ޚަބަރު

ސަރަހައްދީ ރައްކާތެރިކަން ކަށަވަރުކުރުމުގައި ޕާކިސްތާނުގެ ދައުރު ބޮޑު


  • 250 މިލިޔަނަށްވުރެ ބޮޑު އާބާދީއެއް

  • ދެކުނު އޭޝިޔާގައި އިސްތިރާޖީ ގޮތުން މުހިންމު ބާރެއް

މި އަހަރަކީ ޕާކިސްތާނުން އެ ޤައުމުގެ 79ވަނަ މިނިވަން ދުވަސް ފާހަގަކުރަމުންދާ އަހަރެވެ. އެ ޤައުމުގެ ތާރީޚު ދައްކުވައިދެނީ ވަކި ވަޠަނެއް ޤާއިމްކޮށް، ދުސްތޫރީ އަދި ސިޔާސީ ބަދަލުތައް ގެނައުމަށާއި، ސަރަޙައްދީ ސަލާމަތާ ގުޅޭ ގޮންޖެހުންތަކާ ކުރިމަތިލައި، ބައިނަލްއަޤްވާމީ މައިދާނުގައި މުހިންމު ދައުރެއް ޢަދާ ކުރުމަށް އެ ޤައުމުން ކޮށްފައިވާ މިންނަތް މަސައްކަތެވެ. 1947ވަނަ އަހަރު ޕާކިސްތާނު ވުޖޫދަށް އައި ފަހުން އެ ޤައުމު މިހާރު ވެފައި ވަނީ އިސްތިރާޖީ ގޮތުން މުހިންމު، އަދި އދގެ ޞުލްޙަ ބެލެހެއްޓުމުގައި މުހިންމު ދައުރެއް ޢަދާކުރާ ދެކުނު އޭޝިޔާގެ ބާރަކަށެވެ. އަދި ގަލްފުގެ ޤައުމުތަކާއެކު ގާތް އިޤްތިޞާދީ، ޚާރިޖީ އަދި ދިފާޢީ ގުޅުންތައް ދަމަހައްޓާ ޤައުމަކަށެވެ.

ދެކުނު އޭޝިއާގައި އޮންނަ ޕާކިސްތާން، އިންޑިއާއާއި އަފްޣަނިސްތާންއާއި އީރާންއާއި ޗައިނާއާއެކު ސަރަޙައްދީ ރޮނގުތައް ޙިއްޞާކުރެއެވެ. ޕާކިސްތާން އޮންނަ ސަރަޙައްދުގެ ސަބަބުން އެ ޤައުމަކީ ސަރަޙައްދީ ސަލާމަތާއި ވިޔަފާރިއަށް ވަރަށް މުހިންމު ޤައުމެކެވެ. އެ ޤައުމު މެދުވެރިކޮށް ދެކުނު އޭޝިއާ، މެދުތެރޭ އޭޝިއާ އާއި މެދުއިރުމައްޗާ ގުޅުވައިދެއެވެ. އަދި ޢަރަބި ކަނޑަށް ވެސް އެ ޤައުމުން ނިކުމެވެއެވެ. 250 މިލިއަނަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ޕާކިސްތާނަކީ ދުނިޔޭގެ އެންމެ އާބާދީ ބޮޑު އެއް ޤައުމެވެ.

ޕާކިސްތާނު އުފެދިގެން އައި ގޮތާއި ތަރައްޤީވެގެން އައި ގޮތް

ޕާކިސްތާނު އުފެދިގެން އައީ އިނގިރޭސިންގެ ބާރުގެ ދަށުގައި އޭރު އޮތް އިންޑިއާގައި ދިރިއުޅެމުންދިޔަ މުސްލިމުންގެ ސިޔާސީ ހައްޤުތަކާއި މަސްލަހަތުތައް ރައްކާތެރި ކުރުމަށް އަމިއްލަ ވަޒަނެއް ޤާއިމްކުރުމަށް ކުރި މަސައްކަތުގެ ތެރެއިންނެވެ. މުޙައްމަދު ޢަލީ ޖިނާޙް އިސްވެ ހުންނަވައި ހިންގެވި އޯލް-އިންޑިއާ މުސްލިމް ލީގު ޕާޓީއިން ވަނީ އެ މަސައްކަތް އިތުރަށް ކުރިއަރުވައިފައެވެ.

