ޚަބަރު

ތަރައްޤީވަމުން އަންނަ ޤައުމަކަށް ރާއްޖެ ބަދަލުކުރުމުގައި ޔޫއެންޑީޕީން މުހިއްމު ދައުރެއް އަދާކުރި: ރައީސް


  • ރާއްޖެ ތަރައްޤީވަމުން އަންނަ ޤައުމަކަށްވުމުގައި ޔޫއެންޑީޕީގެ ދައުރު ރައީސް ފާހަގަކުރެއްވި

ރާއްޖޭގެ ތަރައްޤީގެ އަމާޒު ބައްޓަންކުރުމުގައި ޔޫއެންޑީޕީން މުހިންމު ދައުރެއް އަދާކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރާއްޖޭގައި ޔޫއެންޑީޕީ ހަރަކާތްތެރިވާން ފެށިތާ 45 އަހަރުވުމާއި ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ޔޫއެންޑީޕީގެ ގުޅުމަށް އަލިއަޅުއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ 1978 ވަނަ އަހަރު ޔޫއެންޑީޕީގެ އޮފީހެއް ރާއްޖޭގައި ހުޅުވުުނު ހިސާބުން ފެށިގެން ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް ޔޫއެންޑީޕީން މުހިންމު މަސައްކަތަކެއް ކޮށްދެއްވާފައިވާކަމަށެވެ. އަދި ރާއްޖެ ތަރައްޤީ ނުވެ އޮތް ޤައުމުތަކުގެ ލިސްޓުން ތަރައްޤީވަމުން އަންނަ ޤައުމަކަށް ރާއްޖެ ބަދަލުވުމުގައި، ޔޫއެންޑީޕީން މުހިންމު ދައުރެއް އަދާކުރެއްވިކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގައި އެންމެ އަސާސީ ޚިދުމަތްތައް ޤާއިމްކުރުމާއި ހިސާބުން ފެށިގެން މިއަދާއި ހަމައަށްވެސް ޔޫއެންޑީޕީން އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދެއްވާފައިވާކަމަށެވެ.

"އެންމެ އާސާސީ ޚިދުމަތްތައް ތަރައްޤީކުރުމާއި ހަމައިން ފެށިގެން، އިޤްތިޞާދު ސިންދަފާތު ކުރުމާއި އިޖްތިމާޢީ ރައްކާތެރިކަމާއި އަންހެނުން ބާރުވެރިކުރުވުން ހިމެނޭހެން ރާއްޖޭގެ ތަރައްޤީގެ އަމާޒު ބައްޓަން ކުރުމަށް ޔޫއެންޑީޕީން މުހިންމު ދައުރެއް ވަނީ އަދާކޮށްފައި" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފާއިތުވެދިޔަ މާޒީގައި ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ގޮތަށް، ޤައުމުގެ ތަރައްޤީއަށް މިހާރު ކުރަމުންދާ މަސައްކަތުގައިވެސް ޔޫއެންޑީޕީގެ އެހީތެރިކަން ލިބިގެންދާނެކަން ޔަޤީން ކުރައްވާކަމަށެވެ.

މިރަސްމިއްޔާތުގައި ވާޙަކަ ދައްކަވަމުން ޚަރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވަނީ ރާއްޖެއާއި ޔޫއެންޑީޕީގެ ގުޅުމުގެ ތަރީޙުގެ މައްޗަށް އަލިއަޅުއްވައި ވާހަކަ ދައްކަވާފައެވެ. އަދި ރާއްޖޭގެ ތަރައްޤީއަށް ޔޫއެންޑީޕީން މިހާރުވެސް ސަރުކާރާއި ގުޅިގެން ކުރައްވަމުން ގެންދަވާ މަސައްކަތް ވަޒީރު ފާހަގަކުރެއްވިއެވެ. މީގެއިތުރުން އިޖާދު ކުރުމާއި ވިލުންވެރިކަމަށް ރާއްޖެ އިސްވެ އޮވެ ކުދި ޖަޒީރާ ޤައުމުތަކުން ކުރަމުން އަންނަ މަސައްކަތުގައި ޔޫއެންޑީޕީގެ އެއްބާރުލުން ލިބޭނެ ކަމަށް ޔަޤީން ކުރައްވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޔޫއެންޑީޕީން ރާއްޖޭގައި ކުރަމުންދާ މަސައްކަތާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ "އައިލޭންޑް ލައިފް" މެގަޒިންގެ އެންމެ ފަހުގެ އަދަދު ނެރެދެއްވާފައެވެ. އަދި ޔޫއެންޑީޕީގެ މަސައްކަތްތައް ދައްކުވައިދޭ "ދިވެހި ދަތުރު" ހާއްސަ ފޮޓޯ މަޢުރަޒުވެސް މި ހަފްލާގައިވަނީ އިފްތިތަޙާކޮށްފައެވެ.