ޚަބަރު

އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ޖާގައެއް ބުރްކީނާ ފާސޯއިން ހޯދައިފި


ބުރްކީނާ ފާސޯ އިން ބުރުންޑީ އަތުން 2-0 އިން ހޯދީ މޮޅާއެކު އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އެފްރިކަން ކަޕް އޮފް ނޭޝަންސް އިން ޖާގަ ހޯދި ފުރަތަމަ ޓީމުގެ ޝަރަފު ހޯދައިފިއެވެ.

މި ނަތީޖާއާއެކު ބުރްކީނާ ފާސޯ އިން ވަނީ މިހާތަނަށް ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހަމަކޮށް، ކޮލިފައިންގެ ގްރޫޕް އެލްގެ އެއްވަނަ މަގާމު ހޯދައިފައެވެ. ދެވަނައިގައި އޮތް ސެނެގޯލް އަށް އެއްމެޗު މަދުން ކުޅެގެން ހަތް ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމަށް ކުރިއަށް އޮތް މެޗުގައި މަލާވީ ބަލިކޮށްގެން މުބާރާތަށް ކޮލިފައިވެވޭނެ އެވެ. ތިންވަނައިގައި ބުރުންޑީ އޮތީ ހަތަރު މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެވެ. ފުލުގައި އޮތް މަލާވީ އަށް ކުޅުނު ތިން މެޗުން ޕޮއިންޓެއްނުލިބެއެވެ.

މި މެޗު ފެށިގެން ފަސްވަނަ މިނެޓުގައި ބުރްކީނާ ފާސޯ އަށް ލީޑްނަގައިދިނީ މުޙައްމަދު ކޮނާޓޭ އެވެ. އަދި، އޭގެފަހުން މެޗުގެ އިތުރުވަގުތުގެ ތެރޭގައި ލިބުނު ޕެނަލްޓީއަކުން ބާޓްރަން ޓްރައޯރޭ ވަނީ އެ ޓީމަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.

2025 ވަނަ އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސް މުބާރާތުގައި ވާދަކުރާ 24 ޓީމުގެ ތެރޭގައި ހިމެނޭނީ 12 ގްރޫޕުގެ ތެރެއިން ކޮންމެ ގްރޫޕެއްގެ އެންމެ ކުރިހޯދާ ދެ ޓީމެކެވެ.

އަންނަ އަހަރުގެ ޑިސެމްބަރު 21 އިން ޖެހިގެން އަންނަ 2026 ވަނަ އަހަރުގެ ޖެނުއަރީ 18 އަށް ކުރިއަށްދާ މުބާރާތުގެ ހޯސްޓް ކަމަށްވާ، މޮރޮކޯ ހިމެނޭ ގްރޫޕް ބީ އިން އިތުރު ޓީމެއް ކޮލިފައިވާނެއެވެ. އެ ގްރޫޕުގައި ދެން ހިމެނެނީ؛ ގެބޯން، ސެންޓްރަލް އެފްރިކަން ރިޕަބްލިކް އަދި ލެސޯތޯ އެވެ.