ޚަބަރު

ދެމެހެއްޓެނިވި ތަރައްޤީއަށް ދުރުރާސްތާގެ ސިޔާސަތުތަކެއް ރާއްޖޭގައި ކަނޑައެޅިފައި އޮންނަން ޖެހޭ: ޔޫއެންޑީޕީ


  • ދުރުރާސްތާ ޕްލޭނެއް ނެތި ބައެއް ދާއިރާތަކުން ކުރިއެރުން ނުލިބޭނެ ކަމަށް ކަންނި ވިދާޅުވި

ދުރުރާސްތާގެ ސިޔާސަތުތައް ރާއްޖޭގައި ކަނޑައެޅިފައި އޮތުމަކީ ދެމެހެއްޓެނި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް މުހިންމު ކަމެއްކަމަށް އދ. ގެ އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލް އަދި ޔޫއެންޑީޕީން ދެކުނު އޭޝިއާ އާއި ޕެސިފިކް ސަރަހައްދަށް ކަނޑައޅުއްވާފައި ހުންނަވާ ރީޖަނަލް ޑައިރެކްޓަރ ކަންނި ވިގަނަރާޖާ ވިދާޅުވެއްޖެއެވެ.

ފުވައްމުލަކުސިޓީއަށް މިހަފްތާގެ މެދުތެރޭ ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މީޑިއާތަކާއި ވާހަކަ ދައްކަވަމުން ޔޫއެންޑީޕީން އޭޝިޔާ އަދި ޕެސިފިކް ސަރަހައްދަށް ކަނޑައަޅުއްވާފައި ހުންނަވާ ރީޖަނަލް ޑައިރެޓަރ ކަންނި ވިގަނަރާޖާ ވަނީ ރާއްޖެއިން ދުރުރާސްތާގައި ތަރައްޤީގެ ސިޔާސަތުތައް ކަނޑައެޅުމުގެ މަސައްކަތް ފެށުމުން އެކަން ފާހަގަކޮށްފައެވެ. އެގޮތުން ތަރައްޤީއަކީ މަދު އަހަރުތަކުން ގެނެވޭނެ ކަމެއް ނޫންކަން ފާހަގަކުރައްވާ ސިޔާސީ ދައުރުތައް ކުރިވިއަސް ދިގުމުއްދަތެއްގެ ސިޔާސަތެއް އޮތުން މުހިންމު ކަމަށް ކަންނި ވިދާޅުވިއެވެ.

އޭނާ ވަނީ ސަރުކާރުގެ 20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލުމަށް ޔޫއެންޑީޕީން އިސްކަމެއް ދޭކަން ފާހަގަކުރައްވާފައެވެ. އެގޮތުން އެ ޕްލޭން ތަންފީޒުވުން މުހިންމުކަން ފާހަގަކުރައްވާ އޭނާ ވަނީ ބައެއް ދާއިރާތަކަށް އިންވެސްޓް ކުރުމުން ޤައުމުތަކަށް ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ފަސޭހަވެގެންދާކަން ފާހަގަކުރައްވާފައެވެ. އެގޮތުން މިކަމުގެ މިސާލު ދެއްވާ އޭނާ ފަންނީއްޔާތުގެ ދައިރާ ހަރުދަނާ ކުރުމާއި އަންހެނުން ބާރުވެރިކުރުމުގެ އިތުރުން އިޔާދަ ކުރަނިވި ހަކަތަ އަށް އިންވެސްޓް ކުރުން މުހިންމުކަން ފާހަގަކުރައްވާފައެވެ.

މިގޮތުން ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ވަރުގަދަ ކުރުމަށް އިންވެސްޓްކޮށްފިނަމަ، ދެމެހެއްޓެނި ތަރައްޤީގެ ގިނަ ލަނޑުދަނޑިތަކަށް އޭގެ ހެޔޮ އަސަރެއް ކުރާކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އަންހެނުން ބާރުވެރިކޮށް ތަޢުލީމީ ފުރުސަތު އިތުރުކުރުމަކީވެސް ދެމެހެއްޓެނި ތަރައްޤީއަށް ކުރެވޭނެ މުހިންމު އިންވެސްޓްމެންޓެއްކަން ކަންނި ވިގަނަރާޖާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އިޔާދަ ކުރަނިވި ހަކަތައަށް ރާއްޖެއިން އިންވެސްޓް ކުރުން މުހިންމުމަށް އޭނާ ވިދާޅުވިއެވެ. އޭގެ އެއް ސަބަބަކީ މިހާރުވެސް ރާއްޖެއިން ތެލަށް ބޮޑު ޚަރަދެއް ކުރަން ޖެހޭކަން ފާހަގަކުރައްވާ، އިޔާދަ ކުރަނިވި ހަކަތައިގެ އެކި ދާއިރާތަކަށް އިންވެސްޓް ކުރެވިއްޖެނަމަ ހަކަތައަށް ކުރާ ހޭދަ ކުޑަ ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއީ ދައިރާތަކަކީ ކުރު މުއްދަތެއްގެ ތެރޭގައި ސިޔާސަތުތައް ކަނޑައެޅޭނެ ދައިރާތަކެއް ނޫން. އެހެންވެ ޔޫއެންޑީޕީއަށް 20 އަހަރުގެ ތަރައްޤީގެ ޕްލޭނެއްގެ މަސައްކަތް މުހިންމު ވަނީ" ކަންނި ވިދާޅުވިއެވެ.

20 އަހަރު ދުވަހަށް އަމާޒުކޮށްގެން ޤައުމީ ތަރައްޤީގެ ޕްލޭނެއް އެކުލަވާލުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.

ޤައުމީ ތަރައްޤީގެ ޕްލޭންގެ މަސައްކަތް ފެށުން ފާހަގަކުރުމުގެ ގޮތުން ސޯޝަލް މީޑިޔާގައި ޙިއްސާކުރެއްވެވި ޕޯސްޓުގައި މި ޕްލޭން ވާނީ ޤައުމިއްޔަތުގެ ވިސްނުމުގައި ޤައުމުގެ ކުރިމަގު ހިމާޔަތްކޮށް ބިނާކުރުމުގެ ވިސްނުމުގައިކުރާ މަސައްކަތަކަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

އަދި މި ޕްލޭން ވާނީ އެންމެންގެ ކުރިއެރުމަށް، ދަރިންގެ މުސްތަޤްބަލަށްކުރާ ވަރަށް މުހިންމު މަސައްކަތަކަށް ކަމަށާއި ޕްލޭން ހަދާނީ ރައްޔިތުންގެ ބައިވެރިވުމާއެކުކަމަށް ރައީސްވެސް ވަނީ ވިދާޅުވެފައެވެ.