ޚަބަރު

މާލީ ހުރަސްތައް ކުޑަކޮށް، ދަނޑުވެރިކަން އެހެން ހަރުފަތަކަށް ގެންދިޔުމަކީ އަމާޒެއް: ވަޒީރު ރަމީލާ


  • މިއަދަކީ ދަނޑުވެރިކަމުގެ ދުވަސް

  • މާލީގޮތުން ލުއި ގޮތްތައް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއްދަނީ ކުރެވެމުން

ރަހުނަކާއި ނުލާ ދޫކުރާ 'ދަނޑުވެރި ނަފާ ލޯނު' ޕްރޮގްރާމު، 5 ލައްކަ ރުފިޔާއާ ހަމައަށް ބޮޑު ކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ރަމީލާ ވިދާޅުވެއްޖެއެވެ.

ވަޒީރު ރަމީލާ މިހެން ވިދާޅުވީ އޮކްޓޫބަރުމަހުގެ 15ވަނަ ދުވަހު ފާހަގަކުރާ ރާއްޖޭގެ ދަނޑުވެރިންގެ ދުވަހާއި އޮކްޓޫބަރު 16ވަނަ ދުވަހު ފާހަގަކުރާ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ގުޅުވައިގެން ދެއްވި ޚާއްސަ ހިޠާބުގައެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ރަމީލާ ވިދާޅުވީ ދަނޑުވެރިކަމަކީ ޤައުމުގެ އިޤްތިސާދުގައި މުހިންމު ދައުރެއް އަދާކުރާ ސިނާޢަތަކަށް ހެދުމަށް ސަރުކާރުން ޚާއްސަ މަސައްކަތްތަކެއް ފައްޓަވާފައިވާ ކަމަށެވެ.

އެގޮތުން މިދާއިރާ އެހެން ހަރުފަތަކަށް ގެންދިޔުމަށް މި ސިނާއަތަށް އަލަށް ވަންނަ ފަރާތްތަކަށް އެހީތެރިވުމަށްވެސް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށާއި އެގޮތުން ދަނޑުވެރި ނަފާ ލޯނު ޕްރޮގްރާމުގެދަށުން މިހާތަނަށް ޖުމްލަ 16 މިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް ވަޒީރު ރަމީލާ ވިދާޅުވިއެވެ.

އަދި މިލޯނު ޕްރޮގްރާމު އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް ވަޒީރު ރަމީލާ ވިދާޅުވިއެވެ.

"ރަހުނެއް ނުބަހައްޓައި މިވަގުތު ނެގޭ އެއްލައްކަ ރުފިޔާ 5 ލައްކަ ރުފިޔާއަށް ބޮޑު ކުރުމަށް މިދަނީ އެސްޑީއެފްސީއާ އެކު މަސައްކަތްކުރަމުން، އަދި ދަނޑުވެރިކަމަށް ދޫކުރާ ލޯނުތަކަކީ އިސްލާމިކް ފައިނޭންސިންގެ އުސޫލުތަކުން ދޫކުރާ ލޯނުތަކަށް ހެދުމަށްވެސް މިދަނީ މަސައްކަތްކުރަމުން،" ވަޒީރު ރަމީލާ ވިދާޅުވިއެވެ.

ވަޒީރު ރަމީލާ ވިދާޅުވީ ދިވެހި ސަރުކާރާއި އިފާޑް ގުޅިގެން ކުރިއަށްގެންދާ، އެގްރި ބިޒްނަސް ޕްރޮގްރާމު ފުޅާކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން 12 ރަށެއްގައި ނަމޫނާ ގްރީން ހައުސްތައް ތައްޔާރުކޮށްފައިވާއިރު، އިތުރު 5 ރަށެއްގައި ނަމޫނާ ގްރީން ހައުސްތައް ތައްޔާރުކުރުމަށް ހަމަޖެހިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

އަދި ނަމޫނާ ދެއްކި ގްރީން ހައުސްތަކަށް ދަނޑުވެރިން އަމިއްލައަށް އިންވެސްޓުކުރުމުގެ ފުރުސަތު ދިނުމަށް ދަނޑުވެރި މަންފާގެ ނަމުގައި ޕްރޮގްރާމެއް ވަނީ ފަށާފައެވެ. އަދި ހިލޭ އެހީއަށް އެދި ހުށަހެޅި ފަރާތްތަކުގެތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް އަންނަ ހަފްތާގައި ހިލޭ އެހީ ދޫކުރުމުގެ މަސައްކަތް ފެށޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"68 ދަނޑުވެރިން ވަނީ އެޕްލިކޭޝަން ހުށަހަޅާފައި، އެޕްލިކޭޝަންތައް ވަޒަން ކުރުމަށްފަހު ކުރިއަށްއޮތް ހަފްތާގެތެރޭގައި ހިލޭ އެހީ ދޫކުރުމުގެ މަސައްކަތް ފަށައިގަނެވޭނެ،" ވަޒީރު ރަމީލާ ވިދާޅުވިއެވެ.

ވަޒީރު ރަމީލާ ވިދާޅުވީ ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތަށް އިންގިލާބީ ބަދަލުތަކެއް ގެނުވާނެ އުތުރުތިލަފަޅުގައި ދަނޑުވެރިކަމުގެ މަޝްރޫޢު ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ.
މީގެއިތުރުން ރާއްޖެއަށް އައު ވައްތަރުތަކުގެ ދަނޑުވެރިކަން ތައާރަފްކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ދަށުން، ވަރޓިކަލް ފާމިންގ މަޝްރޫޢެއް މިހާރު ފަށާފައިވާކަން ރަމީލާ ފާހަގަކުރެއްވިއެވެ.

"އެ މަޝްރޫޢުގެ ދަށުން ހެދި ދިރާސާއިން އެންމެ ކާމިޔާބުކަމަށް ދެއްކި ވަރޓިކަލް ސިސްޓަމް ރާއްޖޭގެ 5 ސަރަހައްދަކުން ކަނޑައެޅީ ރަށްރަށުގައި ގާއިމްކޮށް، ނަމޫނާ ދެއްކުމުގެ މަސައްކަތްދަނީ ކުރެވެމުން،" ވަޒީރު ރަމީލާ ވިދާޅުވިއެވެ.

ދަނޑުވެރިކަމުގެ ދާއިރާ ކުރިއަރުވާ މިދާއިރާއަށް ބޭނުންވާ އެހީތެރިކަން ތަނަވަސްކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ވަޒީރު ރަމީލާ ވިދާޅުވީ އަންނަ އަހަރު ނޭޝަނަލް ޕްލާންޓު ޕްރޮޓެކްޝަން އޯގަނައިޒޭޝަން އުފެއްދުމުގެ މަސައްކަތްކުރެވެމުންދާ ކަމަށާއި އަންނަ އަހަރުތެރޭ އެތަނުގައި މަސައްކަތްތައް ފެށޭނެ ކަމަށެވެ. މީގެއިތުރުން ދަނޑުވެރިކަމުގެ ތަހުލީލުތައް ކުރުމަށް ގާއިމުކުރާ ދަނޑުވެރިކަމުގެ ލެބޯޓްރީގެ މަސައްކަތްވެސް އަންނަ އަހަރު ފަހުކޮޅު ނިމޭނެ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ރަމީލާ ވިދާޅުވިއެވެ.