ޚަބަރު

ޕޮލިސް ބަލިކޮށް ވެމްކޯއިން ގައުމީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި


ހަ އަހަރުގެ މެދުކެނޑުމަކަށްފަހު ފަހު ބޭއްވި ގައުމީ ވޮލީ ލީގުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ވާދަވެރި ކުޅުމަކަށްފަހު ޕޮލިސް ކުލަބު ބަލިކޮށް ކުލަބު ވެމްކޯއިން ހޯދައިފިއެވެ.

ރޭ ސޯޝަލް ސެންޓަރުގެ އެތެރޭ ވޮލީ ކޯޓުގައި ކުޅުނު ފޯރިގަދަ މެޗްގައި ވެމްކޯއިން ފޮލިސް ކުލަބު ބަލިކުރީ 5 ސެޓަށް ކުޅެ 3 ސެޓުން 2 ސެޓުންނެވެ.

މި މެޗްގެ ފުރަތަމަ ސެޓްގައި ޕޮލިސް ކުލަބުން ގެންދިޔައީ ދެފަރާތުންވެސް ވަރަށް އާދައިގެ ކުޅުމަކަށް ފަހު 23-25 އިންނެވެ. މެޗްގެ ދެވަނަ ސެޓްގައި ކުލަބް ވެމްކޯއިން ގެންދިޔައީ 25-17 އިންނެވެ. މެޗްގެ ތިންވަނަ ސެޓް ޕޮލިސްކުލަބުން ގެންދިޔައީ ވަރަށްވެސް ވާދަވެރި ކުޅުމަކަށްފަހު ތިން ޕޮއިންޓުގެ ފަރަގަކުން 23-25 އިންނެވެ.

މެޗްގެ ހަތަރުވަނަ ސެޓް ވެމްކޯއިން 21-25 އިން ގެންދިއުމުން މެޗް އިހުނަށް ފޯރިގަދަވެ ވާދަވެރިވިއެވެ. މެޗްގެ ފަހުސެޓްގައި ކުލަބު ވެމްކޯއިން ގެންދިޔައީ ކުލަބު ޕޮލިސް އިން ގާތްގާތުގައި ވިއްދަމުން ދަނިކޮށް 15-13 އިންނެވެ.

މި މެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކުލަބު ވެމްކޯއަށް ކުޅެމުން އަންނަ ބިދޭސި ކުޅުންތެރިޔާ އުޒްބެކިސްތާނުގެ ޔަކޯވްލިވާ އިންނާއެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައިވަނީ ކުލަބު ވެމްކޯގެ ފަޠިމަތު ޖޫޒާން ޒަރީރެވެ. މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައިވަނީ ކުލަބު ވެމްކޯގެ ޒުވާން ކުޅުންތެރިޔާ މާޔާ ހުސެއިން ސޮލާހެވެ.

މުޅި މުބާރާތުގެ އެންމެ މޮޅު ކޯޗުގެ މަޤާމަށް ހޮވިފައިވަނީ ކުލަބު ވެމްކޯގެ ކޯޗް އަޙުމަދު އަދީލެވެ. މީގެ އިތުރުން މި މުބާރާތުގެ އެހެނިހެން މަޤާމްތަށް ވެސް ވަނީ މޮޅު ކުޅުންތެރިން ހޮވާފައެވެ. މުޅި މުބާރާތުގެ އެންމެ މޮޅު އައުޓުސައިޑް ހިޓާގެ މަޤާމަށް ދެ ކުޅުންތެރިން ހޮވިފައިވާއިރު ހޮވިފައިވަނީ ކުލަބު ވެމްކޯގެ އައިޝަތު މާޖިދާއާއި ޕޮލިސްކުލަބުގެ ޙައްވާ ރާޝިދާއެވެ.

އެންމެ މޮޅު މިޑް ބްލޮކާގެ މަޤާމަށް ދެކުޅުންތެރިން ހޮވިފައިވެއެވެ. އެއީ ކުލަބު ވެމްކޯގެ އައިމިނަތު ރިޔާސާއާއި ފޮލިސް ކުލަބުގެ މަރްޔަމް އަޒުމާއެވެ. މި މުބާރާތުގެ އެންމެ މޮޅު އޮޕަސިޓް ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައިވަނީ ފޮލިސް ކުލަބުގެ އައިމިނަތު ޝަހާ ޝާމިންނެވެ. އެންމެ މޮޅު ލިބަރޯގެ މަޤާމަށް ޕޮލިސްކުލަބުގެ މައިހާ އަލީ ހޮވުނުއިރު، އެންމެ މޮޅު ސެޓަރުގެ މަޤާމަށް ހޮވިފައިވަނީ ކުލަބު ވެމްކޯގެ ފާޠިމަތު ޖުޒާން ޒަރީރެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައިވަނީ ކުލަބު ވެމްކޯއަށް ކުޅެމުން އަންނަ ބިދޭސި ކުޅުންތެރިޔާ އުޒްބެކިސްތާނުގެ ޔަކޯވްލިވާ އިންނާއެވެ.