ޚަބަރު

އދގެ ސުލްޙަ ބަލަހައްޓާ ސިފައިން ލުބްނާނުގައި ދެމިތިބޭނެކަމަށް ބުނެފި


ލުބްނާނުގައި ހަރަކާތްރެރިވާ އދގެ ސުލްޙަ ބަލަހައްޓާ ފައުޖު (ޔުނިފިލް)ގެ ސިފައިން އެ ޤައުމުން ނުފައިބާނެ ކަމަށާއި, ޒިންމާތަކާއި މަސްޢޫލިއްޔަތުތައް އަދާ ކުރުމުގައި ދެމިތިބޭނެ ކަމުގައި ޔުނިފިލްގެ ތަރުޖަމާނު އަންދްރިޔާ ތެނެންތީ ވިދާޅުވެއްޖެއެވެ. އޭނާ މި މޭރުމުން ވިދާޅުވެފައި މި ވަނީ, ލުބްނާނުގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން މިހާރު ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ތެރެއިން ދިން ޙަމަލާތަކެއްގައި ޔުނިފިލްގެ ސިފައިންގެ ބަޔަކު ޒަޚަމު ކޮށްލުމާ ގުޅިގެންނެވެ.

ލުބްނާނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޢުދުވާން ފަށާފައި ވަނީ ސެޕްޓެންބަރު 23ވަނަ ދުވަހުއެވެ. އަދި, މެދުކެނޑުމެއް ނެތި ރަޙުމު ކުޑަ ވައިގެ ޙަމަލާތަކެއް ދިނުމަށް ފަހު އޮކްޓޫބަރު 1ވަނަ ދުވަހު ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން ވަނީ ބަރުހަތިޔާރާ އެކު ލުބްނާނުގެ ދެކުނުގެ ރަށްތަކަށް އަރައިގަނެ, ޤަތުލުޢާންމު އިތުރަށް ފުޅާ ކޮށްފައެވެ.

ތެނެންތީ ވިދާޅުވީ, އޮކްޓޫބަރު 9 އަދި 10ވަނަ ދުވަހު ޔަހޫދީ ފައުޖުން ޔުނިފިލްގެ ސިފައިންނަށް ޙަމަލާ ދީފައިވާ ކަމުގައެވެ. އަލް-ނާޤޫރަތުގައި ހުންނަ ޔުނިފިލްގެ މައި މަރުކަޒަށް ޔަހޫދީ ފައުޖުން ޙަމަލާ ދީފައި ވަނީ އަސްކަރީ ޓޭންކުފަހަރު ބޭނުން ކޮށްގެންނެވެ. ތެނެންތީ ވިދާޅުވީ, އެ ޙަމަލާތަކުގައި ޔުނިފިލްގެ ދެ ސިފައިން ޒަޚަމު ކޮށްލާފައިވާ ކަމަށާއި, ހަސްފަތާލުގައި އެޑްމިޓު ކޮށްގެން އެ މީހުންނަށް ފަރުވާ ދެމުންދާ ކަމުގައެވެ. އަދި, ޔުނިފިލްގެ ބައެއް ވަސީލަތްތަކަށް ޔަހޫދީ ފައުޖުގެ ޙަމަލާތަކުގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމުގައެވެ.

"މިއީ, ފާއިތުވި 12 ވަަރަކަށް މަހުގެ ތެރޭގައި އަޅުގަނޑުމެންނަށް ކުރިމަތިލާން ޖެހުނު އަދި ފެނުނު އެންމެ ކަންބޮޑުވާ ހާދިސާ،" ތެނެންތީ ވިދާޅުވިއެވެ. ޔުނިފިލްގެ ފައުޖުގައި 50 ޤައުމެއްގެ ސިފައިން ހިމެނޭއިރު, އޭގެ ތެރޭގައި 10,400 ސިފައިން ހިމެނެއެވެ. ޔުނިފިލްގެ ސިފައިންގެ ޒިންމާއަކީ ލުބްނާނުގެ އުތުރުަގައި އޮތް ލަޔިޠާނީ ކޯރާއި ދެކުނުގައި އޮތް އިސްރާއީލް-ލުބްނާން ސަރަޙައްދީ ރޮނގާ ދެމެދުގައިވާ ބްލޫ ލައިންގެ ނަން ދީފައިވާ ސަރަޙައްދުގެ އަމަން ބެލެހެއްޓުމެވެ. "އަޅުގަނޑުމެން މި ތަނަށް ފޮނުވީ [އދގެ] ސަލާމަތީ މަޖިލީހުން. މި ތަނުގައި ހަރަކާތްތެރިވާން ހާލަތު ތަންދޭހާ ދުވަހަކު އަޅުގަނޑުމެން މި ތަނުގައި ދެމިތިބޭނަން،" ތެނެންތީ ވިދާޅުވިއެވެ.

އަލް-ނާޤޫރަތުގައި ހުންނަ ޔުނިފިލްގެ މައި މަރުކަޒުގެ އިތުރުން, އެ ސަރަޙައްދުގައި ހުރި ޔުނިފިލްގެ އުޅަނދުފަހަރާއި މުއާޞަލާތީ ވަސީލަތްތަކަށް ވެސް ޔަހޫދީ ފައުޖުން ޙަމަލާ ދީފައިވާ ކަން ތެނެންތީ ހާމަ ކުރެއްވިއެވެ. އަދި, އެ ސަރަޙައްދުގައި ޔުނިފިލުން ޤާއިމު ކޮށްފައިވާ ސީސީޓީވީ ނިޒާމަށް ޔަހޫދީ ފައުޖުން ޙަމަލާ ދީފައި ވަނީ ގަސްދުގައި ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ. ޔުނިފިލްގެ ސިފައިން ހަރަކާތްތެރިވަމުން ދިޔަ ސަރަޙައްދަކަށް ޙަމަލާ ދީފައިވާނެ ކަން ޔަހޫދީ ފައުޖުން ވެސް ކަށަވަރު ކޮށްދީފައިވެއެވެ.

