ޚަބަރު

ޔަހޫދީންގެ ޙަމަލާތަކަށް ގަލްފުގެ ޤައުމުތަކުން އެހީވެގެން ނުވާނެ: އީރާން


ޔަހޫދީ ފައުޖުން އީރާނަށް ނިރުބަވެރި ޙަމަލާތަކެއް ދިނުމަށް ތައްޔާރުވަމުންދާ މި ދަނޑިވަޅުގައި, ޔަހޫދީންނަށް އެހީތެރިވުމުގެ ގޮތުން ވައިގެ ސަރަޙައްދާއި އަސްކަރީ މަރުކަޒުތައް ބޭނުން ކުރުމުގެ ހުއްދަ ނުދިނުމަށް ގަލްފުގެ ޤައުމުތަކަށް އީރާނުން ގޮވައިލައިފިއެވެ. މި ކަމާ ގުޅޭ ގޮތުން އީރާނުގެ އޮފިޝަލަކު ބުނީ, އީރާނަށް ޙަމަލާ ދިނުމަށް ގަލްފުގެ ޤައުމުތަކުގެ ވައިގެ ސަރަޙައްދާއި އަސްކަރީ މަރުކަޒުތައް ބޭނުން ކުރުމުގެ ހުއްދަ ޔަހޫދީންނަށް ދިނުމަކީ "ބަލައިގަނެވޭނެ ކަމެއް ނޫން" ކަމުގައެވެ.

ޔަހޫދީން އީރާނަށް ޙަމަލާ ދޭން ތައްޔާރުވަމުން ދަނީ, އީރާނުގެ ބާރުގަދަ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ން ޒަޔަނިސްޓު ދައުލަތުގެ ރަށްތަކަށް ވަރުގަދަ ޙަމަލާތަކެއް ދިނުމުން އެ ކަމުގެ ބަދަލު ހިފުމުގެ ގޮތުންނެވެ. 180އެއްހާ ބެލިސްޓިކް މިސައިލް ބޭނުން ކޮށްގެން އައިއާރްޖީސީން ޔަހޫދީންނަށް ޙަމަލާ ދީފައި ވަނީ, ފަލަސްޠީނާއި ލުބްނާނުގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނާ ގުޅިގެންނެވެ. އަދި, ޖުލައި 31ވަނަ ދުވަހު އީރާނުގެ ވެރިރަށް ތަހްރާނަށް ދިން ނިރުބަވެރި ޙަމަލާގެ ބަދަލު ހިފުމުގެ ގޮތުންނެވެ.

ތަހްރާނަށް ދިން ޙަމަލާގައި ޔަހޫދީ ފައުޖުން ވަނީ ފަލަސްޠީނުގެ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާޢީލް ހަނިއްޔާ ޝަހީދު ކޮށްލާފައެވެ. އަދި, އެއަށްފަހު ސެޕްޓެންބަރު 23ވަނަ ދުވަހު ލުބްނާނުގެ މުސްލިމުންނާ ދެކޮޅަށް ފެށި ލާއިންސާނީ ޖަރީމާތަކުގެ ތެރެއިން އެ ޤައުމުގެ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهގެ ވެރިޔާ އަލް-ސައްޔިދް ޙަސަން ނަޞްރުالله ޝަހީދު ކޮށްލާފައެވެ. ސެޕްޓެންބަރު 27ވަނަ ދުވަހު ލުބްނާނުގެ ވެރިރަށް ބައިރޫތަށް ދިން ޙަމަލާތަކުގައި އައިއާރްޖީސީގެ ކޮމާންޑަރުގެ ނައިބު ޢައްބާސް ނިލްފުރޫޝާން ވެސް ޝަހީދު ކޮށްލިއެވެ.

އީރާނަށް ޙަމަލާ ދިނުމުގައި ގަލްފުގެ ޤައުމުތަކުން ޔަހޫދީންނަށް ވާގިވެރިވުމާ ދެކޮޅަށް ވަކާލާތު ކުރައްވަން އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީ ވަނީ ސަޢޫދީ ޢަރަބިއްޔާއާއި ޤަޠަރުގެ އިތުރުން ގަލްފުގެ ގިނަ ޤައުމުތަކުގެ ވެރިންނާ ބައްދަލު ކުރައްވާފައެވެ. އެ ބައްދަލުވުންތަކުގައި ގަލްފުގެ ޤައުމުތަކުން އިރާނަށް ޙަމަލާ ދިނުމުގައި ޔަހޫދީންނަށް ވާގިވެރިނުވާނެ ކަމުގެ ޔަގީން ކަން އޭނާއަށް އަރުވާފައެވެ.

މި ކަމާ ގުޅޭ ގޮތުން ނަން ހާމަކޮށްފައި ނުވާ އީރާނުގެ އޮފިޝަލަކު ބުނީ, އެ ޤައުމަށް ޙަމަލާ ދޭން ގަލްފުގެ އެންމެ ޤައުމަކުން ޔަހޫދީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ, ގަލްފުގެ ހުރިހާ ޤައުމަކުން އެ ކަމުގައި ބައިވެރިވުމާ އެއްފަދަ އަމަލެއްގެ ގޮތުގައި އީރާނުން ދެކޭނެ ކަމުގައެވެ. އަދި, އެ ފަދަ އަމަލެއް ހިންގައިފި ނަމަ, ގަލްފުގެ ހުރިހާ ޤައުމަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާނެ ކަމުގައެވެ.

އީރާނަށް ޙަމަލާ ދިނުމާ ގުޅޭ ގޮތުން ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު, އެމެރިކާއިން ވަނީ ޔަހޫދީންނާ އެކު މަޝްވަރާ ކޮށްފައެވެ. ޒަޔަނިސްޓު އިސްރާއީލުގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ފޯނުން ގުޅުއްވައި ވާހަކަފުޅު ދައްކަވަމުން އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ އީރާނުގެ ތެޔޮ ވަޅުތަކާއި ތެޔޮ ސާފުކުރާ ކާރުޚާނާތަކުގެ އިތުރުން އެ ޤައުމުގެ ނިއުކްލިޔަރ ޕުރޮގުރާމުގެ ދަށުން ޤާއިމު ކޮށްފައިވާ ކާރުޚާނާތަކަށް ޙަމަލާ ދިނުމާ ދެކޮޅަށް ވަކާލާތު ކުރައްވާފައެވެ. އަދި, އީރާނުގެ ރައްޔިތުންގެ ފުރާނައަށް ރައްކާތެރިވުމަށް ވެސް އޭނާ ވަނީ ނިރުބަވެރި ނަތަންޔާހޫއަށް ބާރު އަޅުއްވާފައެވެ. އީރާނުގެ ތެޔޮ ވަޅުތަކަށް ޙަމަލާ ދޭން ޔަހޫދީން ރާވަމުންދާ ކަމުގެ ރިޕޯޓުތައް ހާމަވުމާ އެކު, ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވާ ކަން ފާހަގަ ކުރެވެއެވެ.