1940ވަނަ އަހަރުގެ މާރިޗު މަހުގެ 23ވަނަ ދުވަހު އެ ޕާޓީއިން ވަނީ އިންޑިއާގައި މުސްލިމް އާބާދީ ގިނަ ސަރަޙައްދުތަކުގައި މިނިވަން ދައުލަތްތައް އުފެއްދުމަށް ގޮވާލާ ލާހޯރު ޤަރާރު ބަލައިގަނެފައެވެ. އެއަށްފަހު 1947ވަނަ އަހަރުގެ ޖޫން މަހު އިނގިރޭސިން ވަނީ ބްރިޓިޝް އިންޑިއާ މިނިވަން ދެ ޤައުމުގެ ގޮތުގައި ޤާއިމްކުރުމަށް ނިންމާފައިވާ ކަން އިޢުލާނުކޮށްފައެވެ. އެ ދެ ބަޔަކީ އިންޑިއާއާއި ޕާކިސްތާނެވެ. ޕާކިސްތާނު މިނިވަން ދައުލަތަކަށްވީ 1947ވަނަ އަހަރުގެ އޮގަސްޓު މަހުގެ 14ވަނަ ދުވަހުއެވެ.

ޕާކިސްތާނަށް މިނިވަންކަން ލިބުމުން ހަރުދަނާ ސިޔާސީ ނިޒާމެއް ޤާއިމްކުރުމުގެ ގޮންޖެހުމާ އެ ޤައުމުން ކުރިމަތިލާން ޖެހުނެވެ. އެ ޤައުމުގެ ފުރަތަމަ ޤާނޫނު އަސާސީއަށް ޢަމަލުކުރަން ފަށާފައި ވަނީ 1956ވަނަ އަހަރުގެ ތެރޭގައެވެ. ނަމަވެސް އޭގެ ފަހުން އައި އަހަރުތަކުގައި އެ ޤައުމުގައި އަސްކަރީ ވެރިކަން ވެސް ހިންގާފައިވެއެވެ. އަދި ސިޔާސީ ނިޒާމަށް ބޮޑެތި ބަދަލުތައް އައިސްފައިވެއެވެ.

ޕާކިސްތާނުގައި 1973ވަނަ އަހަރު ޢަމަލުކުރަން ފެށި ޤާނޫނު އަސާސީގެ ދަށުން އެ ޤައުމުގައި ބަރުލަމާނީ ނިޒާމެއް ވަނީ ޤާއިމްކޮށްފައެވެ. މިއަދު ވެސް އެ ޤައުމުގައި ޢަމަލުކުރަމުން ދަނީ މި ނިޒާމަށެވެ. މިހާރު ޢަމަލުކުރާ ނިޒާމުގެ ދަށުން ނޭޝަނަލް އެސެމްބްލީއާއި ސެނެޓަކީ އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ ދެ ގެއެެވެ.

ޕާކިސްތާނުގެ ޤާނޫނުހަދާ މަޖިލީސް

ޕާކިސްތާނުގެ ޤާނޫނުހަދާ މަޖިލީހުގެ މަތި ގެއަކީ ސެނެޓެވެ. ސެނެޓު އުފައްދާފައި ވަނީ 1973ވަނަ އަހަރުގެ ޤާނޫނު އަސާސީގެ ދަށުންނެވެ. އެއީ އެ ޤައުމުގެ ޕްރޮވިންސުތަކަށް ކަންކަމާ ގުޅޭގޮތުން ގޮތް ނިންމުމުގައި ބަސްބުނުމުގެ ފުރުޞަތު ދިނުމަށެވެ.

