ޚަބަރު

އަނިޔާއަށް ފަހު މެސީ ފުރަތަމަ މެޗުގައި ވެނެޒުއޭލާ އާއި ދެކޮޅަށް


ކޯޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި މެސީ އަށް ލިބުނު އަނިޔާއަށްފަހު ފުރަތަމަ ފަހަރަށް ގައުމީ ޓީމުގެ ފަރިތަކުރުންތަކުގައި މެސީ ބައިވެރިވެއްޖެ އެވެ.

2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕް ކޮލިފައިންގައި ވެނެޒުއޭލާ އާއި ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ ފަރިތަކުރުންތަކުގައި މެސީ ބައިވެރިވެފައިވާއިރު އޭނާ ވަނީ އަނިޔާއިން ރަގަޅުވެ އިންޓަރ މަޔާމީ އެންމެ ފަހުން ކުޅުނު މެޗުތަކުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ.

އާޖެންޓީނާގެ ކޯޗް ލަޔޮނެލް ސްކެލޯނީ ވަނީ ކޮލިފައިންގައި ވެނެޒުއޭލާ އާއި ބޮލީވިއާ އާއި ދެކޮޅަށް ކުޅޭ މެޗުތަކަށް އެކުލަވާލި ސްކޮޑުގައި މެސީ ހިމަނާފަ އެވެ.

ވެނެޒުއޭލާ އާއި ދެކޮޅަށް އެ ގައުމުގައި ކުޅޭ މެޗަށް އާޖެންޓީނާގެ ފަރިތަކުރުންތައް ބާއްވާފައިވަނީ މެސީގެ ކްލަބް އިންޓަރ މަޔާމީގެ ދަނޑުގަ އެވެ. ކޯޗް ސްކެލޯނީ ވަނީ މި މެޗުގެ ކުރިން ވެނެޒުއޭލާ އަށް މިހާރު ކުރިމަތިވެފައިވާ ހަރިކޭން މިލްޓަންގެ ނުރައްކާތެރިކަން ހާމަކޮށް އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ވެނެޒުއޭލާ އާއި ދެކޮޅަށް ކުޅުމަށްފަހު އަމިއްލަ ގައުމުގައި އާޖެންޓީނާ ބޮލީވިއާ އާއި ދެކޮޅަށް ކުޅޭނީ އަންނަ އަންގާރަ ދުވަހުއެވެ.

ދުނިޔޭގެ ރޭންކިންގެ އެއްވަނައިގައި މިވަގުތު އޮތް އާޖެންޓީނާ ވަނީ ކޮލިފައިންގައި މިހާތަނަށް ކުޅުނު8 މެޗުން 18 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ މަގާމް ހޯދާފަ އެވެ. ދެވަނައިގައި އޮތް ކޮލަމްބިއާއަށް ލިބިފައިވަނީ އަށް މެޗުން 16 ޕޮއިންޓެވެ.