ޚަބަރު

އުންމީދުތައް ހަޤީޤަތަކަށް ހަދައިދެވޭނީ މަސައްކަތްތެރިންނަށް: ރައީސް


  • ކޮންމެ ދާއިރާއެއްގައި ބުރައުފުލާ މަސައްކަތްތެރިއަކީވެސް ޝަރަފްވެރިއެއް

  • ޤައުމުން އަގުވަޒަން ކުރާނެ ޚިދުމަތްތެރިއެއްކަން ރައީސް ފާހަގަކުރެއްވި

ރާއްޖެ މިއަދު ދެކޭ ކުރިއެރުންތައް ގެނެސްދިނީވެސް އަދި މާދަމާއަށް ދިވެހިން ކުރާ އުންމީދުތައް ޙަޤީޤަތަކަށް ހަދައިދެވޭނީވެސް މަސައްކަތްތެރިންނަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގެ ތަޙްނިޔާ ފޮނުއްވަވާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ، ހުރިހާ މަސައްކަތްތެރިންނަށްވެސް ދުވަހުގެ ތަޙްނިޔާ ފޮނުއްވަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އަމިއްލަ ނަފްސާއި ޢާއިލާގެ ފުދުންތެރިކަމަށްޓަކައި، އަދި ޤައުމުގެ ލާބައާއި މަންފާއަށްޓަކައި ކޮންމެ ދާއިރާއެއްގައި ބުރަ އުފުލާ މަސައްކަތްތެރިއަކީވެސް ޝަރަފްވެރިއެއް ކަމަށެވެ. އަދި އެއީ މި ޤައުމުން އަގުވަޒަން ކުރާނެ ޚިދުމަތްތެރިއެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖެ މިއަދު މިދެކޭ ކުރިއެރުންތައް މި ޤައުމަށް ގެނެސްދިނީވެސް، އަދި މާދަމާއަށް ދިވެހީން ކުރާ އުންމީދުތައް ޙަޤީޤަތަކަށް ހަދައިދެވޭނީވެސް ހީވާގި މަސައްކަތްތެރީންނަށްކަން ޤަބޫލުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ، މަސައްކަތްތެރިން ކުރައްވާ މަސައްކަތްތަކަށް ހިތުގެ އިޚްލާޞްތެރި ކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.

ބައިނަލްއަޤުވާމީ މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމަށް ކަނޑައެޅީ، 1889 ވަނަ އަހަރު ބައިނަލްއަޤުވާމީ މަސައްކަތްތެރިންގެ ކޮންގްރެސްއިންނެވެ. މި ދުވަސް ފާހަގަކުރާ ދުވަހެއްގެ ގޮތުގައި މޭ މަހުގެ ފުރަތަމަ ދުވަސް ކަނޑައެޅީ، އެ ދުވަހަކީ ޗިކާގޯގެ މީހުންގެ ފުރާނަ ގެއްލުނު ހިތާމަވެރި ހާދިސާ ހިނގަން މެދުވެރިވި އިހުތިޖާޖުތައް ފެށުނު ދުވަސް ކަމަށްވާތީއެވެ.

ރާއްޖޭގެ މަސައްކަތްތެރިންގެ ހައްޤުތައް ކަށަވަރު ކޮށްދިނުމުގެ މަސައްކަތް މީގެ އެތަކެއް އަހަރެއް ކުރިން ވަނީ ފެށިފައެވެ. މިކަން އެކި ދުވަސްވަރު އެކި ފެންވަރުގައި ކުރެވުނު ނަމަވެސް، މި ދުވަސް ރަސްމީ ސިފައެއްގައި ފާހަގަކުރާ ދުވަހަކަށްވީ، 2006 ވަނަ އަހަރުއެވެ. އޭގެ ފަހުން 2011 ވަނަ އަހަރު މިއީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅިގެން ދިޔައެވެ.