ނޭޝަނަލް އެސެމްބްލީ, ނުވަތަ ޤައުމީ މަޖިލީހުން ޕާކިސްތާނުގެ އާބާދީ ތަމްސީލުކުރާއިރު، ސެނެޓުން ހަމަހަމަކަމާއެކު ޕްރޮވިންސުތައް ތަމްސީލުކޮށްދެއެވެ. މިއީ ޤައުމީ ޤާނޫނުތައް އެކުލަވައިލުމުގައި ކުދި ޕްރޮވިންސުތަކުގެ ބޭނުންތަކަށް ރިޢާޔަތްކުރުމަށް ފުރުޞަތު ދީ، މައި ސަރުކާރުން ޕްރޮވިންސުތަކަށް ދޭ ސަމާލުކަން ހަމަހަމަކަމާއެކު ދޭ ތަރުތީބެކެވެ. ސެނެޓުން ޢަދާކުރާ ދައުރުގެ ތެރޭގައި ޤާނޫނުތައް ފާސްކުރުމާއި، ސަރުކާރުގެ ސިޔާސަތުތައް މުރާޖަޢާ ކުރުން ވެސް ހިމެނެއެވެ.

ޚާރިޖީ ތާރީޚާއި ސިޔާސަތު

ޕާކިސްތާނަށް މިނިވަންކަން ލިބުމަށްފަހު، އެ ޤައުމުން ވަނީ އެހެން ޤައުމުތަކާއެކު ޚާރިޖީ ގުޅުން ޤާއިމްކުރަން ފަށައިފައެވެ. ފެށުނީއްސުރެ އެ ޤައުމުން އެ ޤައުމުގެ ޚާރިޖީ ގުޅުންތައް ބައްޓަން ކުރަމުން ދަނީ ސަލާމަތީ ކަންބޮޑުވުންތަކާއި އިޤްތިޞާދީ ބޭނުންތަކާއި، ދޭދޭ ޤައުމުތަކާއެކު އޮންނަ ގުޅުމުގެ މައްޗަށް ބިނާކޮށެވެ. ޕާކިސްތާނުގެ ޚާރިޖީ ސިޔާސަތު އިސްކަންދެނީ ޤައުމުގެ މަސްހަލަތުތައް ރައްކާތެރިކޮށް، އިޤްތިޞާދީ ގުޅުންތައް ވަރުގަދަކޮށް، ސަލާމަތްތެރިކަން ދަމަހައްޓައި، އެހެން ޤައުމުތަކާއެކު ބަދަހި ގުޅުމެއް ޤާއިމް ކުރުމަށެވެ. ޕާކިސްތާނާއި އަވަށްޓެރި ޤައުމުތަކާ ދެމެދު އޮންނަ ގުޅުމަކީ އެ ޤައުމުގެ ސަރަޙައްދީ އަދި ބައިނަލްްްޤްވާމީ މަޤާމު ދެމެހެއްޓުމުގެ މުހިންމު ބައެކެވެ.

ފިނި ހަނގުރާމައިގެ ދުވަސްވަރު ޕާކިސްތާނުން ވަނީ ހުޅަނގުގެ ޤައުމުތަކުން ތާއީދުކޮށްފައިވާ ސަލާމަތީ އިންތިޒާމުތަކެއްގައި ބައިވެރިވެފައެވެ. އެ ގޮތުން 1954ވަނަ އަހަރުގެ ސީޓޯ، އަދި 1955 ވަނަ އަހަރުގެ ސެންޓޯގައި ވެސް އެ ޤައުމުން ބައިވެރިވެފައިވެއެވެ.

ޕާކިސްތާނާއި އިންޑިއާއާ ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުމަކީ އުނދަގޫ ގުޅުމެކެވެ. ގޮންޖެހުންތައް ހުރި ނަމަވެސް ޚާރިޖީ މަސައްކަތްތަކާއި އެއްބަސްވުންތައް މެދުވެރިކޮށް މަޝްވަރާ ކުރުމުގެ ފުރުޞަތު ދެ ފަރާތަށް ލިބެއެވެ.

