ޚަބަރު

އަނިޔާގެ ސަބަބުން ހެރީ ކޭން ގްރީސް އާއި ދެކޮޅަށް ނުފެނިދާނެ!


އިންގްލޭންޑްގެ ކެޕްޓަން ހެރީ ކޭން އަށް ލިބިފައިވާ އަނިޔާގެ ސަބަބުން ޔޫއެފާ ނޭޝަންސް ލީގުގައި މިރޭ ގްރީސް އާއި ދެކޮޅަށް އިންގްލޭންޑް ކުޅޭ މެޗުގައި ނުފެންނާނެ ކަމަށް ކޯޗް ލީ ކާސްލީ ބުނެފި އެވެ.

ނޭޝަންސް ލީގުގެ ގްރޫޕް ބީ2 ގައި މިރޭ ގްރީސް އާއި ދެކޮޅަށް ނިކުންނައިރު މި ދެ ޓީމުވެސް ވަނީ ކުޅުނު ފުރަތަމަ ދެ މެޗު ކާމިޔާބުކޮށް 6 ޕޮއިންޓް ހޯދާފަ އެވެ. އެހެންކަމުން މި މެޗުން މޮޅުވާ ޓީމަކަށް ގްރޫޕްގެ އެއްވަނައިގައި ހަމަޖެހިލެވޭނެ އެވެ. މިރޭ ގްރީސް އާއި ދެކޮޅަށް ކުޅުމަށްފަހު އިންގްލޭންޑް ދެން ނިކުންނާނީ ފިންލޭންޑާއި ދެކޮޅަށެވެ.

އިންގްލޭންޑަށް ރެކޯޑް އަދަދަކަށް ގޯލު ކާމިޔާބު ކޮށްދީފައިވާ ހެރީ ކޭން އަށް އަނިޔާވެފައިވަނީ ޖަރުމަން ބުންޑެސްލީގާގައި އެއިންޓްރެކްޓް ފެރެންކްފަރޓް އާއި ދެކޮޅަށް ބަޔާން މިއުނިކް ކުޅުނު މެޗުގަ އެވެ.

ވަގުތީ ކޯޗު ލީ ކާސްލީ ބުނެފައިވަނީ މިރޭގެ މެޗު ފެށުމަށް ކޭން ތައްޔާރު ނޫން ކަމަށާއި އެހެންކަމުން އަނިޔާއިން ރަގަޅުވެ އެއްކޮށް ފިޓްވުމުން އޭނާއަށް ފުރުސަތު ދޭނެ ކަމަށެވެ. އަދި އެއްކޮށް ފިޓް ނުވަނީސް މެޗުގައި ކުޅުވާ އިތުރު އެއްވެސް ރިސްކެއް ނަގަން ބޭނުން ނުވާކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.

ލީ ކާސްލީ އިތުރަށް ބުނެފައިވަނީ މިރޭގެ މެޗުގައި ހެރީ ކޭން ނެތުމުން ކެޕްޓަން ބޭންޑް އަޅައިގެން އެ ޒިންމާ އަދާކުރާނީ މެންޗެސްޓަރ ސިޓީގެ ޑިފެންޑަރ ޖޯން ސްޓޯންސް ކަމަށެވެ. އަދި މިއީ ޖޯން ސްޓޯންސް އަށް ހައްގު ޒިންމާއެއްގެ ގޮތުގައި އޭނާވަނީ އެކަން ސިފަކޮށްފަ އެވެ.

އަނިޔާގެ ސަބަބުން ހެރީ ކޭންއަށް މި މެޗުގައި ނުކުޅެވޭއިރު މިޑްފީލްޑަރ ޖެކް ގްރީލިޝްއަށް މިދިޔަ އަންގާރަ ދުވަހު ލިބުނު އަނިޔާގެ ސަބަބުން އޭނާއަށް ވެސް މި މެޗުގައި ނުކުޅެވޭނެ އެވެ. އަދި އޭނާގެ އަނިޔާގެ ކަންތައްތައް ކައިރިން ބަލަމުންދާކަމަށް ލީ ވަނީ ބުނެފައެވެ.

އިންގްލޭންޑްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ދާދި ފަހުން ހޮވުނު ޗެލްސީގެ ފޯވަޑް ކޯލް ޕާމާއަށް މެޗުތައް ފެށުމުގެ ފުރުސަތު ނުލިބޭތީ އެކަމާއި ގުޅޭ ގޮތުން ދެކެވޭ ވާހަކައަށް ރައްދު ދެމުން ލީ ކާސްލީ ބުނެފައިވަނީ ޕާމާ އަކީ އޭނާއަށް ވަރަށް ކަމުދާ ކުޅުންތެރިއެއް ކަމަށާއި ބޮޑެތި މެޗުތަކުގެ ތަޖުރިބާ އޭނާއަށް މިހާރު ލިބިފައިވާ ކަމަށެވެ.

އަދި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ސްޕެއިން ކޮޅަށް ޕާމާ ލަނޑު ޖަހާފައިވާއިރު ކުޅުންތެރިން ހޮވުމުގައި އޭނާ ބަލަނީ އެ ކުޅުންތެރިންގެ މެދުގައި ދަނޑުމަތީގައި އޮންނަ ގުޅުން ކަމަށާއި އަދި ކްލަބްތަކުގައި އެ ކުޅުންތެރިންގެ ފަރާތުން ފެންނަ ކުޅުމަށް ބަލާ ކަމަށެވެ. އަދި ޗެލްސީގައި ޕާމާ އާއި ނޮނީ މަޑުއެކޭގެ ގުޅުން ރަގަޅު ކަމަށް އޭނާ ވަނީ ބުނެފަ އެވެ.