ޚަބަރު

މިދިޔަ ހަފުތާގައި ސްކޭމްގެ 39 މައްސަލަ


  • ސްކޭމް މައްސަލަތަކުގައި 457,776.96 ރުފިޔާ ގެއްލުނު

  • 222,755.20 ރުފިޔާ ވަނީ އަނބުރާ ހޯދާފައި

  • އެންމެ ގިނައިން ރިޕޯޓްކުރީ އީ-ކޮމާސް ސްކޭމްތައް

މިދިޔަ ހަފުތާގައި ސްކޭމުގެ 39 މައްސަލަ ހުށައަޅާފައިވާ ކަމަށާއި، މި މައްސަލަތަކުގައި ގެއްލުނު ފައިސާގެ 48.66 އިންސައްތަ އަނބުރާ ހޯދާފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ. މިދިޔަ ހަފުތާގައި ދުވާލެއްގެ މައްޗަށް އެވަރޭޖުކޮށް 5 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.

ފުލުހުންގެ ޚިދުމަތުން އާންމުކޮށްފައިވާ އެންމެފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިމަހުގެ 16 އިން 22 އަށް މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ 39 މައްސަލަ ވަނީ ހުށަހަޅާފައެވެ. މި މައްސަލަތަކުގައި ޖުމްލަ 457,776.96 ރުފިޔާ އާންމުންގެ އަތުން ގެއްލިފައިވާއިރު، ކަމާ ގުޅޭ މުއައްސަސާތަކާއި ބޭންކުތަކުގެ އެއްބާރުލުމާއެކު ކުރި މަސައްކަތުން، ގެއްލުނު ފައިސާގެ ތެރެއިން 222,755.20 ރުފިޔާ ވަނީ އަނބުރާ ހޯދިފައެވެ. މިއީ، މާލީ ކުށްތައް ހުއްޓުވުމަށާއި ރައްޔިތުންގެ މުދާ ރައްކާތެރި ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި ލިބުނު ބޮޑު ކުރިއެރުމެއްކަން ފުލުހުން ފާހަގަކުރައްވައެވެ.

މިދިޔަ ހަފުތާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ދުވާލެއްގެ މައްޗަށް އެވަރޭޖުކޮށް 5 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.

ފުލުހުން ވިދާޅުވީ، މަކަރާއި ހީލަތުން ފައިސާ ހޯދުމަށް އެންމެ ގިނައިން ބޭނުން ކޮށްފައިވަނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގެ ނަމުގައި ހިންގާ "އީ-ކޮމާސް" ސްކޭމްތައް ކަމަށެވެ. މިފަދަ 13 މައްސަލައެއް ވަނީ ރިޕޯޓްކޮށްފައެވެ. ދެން އެންމެ ގިނައީ ބޭރު ފައިސާ މާރުކޮށްދޭނެ ކަމަށް ބުނެ ހިންގާފައިވާ މަކަރާއި ހީލަތުގެ 10 މައްސަލައެވެ. މީގެ އިތުރުން ދަންނަ މީހުންގެ ނަމުގައި ގުޅައިގެން ނުވަތަ މެސެޖު ކޮށްގެން ފައިސާ ހޯދި 5 މައްސަލައަކާއި، ބުކިންގ ކެންސަލް ނުވަތަ ރިފަންޑާ ގުޅުވައިގެން ހިންގި 4 މައްސަލައެއްގެ އިތުރުން ކުރު މުއްދަތެއްގައި ބޮޑު ފައިދާއެއް ދޭނެކަމަށް ބުނެ ހިންގި އިންވެސްޓްމަންޓް 2 ސްކޭމެއް ވަނީ ރިޕޯޓުކޮށްފައެވެ. އަދި އެހެނިހެން ގޮތްގޮތަށް ހިންގާފައިވާ 5 މައްސަލައެއްވެސް ހިމެނެއެވެ.

ސްކޭމްތައް ހިންގާ ވަސީލަތްތަކަށް ބަލާއިރު، ރާއްޖޭގައި ހިންގާ ސްކޭމްތަކުގެ %99 އަކީ، ސޯޝަލް މީޑިއާގެ އެކި މަންސަތައް މެދުވެރިކޮށް ހިންގާ ސްކޭމްތަކެވެ. ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ސްކޭމްތަކުގެ %95 ހިއްސާކުރަނީ، ސީދާ ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް ހިންގާ ސްކޭމްތަކަށެވެ.

އީ-ކޮމާސް ސްކޭމްތަކަކީ، މިދިޔަ ހަފުތާގައިވެސް އެންމެ ގިނައިން ރިޕޯޓުކޮށްފައިވާ މައްސަލަތައް ކަމަށްވާތީ އޮންލައިންކޮށް ވިޔަފާރި ކުރާއިރު އަބަދުވެސް މުދާ ވިއްކާ ފަރާތްތަކުގެ ސައްހަކަން ކަށަވަރު ކުރުމަށް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ.

އަދި ބޭރު ފައިސާ މާރުކޮށްދޭނެ ކަމަށް ބުނެ ހިންގާ ސްކޭމްތައް މިހާރަކަށް އައިސް އިތުރުވަމުންދާތީ، އެކަމަށް އާންމު ރައްޔިތުން ސަމާލުވުމަށް ވެސް ވަނީ އިލްތިމާސް ކުރައްވާފައެވެ. ބޭރު ފައިސާ މާރުކުރުމުގައި ލައިސަންސް އޮތް އެކްސްޗޭންޖުތައް އެކަނި ބޭނުންކުރުމަށް ފުލުހުން އިލްތިމާސް ކުރައްވައެވެ.

މީގެ އިތުރުން، އޮންލައިންކޮށް ވިޔަފާރި ކުރުމުގައި އިތުބާރު ނުކުރެވޭ ފަރާތްތަކަށް ކުރިއާލާ ފައިސާ ނުފޮނުވުމަށާއި، މުދާ ލިބުމުން ފައިސާ ދެއްކުމުގެ ކޭޝް އޮން ޑެލިވަރީ އުސޫލަށް އިސްކަންދިނުމަކީވެސް، މިފަދަ ސްކޭމްތަކުން ސަލާމަތްވުމަށް އެޅިދާނެ މުހިންމު ފިޔަވަޅެއް ކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި ބޭރު ފައިސާ މާރުކުރުމުގައި ސޯޝަލް މީޑިއާ ގްރޫޕުތަކުގެ ބަދަލުގައި، ރަސްމީ ބޭންކުތަކާއި ހުއްދަ އޮންނަ މަނީ އެކްސްޗޭންޖުތަކުގެ ޚިދުމަތް ހޯދުމަށް ސަމާލުކަން ދިނުމަށް އެދިފައިވެއެވެ. ހަމައެއާއެކު، ގާތް ރައްޓެއްސަކު ނުވަތަ އާއިލާގެ މެންބަރެއްގެ ނަމުގައި ފައިސާއަށް އެދި މެސެޖެއް ލިބުނު ކަމުގައިވިޔަސް، ފައިސާ ފޮނުވުމުގެ ކުރިން އެ މީހަކަށް ގުޅައި އެއީ ސައްހަ މުއާމަލާތެއްކަން ޔަގީން ކުރުމަށްވެސް ވަނީ އިލްތިމާސް ކުރައްވާފައެވެ.