ޕާކިސްތާނުން ވަނީ ޗައިނާއާއެކު ވެސް ޚާއްޞަ ގުޅުމެއް ޤާއިމްކޮށްފައެވެ. އެގޮތުން 1951ވަނަ އަހަރު ޗައިނާއާއެކު ޚާރިޖީ ގުޅުން ޤާއިމްކޮށް، ވިޔަފާރިއާއި ބިނާރާއި ދިފާޢީ ދާއިރާއިން އެ ޤައުމުން ދަނީ ޗައިނާއާއެކު ބަދަހި ގުޅުމެއް ދަމަހައްޓަމުންނެވެ. ޗައިނާއާއި އެމެރިކާއާ ދެމެދު ގުޅުން ޤާއިމްކުރުމަށް 1970ގެ އަހަރުތަކުގައި ޕާކިސްތާނުން އެހީތެރިވެފައިވެއެވެ.

މިއަދު ވެސް ޗައިނާއަކީ ޕާކިސްތާނުގެ އެންމެ މައި އެއް ބައިވެރިޔާއެވެ. ޗައިނާ-ޕާކިސްތާން އެކޮނޮމިކް ކޮރިޑޯ (ސީޕީއީސީ)އަކީ ދެ ޤައުމުން އެކުގައި މަސައްކަތްކުރުމުގެ މުހިންމު ބައެކެވެ. ސީޕީއީސީގެ ދަށުން ގުޅުންތައް ކުރިއަރުވަައި، ބިނާރާއި ދަތުރުފަތުރާއި އިޤްތިޞާދީ ޙަރަކާތްތައް ކުރިއެރުވުމަށް މަސައްކަތް ކުރެއެވެ. ޗައިނާއާއި ޕާކިސްތާނާ ދެމެދު އޮންނަ ގާތް ގުޅުމުގެ ސަބަބުން ސަލާމަތީ ދާއިރާއިންނާއި ވިޔަފާރިއާއި ސަރަޙައްދީ ހަމަޖެހުމަށް އެހީތެރިވެދެއެވެ. ޕާކިސްތާނުން ޝަންހާއީ ކޯއޮޕަރޭޝަން އޯގަނައިސޭޝަންގައި ވެސް ބައިވެރިވެއެވެ. އެ ޖަމްޢިއްޔާ މެދުވެރިކޮށް ސަލާމަތީ ދާއިރާއިންނާއި އިޤްތިޞާދީ ދާއިރާއިން އެއްބާރުލުން ދިނުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ޤައުމުތަކަށް ފުރުޞަތު ލިބެއެވެ.

ޕާކިސްތާނާއި އެމެރިކާއާ ދެމެދު އޮންނަ ގުޅުމަކީ ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މަސްރަހުގެ މައްޗަށް ބިނާކޮށް ބަދަލުވަމުންދާ ގުޅުމެކެވެ. އެ ގުޅުމަކީ ބައެއް ފަހަރު ބަދަހި، އަދި ބައެއް ޙާލަތްތަކުގައި ހީނަރުވާ ގުޅުމެކެވެ. ޕާކިސްތާނުން މަސައްކަތް ކުރަނީ ޗައިނާއާއެކު އޮންނަ ގުޅުމަށް ހީނަރުކަމެއް ނާންނާނެ ފަދަ ގޮތަކަށް އެމެރިކާއާއެކު ސަލާމަތީ އަދި އިޤްތިޞާދީ ގުޅުންތައް ދެމެހެއްޓުމަށެވެ.

