ޚަބަރު

މަސްވެރިންނަށް ޚާއްޞަކޮށްދޭ އެވޯޑުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި


  • ޒުވާން އަދި ތަޖުރިބާކާރު ކެޔޮޅުގެ އެވޯޑަށް ކުރިމަތިލާން ވަނީ ހުޅުވާލާފައި

  • ފަރުމަހުގެ މަސްވެރިކަންކުރާ ޚިދުމަތްތެރި ފަރުމަސްވެރިޔާވެސް މިއަހަރު ހޮވާނެ

  • މަސްވެރިންގެ ދުވަސް ރާއްޖޭގައި ފާހަގަކުރަނީ ޑިސެންބަރު 10 ގައި

  • މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުން އޮންނާނީ މާލޭގައި

މަސްވެރިންނަށް ޚާއްޞަކޮށްދޭ އެވޯޑުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުން އޮންނާނީ މާލޭގައިކަމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިއަހަރު ފާހަގަކުރާ 44 ވަނަ މަސްވެރިންގެ ދުވަހުގެ ރަސްމީ އިޙްތިފާލު އޮންނާނީ މާލޭގައި ކަމަށެވެ. އަދި އަންނަ އަަހަރު އަތޮޅުތެރޭގެ ރަށެއްގައި މަސްވެރިންގެ ދުވަސް ފާހަގަކުރުން އެކަށީގެންވާކަމަށްވެސް އެ ވުޒާރާއިން މަޢުލޫމާތު ދެއްވިއެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަހު މަސްވެރިންނަށް ޚާއްޞަކޮށްދޭ އެވޯޑުތަކަށް ކުރިމަތިލުމުގެ ފުރުޞަތުވެސް މިހާރުވަނީ ހުޅުވާލާފައެވެ. މަސްވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވީ، މި އެވޯޑު ދެވޭނީ މިހާރުވެސް މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި ޢާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ، މަސްވެރިންނަށް ކަމަށެވެ. އެގޮތުން، 35 އަހަރުން ދަށުގެ އެންމެ ޚިދުމަތްތެރި ޒުވާން ކެޔޮޅުގެ އެވޯޑާއި 35 އަހަރުން މަތީގެ މަސްވެރިންގެ ތެރެއިން އެންމެ ތަޖުރިބާކާރު ކެޔޮޅުގެ އެވޯޑު ދޭން ވަނީ ނިންމަވާފައެވެ.

މީގެ އިތުރުން އާމްދަނީ ހޯދުމަށްކުރާ މައިގަނޑު މަސައްކަތަކަށް ފަރުމަހުގެ މަސްވެރިކަންކުރާ ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑަށް ކުރިމަތިލުމަށްވެސް މަސްވެރިކަމާބެހޭ ވުޒާރާއިން ވަނީ ހުޅުވާލާފައެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ މި އެވޯޑްތަކަށް ކުރިމަތިލާން ހުށައަޅަން ޖެހޭ ފޯމު، އެ ވުޒާރާގެ ވެބްސައިންޓުން ޑައުންލޯޑު ކުރެވެން ހުންނާނެ ކަމަށެވެ. އަދި ފޯމު ހުށައެޅުމުގެ ފުރުޞަތު އަންނަ މަހުގެ 7 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ. ފޯމު މަސްވެރިކަމާބެހޭ ވުޒާރާގެ މެއިލް [email protected] އަށް ހުށައެޅޭނެއެވެ.

މި އެވޯޑްތަކަށް އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން ފަރާތެއްގެ ފަރާތުން ފޯމު ހުށައެޅުމަށް ވެސް ފުރުޞަތު އޮންނާނެކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ރާއްޖޭގައި މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހެވެ. އެންމެ ފަހުން މަސްވެރިންގެ ދުވަސް ފާހަގަކޮށްފައިވަނީވެސް މާލޭގައެވެ.