ޚަބަރު

ސަބްސިޑީގެ 45 އިންސައްތަ މުއްސަނދިންނަށް، ފަޤީރުންނަށް އެންމެ 8 އިންސައްތަ


  • ސަބްސީޑީގެ 43 އިންސައްތަ ޚަރަދު ކުރަނީ މުއްސަނދި ފަރާތްތަކަށް

  • އެންމެ ފަޤީރު 10 އިންސައްތައް ލިބެނީ ސަބްސިޑީއަށް ކުރާ ހޭދައިގެ 8 އިންސައްތަ

ވަކި ބަޔަކަށް އަމާޒުނުކޮށް، ހުރިހާ އެންމެންނަށް ދޭ ސަބްސިޑީއެއް އޮތުމުން އޭގެ އެންމެ ބޮޑު ފައިދާއެއް ކުރަނީ މުއްސަނދިންނަށްކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ.

ވޯލްޑް ބޭންކުން މިހެން ބުނެފައިވަނީ އެ ބޭންކުން ރާއްޖެއާ ބެހޭގޮތުން ނެރުނު "މޯލްޑިވްސް ޑިވެލޮޕްމެންޓް އަޕްޑޭޓް - ސީކިން ސްޓެބިލިޓީ އިން ޓާބިއުލަންޓް ޓާމްސް" ރިޕޯޓުގައެވެ.

މި ރިޕޯޓުގައި ސަރުކާރުން ޚަރަދު ކުޑަކޮށް ސަބްސިޑީތަކަށް ބަދަލު ގެނައުމުން އޭގެއިން ކުރާނެ އަސަރުގެ މައްޗަށް ވަނީ އަލިއަޅުވާފައެވެ. ވޯލްޑް ބޭންކުން ފާހަގަކުރި ގޮތުގައި ދުނިޔޭގެ އެހެން ޤައުމުތަކުގައި އާންމު ގޮތެއްގައި ސަބްސިޑީތައް ދެވެނީ، ފުދުންތެރިކަން ކުޑަ ގޭބީސީތަކަށެވެ. ނަމަވެސް ރާއްޖޭގައި މިހާރު އާންމުކޮށް އެންމެންނަށް ދޭ ސަބްސިޑީގެ ނިޒާމެއް އޮތުމުން ސަބްސިޑީ ލިބެންޖެހޭ އެންމެ ނާޒުކު ގޭބީސީތަކަށް އޭގެއިން އެހާ ބޮޑު ފައިދާއެއް ނުކުރާކަމަށް ވޯލްޑް ބޭންކުން ބުނެއެވެ.

ވޯލްޑް ބޭންކުން ފާހަގަކުރި ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންކަން ފޯރުކޮށްދިނުމަށްޓަކައި ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީން ސަބްސިޑީގެ ގޮތުގައި ޚަރަދު ކުރެއެވެ. މީގެ ތެރޭގައި ތަޢުލީމީ ނިޒާމުގެ ތެރެއިން ސަރުކާރުން ކުރާ ޚަރަދުތަކާއި ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދޭ އާސަންދައާއި، އެސްޓީއޯ މެދުވެރިކޮށް ތެލަށާއި ކާބޯތަކެއްޗަށް ދެވޭ ސަބްސިޑީސްތައް ހިމެނެއެއެވެ. މިއިން އެއްވެސް ސަބްސިޑީއަކީ އެންމެ ނާޒުކު ހާލާތުގައި ތިބި ފަރާތްތަކަށް ވަކިން އާމާޒުކޮށް ދެވޭ ސަބްސިޑީއެއް ނޫންކަން ވޯލްޑް ބޭންކުން ފާހަގަކުރެއެވެ.

ވޯލްޑް ބޭންކުން ބުނީ ނުސީދާ ސަބްސިޑީއަކީ އެންމެ ނާޒުކު ހާލަތުގައި އުޅޭ ފަރާތްތަކަށް ދެވޭ ސަބްސިޑީއަކަށްވާއިރު، ރާއްޖޭގައި ދެވޭ ސަބްސިޑީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ނުވަތަ 43 އިންސައްތަ ޚަރަދު ކުރަނީ އާބާދީގެ އެންމެ މުއްސަންދި ފަރާތްތަކަށެވެ. އެގޮތުން އާބާދީގެ އެންމެ ތަނަވަސްކަން ލިބިފައިވާ 40 އިންސައްތައަށް މި ސަބްސިޑީތަކުގެ ފައިދާ ލިބޭކަމަށް ވޯލްޑް ބޭންކުން ފާހަގަކުރެއެވެ. މިއީ މިދިޔަ އަހަރުގެ ބަޖެޓުގެ 4.1 އިންސައްތަ ކަމަށް ވޯލްޑް ބޭންކުން ބުނެއެވެ.

