ޚަބަރު

ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމަންޓް ބޭންކަށް އެމްްއެމްއޭއިން ލައިސަންސް ދީފި


  • ޑިވެލޮޕްމެންޓް ބޭންކު އުފައްދަވާފައި ވަނީ މޭމަހުގެ 16 ވަނަ ދުވަހު

މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކު އުފެއްދުމަށް ބޭނުންވާ ލައިސަންސް އެމްއެމްއޭއިން ދީފިއެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ރާއްޖޭގެ ޑިވެލޮޕްމެންޓް ބޭންކު އުފައްދާވާފައި ވަނީ މޭމަހުގެ 16 ވަނަ ދުވަހުއެވެ. އަދި އެ ބޭންކު އުފެއްދުމަށް ބޭނުންވާ ލައިސަންސް ހޯދުމަށް އެމްއެމްއޭއަށް ހުށަހަޅާފައިވަނީ މިދިޔަ ޖުލައިމަހުއެވެ.

އެމްްއެމްއޭގައި ބޭއްވި ރަސްމިއްުޔާތެއްގައި މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކު އުފެއްދުމަށް ބޭނުންވާ ލައިސަންސް ހަވާލުކޮށްދެއްވީ އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރުއެވެ. މި ލައިސަންސާ ހަވާލުވެވަޑައިގަތީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުހައްމަދު ސަޢީދުއެވެ.

ދިވެހިރާއްޖޭގެ ޑިވެލޮޕްމަންޓް ބޭންކެއް ޤާޢިމްކުރަން ސަރުކާރުން ނިންމެވީ، ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ދެމެހެއްޓެނިވި އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް އިންވެސްޓުކުރުމާއި ޢުމްރާނީ ތަރައްޤީއަށް ބޭނުންވާ ފައިސާ ހޯދުމަށެވެ. އަދި ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީއެސްއައިޕީ މަޝްރޫޢުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމާއި ދިވެހިރާއްޖޭގެ ބޭންކިން ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުޤުވެރިކަން އިތުރު ކުރުމަކީވެސް މިފަދަ ބޭންކެއް ޤާއިމްކުރުމުގެ އެއް ބޭނުންކަމަށް ސަރުކާރުން ވިދާޅުވެފައިވެއެވެ.

މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކްގެ ބޯޑަށް ބޭފުޅުން ޢައްޔަންކުރައްވާފައިވަނީ، މިމަހުގެ 21 ވަނަ ދުވަހުގައެވެ. އެގޮތުން މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކްގެ ޗެއަރޕަރސަންގެ މަޤާމަށް ޢައްޔަންކުރައްވާފައިވާ ސިންގަޕޫރުގެ އަރޫނީ ގުނިޓެލެކީއެވެ. ހަރވާޑް ޔުނިވަރސިޓީއިން މާސްޓަރ އޮފް ލޯސް ޙާސިލުކުރައްވާފައިވާ އަރޫނީއަކީ މާލީ ދާއިރާގެ 25 އަހަރު ދުވަހުގެ ތަޖުރިބާ ލިބިވަޑައިގަންނަވާފައިވާ ބޭފުޅެކެވެ.

ޑިވެލޮޕްމަންޓް ބޭންކްގެ ސީއީއޯގެ މަޤާމަށް ޢައްޔަންކުރައްވާފައިވާ ނޮއެލް ގްރެގަރއެެވެ، އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަރސިޓީން މަތީ ތައުލީމް ހާސިލުކުރައްވާފައިވާ ނޮއެލްއަކީ ސަޢުދިޢަރަބިއްޔާގެ ނޭޝަނަލް އިންފްރާސްޓްރަކްޗަރ ފަންޑް ޤާއިމުކުރުމުގައި އިސްދައުރެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ.

މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކުގެ އިމާރާތް ޤާއިމްކުރުމަށް ހަމަޖެހިފައިވަނީ ޗާންދަނީ މަގާއި އަމީރު އަޙްމަދު މަގު ގުޅޭ ހަތަރުއަނގޮޅީގައި ހުންނަ އެލައިޑް ބިލްޑިންގެ ތިރީ ބުރީގައެވެ.