ޕާކިސްތާނާއި އަވަށްޓެރި އަފްޣާނިސްތާނާ ދެމެދު އޮންނަ ގުޅުމަށް، ޚާއްޞަ ގޮތެއްގައި ސަރަޙައްދީ ރޮނގުގެ ސަލާމަތާއި ސަރަޙައްދީ ސަލާމަތުގެ ދާއިރާއިން އޮންނަ ގުޅުންތަކަށް އެ ޤައުމުގެ ޚަރިޖީ ސިޔާސަތުގައި ޚާއްޞަ ސަމާލުކަމެއް ދެއެވެ. ދެ ޤައުމަކީ ސަރަޙައްދީ ރޮނގު ޙިއްޞާކުރާ ދެ ޤައުމަށްވިއިރު، ސަރަަޙައްދީ ރޮނގު ހުރަސްކޮށް ހަތިޔާރު އެޅި ޖަމާޢަތްތަކުން ދޭ ހަމަލާތަކުގެ ސަބަބުން ދެ ޤައުމުގެ ގުޅުމަށް ހީނަރުކަން އާދެއެވެ. ޕާކިސްތާނުން ތުހުމަތުކުރާ ގޮތުގައި އަފްޣާނިސްތާނުގެ ސަރަޙައްދުގައި ޙަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކުން ޕާކިސްތާނުގައި ހަމަލާތައް ދެއެވެ. ނަމަވެސް އަފްޣާނިސްތާނުން އެ ތުހުމަތުތައް ދޮގުކުރެއެވެ. ޚާރިޖީ ގުޅުންތައް ދަމަހައްޓަމުން ދެ ޤައުމަށް ކުރިމަތިވެފައިވާ ސަލާމަތީ ކަންބޮޑުވުންތަކަށް ކުރިމަތިލުަމަށް ދެ ޤައުމުން ވެސް މަސައްކަތްކުރެއެވެ.

އޭގެ އިތުރުން ރަޝިއާ ފަދަ ޤައުމުތަކާ އެކު ވެސް ގުޅުން ދެމެހެއްޓުމަށް ވެސް ޕާކިސްތާނުން މަސައްކަތް ކުރެއެެވެ.

ގަލްފުގެ ޤައުމުތަކާއި އިސްލާމީ ދުނިޔެއާ އޮންނަ ގުޅުން

ގަލްފުގެ ޤައުމުތަކާއެކު ސިޔާސީ، އިޤްތިޞާދީ އަދި ސަލާމަތީ ގުޅުންތައް ޕާކިސްތާނުން އަބަދުވެސް ދަމަހައްޓައެވެ. ޚާއްޞަ ގޮތެއްގައި ސަޢުދީ ޢަރަބިއްޔާއާއި އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ)އާއެކު ގާތް ގުޅުމެއް ޕާކިސްތާނުން ބާއްވައެވެ. މި ގުޅުންތަކަށް އެންމެ ބޮޑު ބާރެއް ދެނީ ވިޔަފާރިއާއި އިންވެސްޓްމެންޓްއާއި ދިފާޢީ އެއްބާރުލުން ދިނުމުގެ އިތުރުން، ޕާކިސްތާނުގެ ގިނަ ޢަދަދެއްގެ ރައްޔިތުން އެ ޤައުމުތަކުގައި ދިރިއުޅެމެވެ.

ޕާކިސްތާނުގެ އިޤްތިޞާދީ އަދި ދިފާޢީ ދާއިރާއަށް ސަޢުދީ ޢަރަބިއްޔާއަކީ ވަރަށް މުހިންމު ބައިވެރިއެކެވެ. ސަރުކާރުތައް ބަދަލުވި ނަމަވެސް ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ދަނީ ހީނަރުކަމެއް އައުމެއް ނެތި ދަމަހައްޓަމުންނެވެ. ޕާކިސްތާނަކީ އީރާނާ އިންވެގެން އޮތް ޤައުމަކަށްވިިއިރު، އީރާނާއެކު އޮންނަ ގުޅުމާއި ސަޢުދީ ޢަރަބިއްޔާއާއެކު އޮންނަ ގުޅުން އެއް ގުޅުން އަނެއް ގުޅުމަށް ބުރޫ ނާރާނޭހެން ދަމަހައްޓައެވެ.