ވޯލްޑް ބޭންކުން ފާހަގަކުރި ގޮތުގައި، ސަބްސިޑީއަށް ކުރާ ޚަރަދަށް ބަލާއިރު، ރާއްޖޭގެ އެންމެ މުއްސަނދި މީހުންގެ 10 އިންސައްތައަށް ސަބްސީޑީތަކުގެ 13 އިންސައްތަ ލިބެއެވެ. ނަމަވެސް މިއީ އެފަރާތްތަކަށް ލިބޭ އާމްދަނީގެ އެންމެ 2 އިންސައްތަކަމަށް ވޯލްޑް ބޭންކުގެ ރިޕޯޓުގައި ފާހަގަކުރެއެވެ. އަދި އާބާދީގެ އެންމެ ފަޤީރު 10 އިންސައްތަ މީހުންނަށް ލިބެނީ އޭގެ އެންމެ 8 އިންސައްތަކަމަށްވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ސަރުކާރުން ދަނީ އާންމުކޮށް ހުރިހާ ރައްޔިތުންނަށް ދެމުން އަންނަ ސަބްސިޑީގެ ބަދަލުގައި، އާބާދީގެ އެންމެ ނާޒުކު ފަރާތްތަކަށް ސަބްސިޑީ ދިނުމަށް މަސައްކަތް ކުރަމުންކަމަށް ވޯލްޑް ބޭންކުން ބުނެއެވެ. ވޯލްޑް ބޭންކުން ފާހަގަކުރި ގޮތުގައި މިފަދަ ނިޒާމެއް ނެތި މުޅިން އެއްކޮށް ސަބްސިޑީ ކަނޑާލައިފިނަމަ ރާއްޖޭގެ ފަޤީރުކަމުގެ ނިސްބަތް މިހާރު ހުރި 2.5 އިންސައްތައިން 4.6 އިންސައްތައަށް އުފުލޭނެއެވެ. އަދި މިކަމުގެ އަސަރު އެންމެ ބޮޑަށް ކުރާނީ އެކަނިވެރި މައިންނާއި ބަފައިންގެ އިތުރުން 3 ކުދިންނަށް ވުރެ ގިނަ ކުދިން ތިބި ގޭބީސީތަކަށްކަމަށްވެސް ވޯލްޑް ބޭންކުން ބުނެއެވެ.

އެހެން ކަމުން ސަބްސިޑީ ކަނޑާލުމުން ކުރިމަތިވެދާނެ ހިރާސްތައް ނައްތާލުމަށް 1.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ބޭނުންވާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކުރެއެވެ. މި ބަޖެޓުގެ ތެރެއިން އާބަދީގެ މަދުން އާމްދަނީ ލިބޭ 60 އިންސައްތައަށް ސަބްސިޑީ ދިނުމަށް އެ ބޭންކުން ލަފާ ދެއެވެ. އަދި މީގެ ތެރެއިންވެސް އެންމެ މަދުން އާމްދަނީ ލިބޭ 20 އިންސައްތައަށް ސަބްސިޑީ ބޮޑުކޮށް ދިނުމަށް އެއިދާރާއިން ނެރުނު ރިޕޯޓުގައި ވަނީ ލަފާ ދީފައެވެ.

ނަމަވެސް މިފަދަ ނިޒާމެއް ޤާއިމް ކުރުމަށް ގޭބީސީތަކަށް އާމްދަނީ ލިބޭ މިންވަރު ދެނެގަތުމަށް ފުރިހަމަ ނިޒާމެއް ސަރުކާރުން ޤާއިމް ކުރަން ޖެހޭ ކަމަށް ވޯލްޑް ބޭންކުން ފާހަގަކުރެއެވެ. މިފަދަ ނިޒާމެއްގެ ތެރެއިން ދިރިއުޅުމުގެ ހާލަތު ރަނގަޅަށް ބެލޭން ޖެހޭކަންވެސް މި ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.