ޚަބަރު

ބައިރޫތަށް ބޮންއަޅައި 22 މީހުން ޝަހީދުކޮށްލައިފި


ފާއިތުވި 24 ވަރަަކަށް ގަަޑިއިރުގެ ތެރޭގައިޔ ޔަހޫދީ ފައުޖުން ލުބްނާނުގެ ވެރިރަށް ބައިރޫތަށް ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި 22 މީހުން ޝަހީދުކޮށްލައި އިތުރު 100އެއްހާ މީހުން ޒަޚަމު ކޮށްލާފައިވާ ކަން އެ ޤައުމުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. ލުބްނާނުގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން އެ ޤައުމަށް ވައިގެ ޙަމަލާތައް ދޭން ފަށާފައި ވަނީ ސެޕްޓެންބަރު 23ވަނަ ދުވަހުއެވެ. އަދި, އޮކްޓޫބަރު 1ވަނަ ދުވަހު ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން ވަނީ އެއްގަމު މަގުން ލުބްނާނުގެ ދެކުނުގެ ސަރަޙައްދުތަކަށް އަރައި ޤަތުލުޢާންމު އިތުރަށް ފުޅާކޮށްފައެވެ.

ބައިރޫތަށް ޙަމަލާތަކެއްދީ 22 މީހުން ޝަހީދު ކޮށްލާފައި ވަނީ ލުބްނާނުގެ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهގެ އިސް އޮފިޝަލެއް ޝަހީދު ކޮށްލުމުގެ އަމާޒުގައެވެ. ޔަހޫދީން މަސައްކަތް ކޮށްފައި ވަނީ ޙިޒްބުاللهއާއި ލުބްނާނުގެ އަސްކަރިއްޔާއާ ދެމެދު ގުޅުންތައް ވިލަރެސް ކުރާ އިސް ވެރިއެއް ކަމުގައިވާ ވަފީޤު ޞަފާ ޝަހީދު ކޮށްލުމަށެވެ. ނަމަވެސް, ލުބްނާނުގެ ސަލާމަތީ ދާއިރާގެ މަޞްދަރުތަކުން ބުނީ, ޔަހޫދީ ފައުޖުގެ އަމާޒު ހާސިލުވެފައި ނުވާ ކަމުގައެވެ. ޔަހޫދީ ފައުޖުގެ ރަޙުމު ކުޑަ ޙަމަލާތަކުގައި ޒަޚަމުވެފައިވާ މީހުންގެ ތެރޭގައި އދގެ ސުލްޙަ ބަލަހައްޓާ ފައުޖުގެ ދެ ސިފައިން ހިމެނޭ ކަން ހާމަކޮށް, އދއިން ވަނީ އެ ކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

ލުބްނާނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ, ބައިރޫތަށް ޙަމަލާ ދިނުމުގެ ކުރިން ޔަހޫދީ ފައުޖުން އެއްވެސް އިންޒާރެއް ދީފައި ނުވާ ކަމުގައެވެ. އެ ޙަމަލާތަކުގައި ޢާންމުން ދިރިއުޅޭ ގިނަ އަދަދެއްގެ ގެދޮރުގެ އިތުރުން ވިޔަފާރި ކުރާ ފިހާރަތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އެ ޙަމަލާތަކުގައި 22 މީހުން ޝަހީދު ކޮށްލާފައިވާއިރު, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 117އަށް އަރާ ކަމުގައި އެ ޤައުމުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ.

ސެޕްޓެންބަރު 23ވަނަ ދުވަހުން ފެށިގެން ލުބްނާނުގެ ޢާންމު ރައްޔިތުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ ޢާންމުންގެ ޢަދަދު ވަނީ 2,100އަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނޭ ކަމުގައި ލުބްނާނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުންޏެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 9,000އަށް އަރައެވެ. ޔަހޫދީންގެ ޢުދުވާނުގައި ގެދޮރު ނެތިކޮށްލާފައިވާ މީހުންގެ ޢަދަދު 1.2 މިލިޔަނަށް އުފުލިފައިވާއިރު, އދން ބުނީ އޭގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު މި ވަގުތު ދިރިއުޅެމުން ދަނީ މަގުތަކުގެ މަތީގައި ކަމުގައެވެ.