ޚަބަރު

ޔަހޫދީންނަށް ހަތިޔާރު ވިއްކުން ހުއްޓައިލަން ފަރަންސޭސިވިލާތުގެ މެކްޚޮން ގޮވައިލައްވައިފި


ފަލަސްޠީނާއި ލުބްނާނުގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓުވުމުގެ ގޮތުން ޔަހޫދީންނަށް ހަތިޔާރު ވިއްކުން ހުއްޓައިލަން ފަރަންސޭސިވިލާތުގެ ރައީސް އިމަނުއެލް މެކްޚޮން ގޮވައިލައްވައިފިއެވެ. އޭނާ މި ކަމަށް ގޮވައިލައްވާފައި ވަނީ ސައިޕްރަސްގައި ބޭއްވި ވިލާތުގެ އިއްތިހާދު (އީޔޫ)ގައި ހިމެނޭ މެޑިޓެރޭނިޔަން ސަރަޙައްދުގެ ޤައުމުތަކުގެ (މެޑް9) ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނެވި މެޑް9ގެ ޤައުމުތަކުގެ ވެރިން ވެސް ވަނީ ފަލަސްޠީނުގެ ޣައްޒާއާއި ލުބްނާންގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ވަގުތުން މެދުކަނޑައިލަން ގޮވައިލާފައެވެ. މެކްޚޮން ވިދާޅުވީ, އެ ދެ ޤައުމުގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ޢުދުވާންތައް ހުއްޓުވެން އޮތް ހަމައެކަނި ގޮތަކީ ޔަހޫދީންނަށް ހަތިޔާރު ވިއްކުމާއި, ފޯރުކޮށްދިނުން ހުއްޓައިލުން ކަމަށް ޤަބޫލު ކުރައްވާ ކަމުގައެވެ.

"އެއްވެސް ޙާލެއްގައި މިއީ އިސްރާއީލުގެ ހަތިޔާރުތައް އަތުލުމަށް ގޮވައިލުމެއް ނޫން, ނަމަވެސް މި ވަގުތު ދުނިޔޭގައި އޮތް އެންމެ ބޮޑު ހަމަނުޖެހުންގަނޑު ނިމުމަކަށް ގެނައުމަށް ގޮވައިލާ ގޮވައިލުމެއް،" މެކްޚޮން ވިދާޅުވިއެވެ. "ޢުދުވާން ހުއްޓައިލަން އަޅުގަނޑުމެން މި ދަނީ ތަކުރާރުކޮށް ގޮވައިލަމުން, ޢުދުވާން ހިންގުން ހުއްޓައިލުމަކީ ޣައްޒާއާއި ލުބްނާންގެ ރައްޔިތުންނަށް ވަރަށް މުހިންމު ކަމެއް. އެއީ, [ޙަމާސުން ރަހީނު ކޮށްފައިވާ] އަސީރުންނާއި [ޔަހޫދީންގެ ޢުދުވާނާ ގުޅިގެން] ނުރައްކަލަށް ހުށަހެޅިފައިވާ ޢާންމުން ބޭނުން ޖެހިފައިވާ ކަމެއް."

މެކްޚޮން ވިދާޅުވީ ފަލަސްޠީނާއި ލުބްނާންގެ ޢާންމުން ޝަހީދު ކުރަން ހިންގާ ލާއިންސާނީ ޖަރީމާތައް ހުއްޓުވެން އޮތް ހަމައެކަނި ގޮތަކީ ޔަހޫދީންނަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓައިލުން ކަމުގައެވެ. "އެ ކަން ހާސިލު ކުރެވޭނެ އިތުރު ގޮތެއް ނެތް ކަން އަޅުގަނޑުމެެން އެންމެންނަށް ވެސް ވަރަށް ސާފު،" އޭނާ ވިދާޅުވިއެވެ.

މިއީ, ޔަހޫދީންނަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓައިލަން މެކްޚޮން ގޮވައިލައްވާފައިވާ ފުރަތަމަ ފަހަރެއް ނޫނެވެ. އޮކްޓޫބަރު 5ވަނަ ދުވަހު ވެސް މެކްޚޮން ވަނީ އެ ކަމަށް ގޮވައިލައްވާފައެވެ. ނަމަވެސް, އެއީ ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު, އެމެރިކާއިން ހިތްހަމަ ޖެހުނު ގޮވައިލުމެއް ނޫނެވެ. އަދި, ޒަޔަނިސްޓު ދައުލަތުގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އެ ކަމާ މެދު ކަންބޮޑުވުން ފާޅުކޮށް, މެކްޚޮނަށް ފާޑުކިޔާފައެވެ.

ފަލަސްޠީނާއި ލުބްނާންގެ ޢާންމު ރައްޔިތުން ޝަހީދު ކުރުމަށް ހިންގަމުންދާ ޢުދުވާންތަކުގައި ޔަހޫދީ ފައުުޖުން ބޭނުން ކުރަމުންދާ ގިނަ ހަތިޔާރަކީ އެމެރިކާއިން ފޯރުކޮށްދެމުންދާ ތަކެއްޗެވެ. އެމެރިކާއާއި އަޅައިބަލާއިރު, ފަރަންސޭސިވިލާތުން ޔަހޫދީންނަށް ވިއްކަނީ މަދު އަދަދެއްގެ ހަތިޔާރެވެ. ނަމަވެސް, ހުސްވި އަހަރު 33 މިލިޔަން އެމެރިކާ ޑޮލަރުގެ ހަތިޔާރު ފަރަންސޭސިވިލާތުން ޔަހޫދީންނަށް ވިއްކިއެވެ.

"ޣައްޒާއާއި އެ ސަރަޙައްދުގައި [ޔަހޫދީން] ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ އިތުުރުން އިސްރާއީލާއި [ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް] ޙިޒްބުاللهއާ ދެމެދު ޙަމަލާ ބަދަލު ކުރަމުންދާތީ އަޅުގަނޑުމެން ކަންބޮޑުވުން ފާާޅު ކުރަން،" މެޑް9ގެ ޤައުމުތަކުގެ ސަމިޓަށް ފަހު ނެރުނު ބަޔާނުގައި އެ ޤައުމުތަކުން ހާމަކުރިއެވެ. ބްލޫ ލައިން ނުވަތަ ނޫ ރޮނގުގެ ނަން ދީފައިވާ ލުބްނާންގެ ސަރަޙައްދީ ރޮނގުގައި ޙަމަލާ ބަދަލު ކުރުން ހުއްޓައިލައި, އެ ޤައުމުގައި ނިކަމެތި ކޮށްލާފައިވާ ޢާންމު ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ފެށުމަށް ވެސް މެޑް9ގެ ޤައުމުތަކުން ގޮވައިލިއެވެ.

ސެޕްޓެންބަރު 23ވަނަ ދުވަހުން ފެށިގެން ލުބްނާނުގެ ޢާންމު ރައްޔިތުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ ޢާންމުންގެ ޢަދަދު ވަނީ 2,100އަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނޭ ކަމުގައި ލުބްނާނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުންޏެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 10,000އަށް އަރައެވެ. ޔަހޫދީންގެ ޢުދުވާނުގައި ގެދޮރު ނެތިކޮށްލާފައިވާ މީހުންގެ ޢަދަދު 1.2 މިލިޔަނަށް އުފުލިފައިވާއިރު, އދން ބުނީ އޭގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު މި ވަގުތު ދިރިއުޅެމުން ދަނީ މަގުތަކުގެ މަތީގައި ކަމުގައެވެ.

2023 އޮކްޓޫބަރު 7ން ފެށިގެން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 42,126އަށް އުފުލިފައެެވެ. އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނޭއިރު, އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ޤަބޫލު ކުރެއެވެ. ޣައްޒާ ޢުދުވާނުގައި ޔަހޫދީ ފައުޖުން ވަނީ 98,117 މީހުން ޒަޚަމު ކޮށްލާފައެވެ.