ޕާކިސްތާނަށް ގަލްފު މުހިންމު ވަނީ ޚާރިޖީ ގުޅުންތަކުގެ ސަބަބުން އެކަންޏެއް ނޫނެވެ. ގަލްފުގެ ޤައުމުތަކުގައި ޕާކިސްތަނުގެ އެތައް މިލިއަން ރައްޔިތުންނެއް މަސައްކަތްކުރާއިރު، އެ މީހުންގެ ޢާއިލާތަކަށް، އަނބުރާ ޤައުމަށް ފޮނުވާ ފައިސާއިން ޕާކިސްތާނުގެ އިޤްތިޞާދަށް ކުރިއެރުން ލިބެއެވެ. އޭގެ އިތުރުން ގަލްފުގެ ޤައުމުތަކުގެ ފަރާތުން ލިބޭ ހަކަތައިގެ ސަޕްލައިއާއި އިންވެސްޓްމަންޓްއާއި ވިޔަފާރި ވެސް ޕާކިސްތަނަށް މުހިންމެވެ. ގަލްފުގެ ސަރަޙައްދަކީ ހަކަތައިގެ ދާއިރާއިން ކުރިއަރާފައިވާ ސަރަޙައްދަކަށްވިއިރު، އެ ސަރަޙައްދުގައި ޞުލްޙައާއި އަމާންކަން އޮތުމަކީ ޕާކިސްތާނުގެ އިޤްތިޞާދަށް ނުހަނު މުހިންމު ކަމެކެވެ.

ޕާކިސްތާނަކީ އޯގަނައިސޭޝަން އޮފް އިސްލާމިކް ކޯއޮޕަރޭޝަން (އޯއައިސީ)ގެ ވެސް މެންބަރެކެވެ. އޯއައިސީ މެދުވެރިކޮށް މުސްލިމް އާބާދީތައް ބޮޑު އެހެން ޤައުމުތަކާއެކު ސިޔާސީ، އިޤްތިޞާދީ އަދި އިންސާނީ މައްސަލަތަކުގައި މަޝްވަރާ ކުރުމުގެ ފުރުޞަތު މެންބަރު ޤައުމުތަކަށް ލިބެއެވެ. މުސްލިމް ދުނިޔޭގައި ޕާކިސްތާނަށް ލިބިފައިވާ މަޤާމުގެ ސަބަބުން ސަރަޙައްދީ ސަލާމަތާއި ތަރައްޤީއާއި އެއްބާރުލުން ދިނުމާ ގުޅޭ މަޝްވަރާތަކުގައި އެ ޤައުމުގެ ޙިއްޞާ ބޮޑެވެ.

އދގެ ސުހްޙަ ބަލަހައްޓާ ފައުޖުގައި ޕާކިސްތާނުގެ ދައުރު

ޕާކިސްތާނުން އދއާ ގުޅިފައި ވަނީ 1947ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30ވަނަ ދުވަހުއެވެ. ބައިނަލްއަޤްވާމީ ޞުލްޙައާއި ސަލާމަތަށް އދން ކުރަމުންދާ މަސައްކަތުގައި ޕާކިސްތާނުން ބައިވެރިވާތާ އެތައް ޒަމާނެއް ވަނީ ވެފައެވެ.

ޕާކިސްތާނަކީ އދގެ ޞުލްޙަ ބަލަހައްޓާ ފައުޖުގައި ވެސް އެތައް އަހަރެއް ވަންދެން ބައިވެރިވަމުންދާ ޤައުމެކެވެ. އެ ފައުޖުގައި ޕާކިސްތާނުގެ ސިފައިން ފުރަތަމަ ފަހަރަށް ބައިވެރިވެފައި ވަނީ 1960ވަނަ އަހަރެވެ. އެއީ އދގެ މިޝަންއެއް ކޮންގޯގައިި ޙަރަކާތްތެރިވި އިރެވެ. އޭގެ ފަހުން ޕާކިސްތާނުގެ ސިފައިންނާއި ފުލުހުން ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޙަރަކާތްތެރިވާ އދގެ މިޝަންތަކުގައި ދަނީ ބައިވެރިކުރަމުންނެވެ. އެ މިޝަންތަކުގެ މަސައްކަތްތަކުގެ ތެރޭގައި އާންމުންނަށް ރައްކާތެެރިކަން ދިނުމާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އެހީތެރިވުމާއި ހަމަނުޖެހުންތައް ހިނގާ ޤައުމުތަކަށް އެ ހަމަނުޖެހުންތަކުން އަރައިގަތުމަށް އެހީތެރިވެދިނުން ހިމެނެއެވެ. ހަމަލާ ބަދަލުކުރުން މެދުކަނޑައިލުމަށް އެއްބަސްވެފައިވާ ސަރަޙައްދުތަކުގެ ޙާލަތު ބަލައި ހަމަޖެހުން ޤާއިމް ކުރުމަށް ވެސް އެ ފައުޖުތަކުން އެހީތެރިވެއެވެ.