އދގެ ސަލާމަތީ މަޖިލީހުގެ ޤަރާރެއްގެ ދަށުން ޔުނިފިލަށް މަތިކޮށްފައިވާ މައިގަނޑު ޒިންމާއަކީ ލުބްނާނުގެ ދެކުނުގެ ސަރަޙައްދުތަކުގައި ހަތިޔާރު ގެންގުޅުން ހުއްޓުވުމާއި, އެ ސަރަޙައްދުގެ އަމަން ބެލެހެއްޓުމުގައި ލުބްނާންގެ އަސްކަރިއްޔާއަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. ނަމަވެސް, އެ ސަރަޙައްދުގައި ހަރަކާތްތެރިވާ ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهއާ ޔުނިފިލްގެ ސިފައިންނާ ދެމެދު ވަނީ ނުތަނަވަސް ކަން އުފެދިފައެވެ. ލުބްނާނުގެ ދެކުނުގެ ގިނަ ސަރަޙައްދުތައް އޮތީ ޙިޒްބުاللهގެ ބާރުގެ ދަށުގައެވެ.

އދގެ ސަލާމަތީ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން އދގެ ސުލްޙަ ބަލަހައްޓާ ފައުޖުގެ ވެރިޔާ ޜޯން-ޕިއޭ ލެކްޚުއާ ވިދާޅުވީ, ލުބްނާނުގައި ހަރަކާތްތެރިވަމުންދާ ޔުނިފިލްގެ ސިފައިންގެ ފުރާނައަށް ނުރައްކާވާ ފަދަ ހާލަތެއް ކުރިމަތިވެފައިވާ ކަމުގައެވެ. އަދި, ލުބްނާނުގެ ޢާންމު ރައްޔިތުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ގުޅިގެން ޔުނިފިލްގެ ހަރަކާތްތައް ވަގުތީ ގޮތުން މެދުކަނޑައިލަން މަޖުބޫރުވެފައިވާ ކަމުގައެވެ. އޭނާ ވިދާޅުވީ, ޔުނިފިލްގެ މަރުކަޒުތަކުގައި އެ އިދާރާގެ ސިފައިން ތާށިވެފައިވާ ކަމުގައެވެ.

ލުބްނާނުގެ ދެކުނުގެ ސަރަޙައްދުގައި ހަރަކާތްތެރިވަމުން ދިޔަ ޔުނިފިލްގެ 300އެއްހާ ސިފައިން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރަން ޖެހިފައިވާ ކަމުގައި ވެސް ލެކްޚުއާ ވިދާޅުވިއެވެ. ތެނެންތީ ވިދާޅުވީ, ޔުނިފިލްގެ ސީސީޓީވީ ނިޒާމަށް ޔަހޫދީ ފައުޖުން ޙަމަލާދީ, އެ ތަކެތި ހަލާކު ކޮށްލުމާ ގުޅިގެން, އެ ސަރަޙައްދުގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ދެނެގަތުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅިފައިވާ ކަމުގައެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރާ ގޮތުގައި, ޔުނިފިލްގެ ވަސީލަތްތަކަށް ޔަހޫދީ ފައުޖުން ގަސްދުގައި ޙަމަލާ ދީފައި ވަނީ, އެ މީހުންގެ ލާއިންސާނީ ޖަރީމާތައް ފޮރުވުމުގެ ހީލަތްތެރި ނިޔަތުގައެވެ.

ޔަހޫދީންގެ ނިރުބަވެރި ޙަމަލާތަކުން ސަލާމަތްވުމަށް ލުބްނާނުގެ އެތަކެއް ސަތޭކަ ހާސް ޢާންމު ރައްޔިތުން އެ ޤައުމުގެ ދެކުނުގެ ސަރާޙައްދުތައް ދޫކޮށް ރައްކާތެރި ހިސާބުތަކަށް ދަތުރުކޮށްފައިވީ ނަމަވެސް, އެ ސަރަޙައްދުގައި އަދިވެސް ގިނަ ޢަދަދެއްގެ ބަޔަކު ތާށިވެފައިވާ ކަން ތެނެންތީ ހާމަކުރެއްވިއެވެ. ކުޑަކުދިންގެ ޙައްޤުތަކާ ބެހޭ އދގެ އިދާރާ (ޔުނިސެފު)ން ބުނީ, އެ ސަރަޙައްދުގައި ތާށިވެފައިވާ މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމަށް ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޕުރޮގުރާމު (ޑަބްލިޔުއެފްޕީ)އާ ގުޅިގެން އެ އިދާރާއިން މަސައްކަތް ކުރަމުންދާ ކަމުގައެވެ.

ސެޕްޓެންބަރު 23ވަނަ ދުވަހުން ފެށިގެން ލުބްނާނުގެ ޢާންމު ރައްޔިތުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ ޢާންމުންގެ ޢަދަދު ވަނީ 2,100އަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނޭ ކަމުގައި ލުބްނާނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުންޏެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 9,000އަށް އަރައެވެ. ޔަހޫދީންގެ ޢުދުވާނުގައި ގެދޮރު ނެތިކޮށްލާފައިވާ މީހުންގެ ޢަދަދު 1.2 މިލިޔަނަށް އުފުލިފައިވާއިރު, އދން ބުނީ އޭގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު މި ވަގުތު ދިރިއުޅެމުން ދަނީ މަގުތަކުގެ މަތީގައި ކަމުގައެވެ.