ޚަބަރު

ކުރީގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ނަޑާލް ޓެނިސް ކުޅުން ހުއްޓާލައިފި


ކުރިއަށް އޮތް ޑޭވިސް ކަޕްގެ ފައިނަލް މެޗަށްފަހު ކުޅުން ހުއްޓާލާނެކަމަށް ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި ހުރި ސްޕެއިންގެ ރަފައެލް ނަޑާލް ބުނެފި އެވެ.

ކްލޭ ކޯޓުގެ ރަސްގެފާނުގެ ގޮތުގައި ފާހަގަ ކުރެވުނު 38 އަހަރުގެ ނަޑާލް ކުޅުން ހުއްޓާލާނެކަން އިއްޔެ އިއުލާންކޮށްފައިވާއިރު, އޭނާ ބުނެފައިވަނީ ފާއިތުވެދިޔަ ދެ އަހަރު ދުވަހަކީ އޭނާއަށް އުނދަގޫ ދެ އަހަރު ކަމަށެވެ. އަނިޔާގެ ސަބަބުން އޭނާއަށް އަސްލު ކުޅުން ދެއްކިފައެއް ނުވެއެވެ.

ނަޑާން ބުނެފައިވަނީ އަންނަ ނޮވެމްބަރު މަހުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ޑޭވިސް ކަޕްގެ ފައިނަލަށްފަހު އޭނާ ކުޅުން ހުއްޓާލާއިރު, ފަހު މުބާރާތެއްގެ ގޮތުގައި ގައުމު ތަމްސީލު ކުރަން ލިބޭ ކަމީ އޭނާއަށް ލިބޭ ޝަރަފެއް ކަމަށެވެ.

ނަޑާލް ޖުމްލަ 22 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފައިވާއިރު އޭނާ ވަނީ ރެކޯޑް އަދަދެއް ކަމުގައިވާ 15 ފަހަރު ފްރެންޗް އޯޕަން މުބާރާތް ކާމިޔާބުކޮށްފަ އެވެ.

އަނިޔާގެ ސަބަބުން 2023 ވަނަ އަހަރުގެ ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ފުރަތަމަ ބުރުން ކަޓާފައިވާ ނަޑާލް އެންމެ ފަހުން ކާމިޔާބުކޮށްފައިވަނީ 2022 ވަނަ އަހަރުގެ ރޮލެންޑް ގެރޮސް މުބާރާތެވެ. މިދިޔަ ދެ ސީޒަނުގައި އަނިޔާގެ ސަބަބުން ނަޑާލް އަށް ކުޅެވިފައިވަނީ އެންމެ 23 މެޗެވެ.

ކްލޭ ކޯޓުގައި ނަޑާލް ކުޅެފައިވާ 116 މެޗުގެ ތެރެއިން އޭނާ ބަލިވެފައިވަނީ އެންމެ ހަތަރު މެޗުންނެވެ.