އދގެ 46 ޞުލްޙަ ބަލަހައްޓާ ފައުޖެއްގައި ޕާކިސްތާނުން މިހާތަނަށް ބައިވެރިވެ ހަތަރު ބައްރެއްގަައި ޙަރަކާތްތެރިވެފައިވެއެވެ. އދން ވެސް ވަނީ ޕާކިސްތާނަކީ ޞުލްޙަ ބަލަހައްޓާ ފައުޖުތަކުގައި ގިނައިންގިނައިން ސިފައިންނާއި ފުލުހުން ބައިވެރިކުރާ އެއް ޤައުމުގެ ގޮތުގައި ފާހަގަކޮށްފައެވެ. އދގެ ޞުލްޙަ ބަލަހައްޓާ ފައުޖުތަކުގައި ޕާކިސްތާނުން ބައިވެރިވާ ބައިވެރިވުމަކީ ބައިނަލްއަޤްވާމީ މައިދާނުގައި އެ ޤައުމުގެ މުހިންމުކަން އިތުރުކޮށްދޭ ކަމެކެވެ.

ޕާކިސްތާނުން ވަނީ އދގެ ސަލާމަތީ މަޖިލީހުގައި ވަގުތީ މެންބަރެއްގެ ދައުރު ވެސް އެކި ފަހަރު މަތިން ޢަދާކޮށްފައެވެ. ހިނގަމުންދާ 2025-2026ގެ ދައުރަކީ އެ ޤައުމުން ސަލާމަތީ ކައުންސިލަށް ހޮވިފައިވާ 8ވަނަ ފަހަރެވެ.

ނިއުކްލިއަރ ބާރުވެރިކަން

ޕާކިސްތާނަކީ ނިއުކްލިއަރ ހަތިޔާރު ހުރި ކަމަށް ފާހަގަކޮށްފައިވާ ނުވަ ޤައުމުގެ ތެރެއިން އެއް ޤައުމެވެ. އެ ޤައުމުން ނިއުކްލިއަރ ހަތިޔާރު ފުރަތަމަ ތަހުލީކުކޮށްފައި ވަނީ 1998ވަނަ އަހަރުގެ މެއި މަހުގެ 28ވަނަ ދުވަހުއެވެ. އެ ތަހުލީލުތަކާއެކު ޕާކިސްތާނަށް ނިއުކްލިއަރ ހަތިޔާރު ކަށަވަރުވުމުން ދެކުނު އޭޝިޔާގެ އިސްތިރާޖީ ހަމަހަމަކަމަށް ބޮޑު ކުރިއެރުމެއް ލިބިގެން ދިޔައެވެ. ޕާކިސްތާނުން އެ ޤައުމުގެ ނިއުކްލިއަރ ބާރުވެރިކަން ސިފަކުރަނީ ޤައުމަށް ކުރިމަތިވާ ނުރައްކާތަކުން ރެކުމަށާއި ޤައުމީ ސަލާމަތް ކަށަވަރުކުރުމަށް ބޭނުންކުރާ ވަސީލަތެެއްގެ ގޮތުގައެވެ. ސްޓޮކްހޯމް އިންޓަނޭޝަނަލް ޕީސް ރިސާޗް އިންސްޓިޓިއުޓުް (އެސްއައިޕީއާރްއައި)އިން ވަނީ 2026ވަނަ އަހަރު ފެށުނު އިރު ޕާކިސްތާނުގެ އަތުގައި 170އެއްހާ ނިއުކްލިއަރ ހަތިޔާރު ހުރި ކަމަށް ލަފާކޮށްފައެވެ.

