭ އަސާސީ ހައްގުތަކާއި ޚިލާފަށްކަމަށް ބުނެއެވެ.

ކޯޓުގައި ކުރިއަށްދިޔަ މައްސަލައިގައި، ފުލުހުން ވިދާޅުވީ، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތަކެތީގެ ތެރެއިން 15 އައިޓަމް، 17 މޭއިގައި އަނބުރާ އަދަދު ނޫހާ ހަވާލުކޮށްފައިވާކަމަށެވެ. ބާކީ ހުރި އައިޓަމްތައް ހަވާލުނުކުރެވިވަނީ އެ ޑިވައިސްތަކަށް ޕާސްވޯޑު ނުލިބުމުން، ޕްރޮސެސް ނުކުރެވިގެންކަމަށް ފުލުހުން ވިދާޅުވެއެވެ. އެހެންކަމުން އެތަކެތި ބަލާ ފާސްކޮށް ނުނިމޭކަން ފުލުހުން ފާހަގަކުރައްވައެވެ.

މިހާރު ހަވާލު ނުކުރެވި ވަނީ އެޕަލް މެކްބުކް ޕްރޯ ލެޕްޓޮޕް ޗާޖަރަކާއި، އެޕަލް މެކބުކް ޕްރޯ ލެޕްޓޮޕެއްގެ އިތުރުން، އެޕަލް މެކްބުކް އެއަރ ލެޕްޓޮޕެކެވެ.

ޕީޖީ އޮފީޙުން ކޯޓުގައި ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު އަދިވެސް ނުނިމޭކަމަށެވެ. އަދި ޑިވައިސްތައް ހިފަހައްޓާފައިވަނީވެސް އެ މަރުހަލާ ނުނިމޭތީކަމަށާއި، އެ ތަކެތި ދޫކުރުގެ އަމުރެއް ނެރެދޭނެ ތަނެއް ނެތްކަމަށް ކަނޑައަޅާދިނުމަށް ޕީޖީން ކޯޓުގައި އެދިވަޑައިގެންނެވިއެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުން ނިންމެވި ނިންމުގައިވަނީ، އަދަދު ނޫހުގެ އޮފީސް ބަލާ ފާސްކޮށްފައިވަނީ ޖީނާއީ ކުށަކާއި ގުޅިގެންކަމަށާއި، ތަހުގީގު ނުނިމެނީސް އެތަކެތި ހަވާލުކޮށްފިނަމަ ތަހުގީގަށް އަސަރުކުރުމުގެ ފުރުސަތު އޮތްކަމަށެވެ. އަދި އެ ތަކެތި ބަލާ ފާސްކޮށް، ފުލުހުންގެ ބެލުމުގެ ދަށަށް ތަކެތި ގެންދިޔައީ ޖިނާއީ އިޖުރާއަތާއި އެއްގޮތަށްކަމަށް އެ ކޯޓުން ވަނީ ކަނޑައަޅުއްވާފައެވެ. އެހެންކަމުން އަދަދު ނޫހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތަކެތި އަނބުރާ ދޫކުރަން އަމުރުކުރާނެ ޤާނޫނީ އަދި ޝަރުޢީ ހަމައެއް ނެތްކަމަށް ކްރިމިނަލް ކޯޓުން ނިންމަވާފައިވެއެވެ.