ފަހުގެ ކުރިއެރުންތައް

ޕާކިސްތާންއާއި ސަޢުދީ ޢަރަބިއްޔާއާއި ތުރުކީވިލާތުން މި އަހަރުގެ އޮގަސްޓު މަހުގެ 7ވަނަ ދުވަހު ވަނީ ދިފާޢީ އެއްބަސްވުމެއްގައި އެކުގައި ސޮއިކޮށްފައެވެ. މައްކާ ޖޮއިންޓް ޑިފެންސް އެގްރިމެންޓުގައި ބަޔާންކޮށްފައިވާ ގޮތުގައި ތިން ޤައުމުން ކުރެ އެއްވެސް ޤައުމަކަށް ހަތިޔާރު ބޭނުންކޮށްގެން ދޭ ކޮންމެ ހަމަލާއަކީ ތިން ޤައުމަށް ވެސް ރައްދުވާ ހަމަލާއެއްގެ ގޮތުގައި ބެލެވޭނެއެވެ. އެ އެއްބަސްވުމުގެ މަޤްޞަދަކީ މެދުއިރުމަތީގެ މަސްރަހު ހަލަބޮލިވެފައިވާ މި ދަނޑިވަޅުގައި ތިން ޤައުމަށް ކުރިމަތިވާ ސަލާމަތީ ނުރައްކާތަކަށް ރައްދު ދިނުމުގައި ތިން ޤައުމުން އެއްބާރުލުން އަދި ތިން ޤައުމަށް ކުރިމަތިވާ ސަލާމަތީ ނުރައްކާތަކަށް ރައްދު ދިނުމުގައި ތިން ޤައުމުން އެއްބާރުލުން އިތުރުކުރުމާއި. ސަލާމަތީ ކަންކަން ވަރުގަދަކޮށް ސަރަޙައްދީ ޞުލްޙަ މަސަލަސްކަން ކުރިއެރުވުމެވެ.

ޕާކިސްތާނުގެ ކުރިމަގު

ޕާކިސްތާނަކީ އިސްތިރާޖީ ގޮތުން މުހިންމު ޤައުމަކަށްވިއިރު، އަދި ޚާރިޖީ މުހިންމު ގުޅުންތަކެއް ޤާއިމްކޮށްފައިވާ ޤައުމަކަށްވިއިރު، އެ ޤައުމަށް ދާޚިލީ ގޮންޖެހުންތައް ވެސް ކުރިމަތިވެފައިވެއެވެ. އިޤްތިޞާދީ ގޮންޖެހުންތަކާއި ދަރަނީގެ މައްސަލަތަކާއި ތަކެތީގެ އަގު އުފުލުމާއި ސިޔާސީ ނުތަނަވަސްކަމާއި ސަލާމަތީ ކަންބޮޑުވުންތަކާ އެ ޤައުމުން ވެސް ކުރިމަތިލާން ޖެހެއެވެ.

އޭގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ކާރިޘާތަކަށް ވެސް އެ ޤައުމު ވަނީ ހުށަހެޅިފައެވެ. އެގޮތުން ފެން ބޮޑުވުމުގެ ބިރު އެ ޤައުމަށް ވަރަށް ބޮޑެވެ. އެއީ އެ ޤައުމުގެ ބިނާރަށް ގެއްލުންލިބި، ދަނޑުވެރިކަމުގެ ދާއިރާއަށާއި އެތައް މިލިއަން މީހުންނަށް އަސަރުކުރާ ފަދަ ކާރިޘާތަކެވެ.

ޕާކިސްތާނުގެ އިޤްތިޞާދީ ޙާލަތު ހަރުދަނާކޮށް، އާންމުންނަށް ދޭ ޚިދުމަތްތައް ކުރިއަރުވައި، އިންވެސްޓްމަންޓްތައް ހޯދައި، ސަލާމަތީ ކަންބޮޑުވުންތަކަށް ޙައްލެއް ހޯދުމަކީ އެ ޤައުމުގެ ތަރައްޤީއަށް މުހިންމުވެފައިވާ ލަނޑުދަނޑިތަކެކެވެ.